މައުމޫން އާ ޕާޓީއެއް ހައްދަވާތީ ރައީސް އެޑްވައިޒަރު ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު މައި ޕާޓީ (ޑީއާރުޕީ)ގެ ޒަޢީމް ކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ، ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް އިދިކޮޅު ޕާޓީ ފުނޑު ފުނޑުކޮށްލުން ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫގައި ރޭ ބޭއްވި އެމްޑީޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އިބުރާ ވިދާޅުވީ، ވެރިކަން ކުރާ ޕާޓީއެއްގެ އިތުރުން އިދިކޮޅު ޕާޓީއެއް ނެތި ޑިމޮކްރަސީ ފުރިހަމަ ނުވާނެ ކަމަށެވެ. އަދި މައުމޫނު ސިޔާސީ ޕާޓީއެއް އުފައްދައިފި ނަމަ އިދިކޮޅު މައި ޕާޓީގެ ގޮތުގައި މިހާރު އޮތް ޑީއާރުޕީ ފުނޑުފުނޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިމޮކްރަސީއެއްގައި ވެރިކަން ހިންގާ ޕާޓޯއާ އެކު އިދިކޮޅު ޕާޓީއެއް އެބަ ބޭނުންވޭ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު ނަގަން ޖެހޭނީ އިދިކޮޅު ޕާޓީން. މައުމޫނު އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް ފައްދަވައިފި ނަމަ ސިޔާސީ މަސްރަހަށް ބަދަލުތަކެއް އަންނަނާނެ. އެގޮތުން ރައްޔިތުންގެ ފަރާތުން ވެރިކަންކުރާ ފަރާތް ޖަވާބުދާރީކުރުވަން މިހާރު އޮތް ޑީއާރުޕީ ފުނޑިގެންދާނެ،" އިބުރާ ވިދާޅުވި އެވެ.
މިހާރުގެ އިދިކޮޅު ޕާޓީ، ޑީއާރުޕީ އިން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ މަަސައްކަތާ ބެހޭ ގޮތުން އިބްރާ އެއްޗެއް ވިދާޅެއްނުވެ އެެވެ.
"ތުލުސްދޫ ޒުވާނުން ހެސްކިޔާފައި އެމްޑީޕީ އަށް" އެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ޑީއާރުޕީއަށް ބޮޑު ތާއީދެއް އޮންނަ ތުލުސްދޫގެ ވިއްސަކަށް މީހުން ވަނީ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ