އަދީބުގެ ވާހަކަތަކުން ދޭހަވަނީ ގާސިމް އިތުރު ގޮޅިއަކަށް ފައްތަން އުޅޭކަން: އަމީން
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރޭ ޕީޕީއެމްގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކުން ދޭހަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ގޮޅިއަކަށް ފައްތަން އުޅޭކަން ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ހިނގާލުމުގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ، އަދީބުގެ ވާހަކަފުޅަކީ "އިތުރު ގޮޅިތަކަކަށް ގާސިމް ފައްތަން ސަރުކާރުން އުޅޭ ކަމުގެ ހެއްކެއް" ކަމަށެވެ. "އަދީބުގެ ރޭގެ ސްޕީޗަކީ އެހެން ގޮތް ގޮތުންވެސް ގާސިމަށް އަނިޔާ ކުރަން. ގާސިމަށް އަނިޔާވެރިވާން. އިތުރު ގޮޅިތަކަކަށް ފައްތަން ސަރުކާރުން އުޅޭ ކަމުގެ ހެއްކެއް،" އަމީން ވިދާޅުވި އެވެ. ގާސިމްގެ ހުރިހާ ވިޔަފާރި އެއް ހުއްޓުވައި، އެމަނިކުފާނު ބަގުރޫޓުކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އަމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ. "ސަރުކާރުން އެމަނިކުފާނަށް އެ އަނިޔާ ދެމުން ދިޔަ ނަމަވެސް އެމަނިކުފާނުގެ ރޫހު ވަނީ އިސްލާހީ ހަރަކާތާއި އެއްކޮށް. އަޅުގަނޑުމެން ކުރިއަށް މިގެންދާ ހަރަކާތުގެ ތެރެއިން އަޅުގަނޑުމެން ހުރިހާ އެންމެނަށްވެސް އެބަ ހިތްވަރު ލިބޭ. އެ ހިތްވަރު އަޅުގަނޑުމެނަށް އެބަފެނޭ،" އަމީން ވިދާޅުވި އެވެ. ރޭ ޕީޕީއެމުން "ގިނަވަނީ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދީބު ވިދާޅުވެފައި ވަނީ ކޯޓު މެދުވެރިކޮށް ނުވަ މިލިއަން ޑޮލަރު ގާސިމް ހޯއްދަވާފައިވާކަމަށާއި، 17 މިލިއަން ޑޮލަރުގެ ބަދަލުގައި "ޕްލަސް ޕްލަސް އިންޓަރެސްޓާ އެކު" 127 މިލިއަން ދައުލަތުން ގާސިމަށް ދޭން ޖެހޭނެކަމަށް ބުނެ ހައިކޯޓުގައި މިހާރުވެސް ގާސިމް ވަކާލާތުކުރައްވަމުން ދާ ކަމަށެވެ. އަދި އެކަން ގާސިމަށް ވިޔަ ނުދޭނެ ކަމަށް އަދީބު ވިދާޅުވި އެވެ. ސަރުކާރާއި އިދިކޮޅަށް އެމްޑީޕީ ފުރަތަމަ ނިކުމެ އަޑުއުފުލަން ފެށި އިރު ގާސިމްވެސް ވަނީ އެމްޑީޕީއާއި ބައިއަތު ހިތްޕަވައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށާފަ އެވެ. އެހެން ނަމަވެސް ފަހުން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގާސިމް ބައިވެރިވެވަޑައިގަންނަވާ ތަނެއް ނުފެނެ އެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން އަދީބާއި ގާސިމްވަނީ ސިއްރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމާ ބެހޭގޮތުން އެއިން އެއްވެސް ބޭފުޅަކު ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ