ފުލުހުންގެ ޑައިވިންގ ސްކޫލް ކ.ފޭދޫ ފިނޮޅުގައި ހުޅުވައިފިއެވެ.
މިއަދު ހަވީރު ފޭދޫ ފިނޮޅުގައި އޮތް ރަސްމިއްޔާތެއްގައި ޑައިވިންގ ސްކޫލް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޑައިވިންގ ސްކޫލެއް ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކަނޑުމަތީގެ ދާއިރާގައި މެރިން ޕޮލިސް ހުޅުވަމުންދާ ދޮރުތަކަކީ ވަރަށް މުހިންމު ދޮރުތަކެއް ކަމަށެވެ.
އަދި ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމުގައިވާތީ، އަދި ކަނޑުމަތީގައި ދިމާވާ އެކި އެކި ހާދިސާތައް ދިމާވާއިރު، ޑައިވިންގ ސްކޫލެއް ހުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މިއަދު ހުޅުވިގެން ދިޔަ ޑައިވިންގ ސްކޫލްއަކީ ހަމައެކަނި ފުލުހުންނަށް ހުޅުވުނު ޑައިވިންގ ސްކޫލެއް ނޫނެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިކަން ދަސްކޮށްދީ މިކަން ފުޅާ ކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ފުލުހުންގެ ޑައިވިންގ ސްކޫލެއް ހުޅުވިފައިވަނީ މެރީން ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންގެ ބުރަ މަސައްކަތުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ލޯންޗު ޑައިވިންގ ކޯސް ނިންމި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުންދީފައެވެ. މި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުއެވެ. ޑްރައިވިންގ ކޯސް ނިންމާ ޖުމްލަ 10 ބައިވެރިންނަށް ވަނީ ސެޓްފިކެޓު ހާސިލްކޮށްފައެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ލޯންޗު ޑްރައިވިންގ ކޯސް ކުރިއަށް ގެންދިޔަ މުދައްރިބުންނަށް ކޯސްގެ ބައިވެރިންގެ ފަރާތުން ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.
ފުލުހުންގެ ޑައިވިންގ ސްކޫލް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ