ނަޝީދާއެކު ވަރަށް މަސައްކަތް ކުރާ ހިތްވޭ: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ވަރަށް މަސައްކަތް ކުރާ ހިތްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަނަކަށް އަލަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މި އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ ވާދަކޮށެވެ. އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
އިންތިހާބުގެ ކެމްޕޭނުގައި އިންތިގެ ޓީމުން ތަކުރާރުކޮށް ދިޔައީ ފައްޔާޒު މަސައްކަތް ކުރައްވަނީ ނަޝީދު އެމްޑީޕީން ބާކީކޮށް އެކަހެރި ކުރުމަށް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
އިންތިހާބުގެ ކާމިޔާބީ އަށްފަހު ރޭ ނޫސްވެރިންނާ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ނަޝީދާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި އަދި އެއީ ވަރަށް މަސައްކަތް ކުރާ ހިތްވާ ބޭފުޅެއް ކަމަށެވެ. އަދި އިންތިހާބުގެ ދުވަސްވަރު ރައްދުކުރި ވާހަކަތަކާއި މެދު ޒާތީ ކަމެއް ނެތް ކަމަށާއި ނަޝީދަކީ ވެސް އެފަދަ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ކުރައްވަންޖެހޭ ކަންކަން ރައީސް ނަޝީދު ކުރައްވާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު މަސައްކަތެއް އިންތިއާ އެއްކޮށް ވެސް އަދި އިންތިގެ ޓީމާ އެއްކޮށް ވެސް ކުރެވޭނެހެން" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެ ބޭފުޅުންނާއެކު އެމްޑީޕީ ހިންގާލުމަށް އޭނާގެ އަތް ވަނީ ހުޅުވިފައި ކަމަށެވެ. އަދި އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑަކަށް ހެދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ނަތީޖާ ލިބުމުން މިހާރު އެންމެން ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒު ވަނީ އެމްޑީޕީ ދެފަޅި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ސިޔާސީ ކެމްޕޭނެއްގައި ދައްކާ ވާހަކަތައް ނަތީޖާ ލިބުމުން ވަރަށް ތަފާތު ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ