އާޒިމާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކޮށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.އާޒިމާގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.އެ ނިންމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، ހައި ކޯޓުގެ އެ ނިންމުމުގެ އެހެން ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. ދައުލަތުން އިސްތިއުނާފްކުރީ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެވެ.ހައި ކޯޓުން އާޒިމާއާ ދެކޮޅަށް މައްސަލަ ނިންމީ ދައުވާ ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި އެބަހުރި ކަމަށް ބުނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ދެއްކީ ގާނޫނީ އެހެން ސަބަބެކެވެ.ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނު މިހާރު އޮތް ގޮތުން އެ މައްސަލަ އިސްތިއުނާފް ކުރެވެން ނެތް ކަމުގަ އެވެ. ދައުލަތުން ހައި ކޯޓުގައި ވެސް އެ ނުކުތާ ފާހަގަ ކުރި ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު އާޒިމާއަށް އޮންނަ ކަމަށެވެ.އެ މައްސަލަ އިސްތިއުނާފް ކުރެވެން ނެތުމުން އާޒިމާގެ މައްސަލަ ބޭރުކޮށްލަން ކޯޓުން ނިންމިއިރު، ނިހާޔަތަށް ވެސް އާޒިމާއަށް ވަކާލާތު ނުކޮށްދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ ކްރިމިނަލް ކޯޓުން ވެސް ނިންމި ނިންމުމެކެވެ. ނަމަވެސް ހައި ކޯޓުގައި ނިހާޔަތަށް ވަކާލާތު ކުރައްވަން ފުރުސަތު ދެއްވި އެވެ.ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި އެ ރައުޔައަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވި އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރަށް ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ