އެންމެ ލަސްވެގެން ހޮނިހިރު ދުވަހު މުޅި ތިނަދޫއަށް ކަރަންޓް ދެވޭވަރުވާނެ - ނިމާލް

އެންމެ ލަސްވެގެން އަންނަ ހޮނިހިރު ދުވަހު މުޅި ތިނަދޫއަށް 24 ގަޑިއިރުގެ ވަގުތީ ކަރަންޓް ފޯރުކޮށްދެވޭނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.
ނިމާލް މިހެން ވިދާޅުވީ ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އެތަނުގައި ހުރި ހުރިޙާ އެއްޗެއް އަނދައި ހުލިވެ ތިނަދޫއިން ކަރަންޓް ކެނޑުމުގެ ސަބަބުން އެ ރަށަށް އަލުން ކަރަންޓް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުންނެވެ.
ނިމާލް ވިދާޅުވީ މިހާރު ތިނަދޫގެ ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށާއި، މިއަދު ހަވީރުގެ ވަގުތެއްގައި އެރަށު ބޭންކަށް ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި މީގެ ކުރިން ލ. ގާދޫގައި ބޭނުންކުރި 150 ކިލޯވޯޓުގެ ޖަނަރޭޓަރ މިހާރު ތިނަދޫއަށް ގެންގޮސްފައިވާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ނިމާލް އިތުރަށް ވިދާޅުވީ މާދަމައަށް އެރަށުގެ ސްކޫލްތަކުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކަށްވެސް ކަރަންޓް ލިބިގެންދާނެކަމަށެވެ.
އަދި، މާލެއިން 2 ޖަނަރޭޓަރެއް ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ޖަނަރޭޓަރުތައް ގެންދެވި، އެންމެ ލަސްވެގެން ހޮނިހިރު ދުވަހު މުޅި ރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ