ހުޅުމާލޭގެ ހަމަލާއާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ޓުއަރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލު ކޮށްފި

މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލް(އެންއެސްސީ) ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި އެންއެސްސީގެ ފަރާތުން، ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކަކަށް އެ ހަރުކަށި އަމަލާ ގުޅިގެން ދިވެހި މުޖްތަމައާއި އިގްތިސާދަށް އޮތް ނުރައްކާތެރިކަން ފާހަގަކުރައްވާ އެކަމުގައި ދުރާލާ ފިވަޅުތަކެއް އަޅާނެކަމަށް އެ ބައްދަލުވުމުގައި އެ ކައުންސިލުން ބުނެފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމުގައި ކުޑަވެސް ދުލެއް ނުދީ ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން ފަތުރުވެރިކަމުގެދާއިރާގެ ފަރާތްތަކަށް އެންއެސްސީ އިން ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ އިތުރުން މިކަމާ ގުޅިގެން ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުތައް ވެސް ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ އެންއެންސީ އިން މި ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ރައިސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުން ވަނީ މިކަމާގުޅިގެން ކުރަންޖެހޭ ކަންކަމުގައި ޓުއަރިޒަމްދާއިރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ. ހުޅުމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފައެވެ. އަދި ހަމަލާގެ ޒިންމާ ނަގާ އާންމުކުރި ވީޑިއޯގެ ސައްހަކަންވެސް ބަަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ހަމަލާ ދީފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. ހަމަލާތަކުގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ފަރުވާއަށްފަހު އެކަކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެ ހަމަލާ ދިން ފަރާތްތަކާއި ހަމަލާ ރޭވި ފަރާތްތަކުގެ އިތުރުން އެކަމަށް އެކިގޮތް ގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއްވިއެވެ. ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ރައީސް ނެރުއްވި ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ