ކަރަންޓު ބިލު ނުދައްކާތާ އަހަރެއް، ބިލަށް ލައްކައެއްހާ ރުފިޔާ!

މީގެ އަހަރެއްހާ ދުވަސް ކުރިން ސްޓެލްކޯ އިން ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ކ. ހިންމަފުށީގެ ބައެއް ގޭގެ އިން ކަރަންޓު ބިލަށް ފައިސާ ނުދައްކާތީ އޭގެ ތެރެއިން ބައެއް ގޭގޭގެ ކަރަންޓު ބިލަށް ލައްކައެއްހާ ރުފިޔާ އަރައިފި އެވެ.
މީގެ ކުރިން ޔުނިޓަކަށް ދެ ރުފިޔާ ނަގަމުން އައިސް މިދިޔަ އަހަރުގެ ތެރޭގައި ސްޓެލްކޯ އިން ވަނީ އެ ރޭޓު 5 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ހިންމަފުށީ މީހުން ކަރަންޓު ބިލް ދައްކަން ދެކޮޅު ހެދީ މާލޭގެ ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް ނުގެނެސް ރަށްރަށުގެ ކަރަންޓުގެ އަގު މަތި ކުރުމުންނެވެ. މިކަމާ ހިތް ހަމަނުޖެހި މުޒާހަރާ ކުރުމަށް ފަހު އެ ރަށުގެ ގިނަ ބަޔަކު ނިންމީ ކަރަންޓު ބިލް ނުދެއްކުމަށެވެ.
ހިންމަފުށީ ކައުންސިލް މެމްބަރު އަހުމަދު ހަމީދު ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުކުރުމުން ހިތްހަމަނުޖެހިގެން ބައެއް ގެތަކުން ކަރަންޓު ބިލް ނުދައްކާތާ މިހާރު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި ފަހުން ބިލް ނުދެއްކުނީ އަގު މާ މައްޗަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލް ނުދެއްކިޔަސް ކަނޑައެއް ނުލާ. އެހެންވެ، ބިލް ނުދައްކާ ހުރެ ގިނަ ދުވަސްވެ، އަތް ނުފޯރާ ފަށަށް ބިލްތައް އެރީ. ބައެއް ގެތަކުގެ ބިލަށް ލައްކައެއްހާ ރުފިޔާ އަރާއިރު 80،000 ރުފިޔާ ވެސް ބިލަށް އަރާފައި އެބަހުރި،" ހަމީދު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ބައެއް ގެތަކުގެ ކަރަންޓު ބިލްތައް އަތް ނުފޯރާ ފަށަށް އެރީ މީހުންނަށް ލިބޭ އާމްދަނީ އަށް ވުރެ ކަރަންޓުގެ ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި މިހާރު އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ ކުރިން ދިން ވަރަށް ވުރެ 60 ޕަސެންޓް ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާން ވިދާޅުވީ އާއްމުންނަށް ނުދެއްކިފައިވާ ބިލްތައް ފަސޭހަ ގޮތަކަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސްޓެލްކޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ހިންމަފުއްޓަށް ދިމާވެފައިވާ މި މައްސަލަ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ހިންމަފުށީގެ ކަރަންޓުގެ މައްސަލަ އެނާޖީ މިނިސްޓްރީ އާއި އެނާޖީ އޮތޯރިޓީ އަށް ދޭހަވާ މިންވަރަށް ގެންގޮސްދޭން ރަށުގެ ކައުންސިލްގައި އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހިންމަފުއްޓަށް ކަރަންޓުގެ މައްސަލާގައި "އާދަޔާ ޚިލާފު ތަކުލީފެއް" އުފުލަން ޖެހިގެން އުޅެނީ ކީއްވެގެންތޯ ބައްލަވަން ބޭނުންފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޝާން ވިދާޅުވީ ރައީސްގެ މި އިޝާރާތާ ގުޅިގެން، ކައުންސިލްގެ ޓީމެއް ސަރުކާރުގެ އިދާރާތަކާ ބައްދަލުކުރުމަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އުއްމީދު ކުރަނީ ކޮންމެވެސް ރަނގަޅު ގޮތެއް ހަމަޖެހޭނެ ކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ