ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން އަށް މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

ހޫނު މޫސުމާ ދިމާކޮށް އަވަސް އަވަަހަށް މާލެއިން ކަރަންޓު ކެނޑެމުންދާ މައްސަލަ ހައްލު ކުރުމަށް އަށް މެގަވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއަށް ގެނެސްފި އެވެ.
ސްޓެލްކޯ އިން ބުނީ މި ޖަނަރޭޓަރާ އެކު މާލެއަށް ކަރަންޓް ދިނުމުގެ ކެޕޭސިޓީ އަށް 70 މެގަވޮޓު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިހާރު މި ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިރޭގެ ވަގުތެއްގައި އެ ޖަނަރޭޓަރު އިންޖީނުގެ މައި ނެޓްވޯކާއި ގުޅުމުގެ މަސއްކަތް ފަށާނެ ކަމަށެވެ.
ސްރީލަންކާގެ އެލްޓީއެލް ކިޔާ ކުންފުންޏަކާ ގުޅިގެން ގެނެސްފައިވާ ފިންލޭންޑުގެ ވަޓްސަލާ ބްރޭންޑުގެ މި ޖަނަރޭޓަރު މިއަދުގެ ވަގުތެއްގައި މާލޭގައި ހުންނަ ސްޓެލްކޯގެ ސައިޓަށް ގެންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރު ބެހެއްޓުމަށް ތައްޔާރު ކުރަންޖެހޭ ސަރަހައްދު މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ އަލަށް ގެނައި ޖަނަރޭޓަރުން އިންޖީނުތައް އޯވަލޯޑް ނުވެ މާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ހޫނު މޫސުމާ ދިމާކޮށް އިރުއިރު ކޮޅާ މާޅެއިން ކެނޑެމުންދާ ކަރަންޓަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
މާލޭގައި މިހާރު ބަހައްޓާފައިވާ 26 ޖެނެރޭޓަރުން 64 މެގަވޮޓްގެ ކަރަންޓް އުފައްދަ އެވެ. ސްރީލަންކާގެ އެލްޓީއެލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ 8.7 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން އާ ޖަނަރޭޓަރެއް ގެނެސްފައިވާއިރު ސްޓެލްކޯ އިން ވަނީ 2012 ވަނަ އަހަރު ޖަރުމަނުގެ މޭން ކުންފުނިން 8.9 މެގަވޮޓްގެ ދެ ޖަނަރޭޓަރު ވެސް ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ