ރައީސްގެ އިސްތިއުފާއަށް ގޮވާލައި، ޕީއެންއެފުން ސިލްސިލާ އެއްވުންތަކެއް ފަށައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް)އިން ރާޅުގަނޑު ސަރަހައްދުގައި ސިލްސިލާ އެއްވުންތަކެއް މިރޭ ފަށައިފިއެވެ. ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމުގައި ބައިވެރީން ވަނީ، ނިމިދިޔަ ހޮނިހިރު ދުވަހު ނެގި ވޯޓުގައި ރައްޔިތުން ވަނީ، ރައީސް މުއިއްޒަކީ މި ގައުމުގެ ރައީސް ނޫންކަމަށް ބުނެފައި ކަމަށް ބުނެ އަޑު އުފުލައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ވަނީ ވޯޓެއް ނަަގައިފައެވެ. އެ އިންތިޚާބުތަކުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ވަކާލާތު ކުރީ، ދެ އިންތިޚާބު އެއްކޮށް ބާއްވަން ކަމަށްވީ ނަމަވެސް، 68 ޕަސެންޓް މީހުން އެކަމާ ދެކޮޅު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. ޕީއެންއެފްއިން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން --- މި ހަރަކާތާ ގުޅުވާ 'ސަން'އިން ސުވާލުކުރުމުން ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް ވިދާޅުވީ، މި ހަރަކާތަކީ ޕޭއެންއެފްގެ ވަރަށް ގިނަ އާންމު މެމްބަރުންތަކެއްގެ އެދުމުގެ މަތީން، އާންމު މެމްބަރުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މި ވެރިކަމަށް ތާއީދެއް ނެތްކަން އިންތިޚާބުތަކުން ހާމަވިކަން ހަނދާންކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. މަލީހް ވިދާޅުވީ ރައްޔިތުން ގޮތް ނިންމާފައި ވާކަމަށާއި މި ވެރިކަމަށް ތާއީދުކުރަނީ ރައްޔިތުންގެ ތެރެއިން އެންމެ 30 އިންސައްތަ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީއެންއެފްގެ ހަރަކާތަކީ، ހުއްޓުމެއްނެތި އެ ޕާޓީން ކުރިއަށްގެންދާނެ ހަރަކާތެއް ކަމަށެވެ. ޕީއެންއެފްއިން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން --- ނަމަވެސް މި ހަރަކާތް ބާއްވަނީ ކޮންކޮން ރޭތަކެއްގައި ކަމެއް މަލީހް ވިދާޅެއްނުވެއެވެ. ޕީއެންއެފްއިން އެ ހަރަކާތްތައް ފެށިއިރު، ރައީސްގެ ދެކަނބަލުން އިއްޔެ ވަނީ އުމްރާއަށް ފުރާވަޑައިގެންފައެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށް ފަހު، އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ރައީސްގެ އިސްތިއުފާއަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ