ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް -- "ހަވީރު" ހުއްޓުވި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހުއްދަ އެ ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް ސުޕްރީމް ކޯޓުން މިއަދު ދީފި އެވެ.
ސިވިލް ކޯޓަށް 2016 ވަނަ އަހަރު "ހަވީރު"ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ހަވީރު ނޫސް ބަންދުކުރީ އެ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެންނެވެ.
އެ މައްސަލައިގައި އެދުނީ އެ ނޫހުގެ އާމްދަނީން އެ ތިން ބޭފުޅުންނަށް ލިބެންޖެހިވަޑައިގަންނަވާ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވަޑައިގެންނެވޭނެ އިންތިޒާމެއް ހަމަޖެއްސައި ދިނުމަށެވެ. ނަމަވެސް އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް ކުރެއްވީ ދައުވާގައި އެދިފައި ނުވާ ގިނަ ކަންތައްތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ހަވީރުގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރުވަން ދެން އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ހިމަނައި ހުކުމްކުރި އެވެ. އަދި އެ މުވައްޒަފުން އެހެން ނޫހެއްގެ ވަޒީފާއަށް ހިނގައްޖެ ނަމަ ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އަމުރު ވެސް ކުރި އެވެ. އަދި ހަވީރު އޮންލައިންގެ ވެބްސައިޓާއި އާކައިވް "ހަވީރު ނިއުސް އެޖެންސީ" ވެސް ހިއްސާދާރުން ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ވެސް ހުކުމްކުރި އެވެ.
އެ ހުކުމް ޑރ. ޒާހިރު ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ. ހައިކޯޓުން މައްސަލަ ނިންމީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާގައިވާ ކަންކަމުގެ މައްޗަށް ނޫން ކަމަށާއި ދަށު ކޯޓުން މައްސަލަ ރިވިއު ކުރުމަށެވެ. އެކަމަކު އެ މައްސަލަ ޑރ. ޒާހިރުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތުއުނާފް ކުރުމުން އެ ކޯޓުން ފުރަތަމަ ނިންމީ އެ ކޯޓުން އިސްތިއުނާފް ކުރުމުގެ ހުއްދަ ދޭން ނުޖެހޭ ކަމަށެވެ. އެހެންކަމުން އެ ނިންމުން އަލުން ރިވިއުކޮށްދިނުމަށް ޑރ. ޒާހިރު އަނެއްކާވެސް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ.
އެ މައްސަލަ ރިވިއުކުރުމަށްފަހު މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ފަނޑިޔާރު މާހާޒު އަލީ ޒާހިރު ވިދާޅުވެފައިވަނީ ނިންމުމެއް ރިވިއު ކުރެވޭނީ ފާޅުކަން ބޮޑު ބޭއިންސާފެއް އޮވެގެން ކަމަށާއި އެފަދަ ހާލަތެއް އަދި އަސާސީ ގޯހެއް ސުޕްރީމް ކޯޓުން ހަދާފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ. އެފަދަ ކަންކަމަށް ބަލާއިރު، ދުވަހު ނޫސް ހަވީރާއި ލޯމާފާނު ޕްރިންޓްގެ މިލްކުވެރި ފަރާތަކީ ކޮބައިކަން ދަށު ކޯޓުން ކަށަވަރު ކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅޭ ކަން ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވި މަޖިލީސް
ހަވީރު މީޑިއާ ގްރޫޕްގެ ދަށަށް ހަވީރު ނޫސް ބަދަލުކޮށްފައިވާއިރު، ހަވީރު މީޑިއާ ގްރޫޕްގެ މިލްކުވެރި ފަރާތަކީ ޑރ. ޒާހިރު ކަމަށް މި މައްސަލައިގައި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ހަވީރު ނޫހުގެ މުދަލުގެ ވެރިފަރާތަކީ ޑރ. ޒާހިރު ކަމަށް ބަޔާންކުރައްވާފައިވެ އެވެ.
"އަދި މި މައްސަލައިގައި ވާހަކަ ދެކެވޭ ހަވީރު ނޫހުގެ މަސްއޫލުވެރި ފަރާތް ކަމުގައިވާ ރަސްމީ ލިޔެކިޔުންތަކުން އެނގޭ ހަވީރު މީޑިއާ ގްރޫޕްގެ ބަހެއް ހައިކޯޓުން ހޯދާފައި ނުވޭ. އޭގެ ސަބަބުން ގާނޫނީ ޝަހުސެއްގެ މިލްކުވެރި މުދަލަކުން އެ މިލްކުވެރި ފަރާތުގެ ބަހެއް ނެތި އަދި އެނގުމެއް ވެސް ނެތި އެހެން ފަރާތެއްގެ މިލްކުވެރި ކަމަށް އެމުދާ ނަގުލު ކުރެވިދާނެ ނުވަތަ އެ މުދަލުން ތަސައްރަފް ކުރެވިދާނެ ހާލަތެއް ހައިކޯޓު ހުކުމުން އުފަންވެގެން ދިޔުމުގެ ފުރުސަތު ހުޅުވިގެންދޭ،" ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
އެހެންކަމުން ހަވީރު މީޑިއާ ގްރޫޕްގެ ބަހެއް ހައިކޯޓުން ހޯދާފައި ނެތުމަކީ ބޭއިންސާފެއް ކަމަށް ފާހަގަކުރައްވައި، ޑރ. ޒާހިރަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވެން ޖެހޭނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
ހަވީރު ނޫސް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށް ނެރެން ފަށައިފައިވަނީ 1983 ގައެވެ. އޭރު އެ ނޫހުގައި ހިއްސާ ވަނީ ޑރ. ޒާހިރު ފިޔަވައި އަނެއް ތިން ބޭފުޅުންނެވެ. ޑރ. ޒާރިރުގެ ނަން ރަޖިސްޓްރީގައި ނެތީ އޭރު އެމަނިކުފާނު ސަރުކާރުގައި އަދާކުރައްވަމުން ގެންދެވި ވަޒީފާގެ ސަބަބުން ކަމަށް އެ ތިން ބޭފުޅުން ކޯޓުގައި ވިދާޅުވެފައިވެ އެވެ. އެކަމަކު ފަހުން ޑރ. ޒާހިރުގެ ނަން މައްޗަށް ރަޖިސްޓްރީ ވަނީ ބަދަލުކޮށްފަ އެވެ.
ހަވީރު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ