ގިނަ ރައްޔިތުންގެ ތާއީދު އޮތްކަމަށް ބެލޭނީ ކުޑަމިނުން 50 އިންސައްތަ ވޯޓް ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ޖުމްލަ ވޯޓުގެ 30 އިންސައްތަ ލިބިގެން ވެސް ރާއްޖޭގެ ރައީސް ކަމަށް އާދެވޭ ގޮތް ހައްދަވަން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށައެޅުމުން އެ ކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޖިލީހުގައި ނަޝީދު ވަނީ، ދެން ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި، ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހަޅުއްވާފައެވެ. އެގޮތުން އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެއްވީ، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލު ކުރުމެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ފަހު، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ.
މިކަމާ ގުޅޭ ގޮތުން މެމްބަރު އުޝާމް ކުރެއްވި ޓްވީޓްގައި ވަނީ، ގިނަ ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބެލޭނީ އެންމެ ކުޑަމިނުން 50 އިންސައްތައިގެ ތާއީދު ލިބިގެން ކަމަށެވެ.
ރައީސް ނަޝީދުގެ ވިސްނުންފުޅަކީ އެހެން ޕާޓީތަކާ އެކު ކޯލިޝަން ނަހަދައި، ވެރިކަން ކުރެވޭނެ ގޮތެއް ހޯއްދެވުމެވެ.
މިހާރު ގާނޫނުއަސާސީގައިވާ ގޮތުން ވެރިކަމަށް އާދެވޭނީ ރިޔާސީ އިންތިހާބުގެ 50 އިންސައްތަ ވޯޓަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެއްވެސް ކެންޑިޑޭޓަކަށް އެ އަދަދު ނުލިބޭ ނަމަ، ދެން ޖެހެނީ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވާށެވެ.
މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ބޭއްވި ތިން ރިޔާސީ އިންތިހާބުގައި ވެސް ވެރިކަމަށް ރައީސަކު ކަނޑައެޅުނީ ދެވަނަ ބުރަށް ގޮސް، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެންނެވެ.
ގިނަ ރައްޔިތުންގެ ތާއީދު އޮތްކަމަށް ބެލޭނީ ކުޑަމިނުން 50 އިންސައްތަ ލިބިގެން: މެމްބަރު އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ