ދެ މީހެއްގެ މަޝްވަރާއިން ނިޒާމު ބަދަލެއް ނުކުރެވޭނެ: މައުމޫން

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވައި، ރަނގަޅު ގޮތަކަށް ނިމިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.
"އާސްކް ސްޕީކާ" މި ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމްގައި ރައީސް ނަޝީދު މިރޭ ވެސް ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ.
"އެއީ 2023 ވަނަ އަހަރުތޯ ނުވަތަ އޭގެ ކުރިއަށް ކުޑަ ތަންކޮޅެއް ލާފަތޯ. އަޅުގަނޑު ހިތުން، މި ވާހަކަތައް އަޅުގަނޑު ހަގީގަތުގައި ފުރަތަމަ މަޝްވަރާ ކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާ ކުރާ ބޭފުޅާއާ. ވަރަށް ދުވަސްވެއްޖެ އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. ދެން ދައްކާފަ ރަނގަޅު ގޮތެއް އަޅުގަނޑުމެންނަށް ނިންމޭނެ،" ނިޒާމު ބަދަލުކުރަން އެންމެ އެކަށީގެންވާ ވަގުތާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ރޭ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ.
"ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ،" ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި މައުމޫން އިތުރަށް ވިދާޅުވި އެވެ.
ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ