މިއީ މިހާރު ފެންނަ އާއްމު މަންޒަރެކެވެ. އެއީ މިފަހުގެ މަގުބޫލު ބިއުޓީ ޓްރެންޑެއް ކަމަށްވާ މޫނުމަތީގަ އެކި ކުލައިގެ އަދި އެކި ސިފަޔަށް ހުންނަ 'ޕިމްޕަލް ޕެޗް' ތަތްކުރުމެވެ. ފިހާރަތަކުން ނުވަތަ ސޯޝަލް މީޑިއާގެ 'އޮންލައިން ޕޭޖު'ތަކުން ގަންނަން ލިބެން ހުންނަ 'ޕިމްޕަލް ޕެޗް' (ބައެއް ބްރޭންޑުތަކުން 'އެކްނޭ ޕެޗް'އޭ ވެސް ކިޔާ އުޅޭ) އަކީ މޫނުމަތީގައި ނަގާ ހުންނަ ޕިމްޕަލްއެއް ނުވަތަ ލަކުނެއް ފޮރުވާލުމުގެ އިތުރުން ހަންގަނޑަށް ރަނގަޅު ހައިޑްރޮކޮލޮއިޑް އަޅާފައި ހުންނަ ހަންގަނޑުގައި ތަތްކޮށްލެވޭ ސްޓިކާއެކެވެ.
އެކަމަކު މިހާރު މީހުން އެ 'ޕެޗް' ބޭނުންކުރަނީ ހަމައެކަނި ހަންގަނޑަށް ފައިދާ ކުރުމުގެ ނިޔަތުގަ އެކަންޏެއް ނޫނެވެ. ބައެއް މީހުން ތަފާތު ކުލަ އާއި އެކި ޑިޒައިނުގެ 'ޕިމްޕަލް ޕެޗް' ތަތްކުރަނީ ރީތިވީމާ ނޫނީ އޭގެ 'އެއިސްތެޓިކްސް' އަށެވެ. އަޅުގަނޑު ވެސް އެކި ވައްތަރުގެ 'ޕިމްޕަލް ޕެޗް' ބޭނުންކުރީމެވެ. އޭގެ ތެރެއިން ހަމުގެ ކުލައާ އެއްކުލައިގެ އާދައިގެ 'ޕިމްޕަލް ޕެޗް'ގެ އިތުރުން ތަރިއެއްގެ ސިފައިގަ އާއި ނަލަ އިތާމުތް ކުލައިގެ ވިލާކޮޅެއްގެ ޑިޒައިނަށް ހުންނަ 'ޕެޗް' ވެސް ބޭނުންކުރީމެވެ. އޭގެ ތެރެއިން އެކި ޑިޒައިނަށް ފަރުމާކޮށްފައި ހުންނަ 'ޕެޗް'އަކުން ޕިމްޕަލްއަށް މާ ބޮޑު ފައިދާއެއް ނުކުރެ އެވެ. އެކަމަކު ފާހަގަވި އެއްކަމަކީ - އެ 'ޕެޗް' ތަތްކޮށްފައި ހުންނަ ކޮންމެ ފަހަރަކު މީހުންގެ ސަމާލުކަން ލިބުމެވެ. ރަހުމަތްތެރިންނާއި އާއިލާގެ ފަރާތުން ލިބޭ މަޖާ ކޮމެންޓަރީގެ އިތުރުން އެ ތަތްކޮށްލުމުން ވަގުތީ ލަކުނު ތަފާތު ގޮތަކަށް ފޮރުވާލެވެ އެވެ. މި ތަޖުރިބާއަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
ރީތިވުމަށް ޒަމާނުއްސުރެން މީހުން އެކި ވައްތަރުގެ ކަންކަން ކުރެ އެވެ. އެންމެ އާދައިގެ ކަންތައްތަކުން ފެށިގެން އާދަޔާ ހިލާފު ކަންތައްތަކެވެ. އޭގެ ތެރެއިން ބިއުޓީ 'ޕެޗް' އަކީ ވެސް ދިގު ތާރީހެއް ހިމެނޭ އެތައް ސަތޭކަ އަހަރެއް ކުރިން ފެށު ކަމެކެވެ.
ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ފަހުގެ 'ޕެޗް'ގެ އަސްލު ފެށުނީ ރޯމަނުންގެ ޒަމާނުގަ އެވެ. އެއަށް 'މޫޝަސް' ނުވަތަ 'ޕްލެއިސްޓަސް'ގެ ނަމުން 17 ވަނަ ގަރުނުގެ ޔޫރަޕްގައި އިތުރަށް މަގުބޫލުވި އެވެ.
ތާރީހުން ދައްކާ ގޮތުގައި، 17 ވަނަ ގަރުނުގައި ބިއުޓީ 'ޕެޗް' ފަރުމާކުރީ ކަރުދާސް، ސިލްކް ނުވަތަ މަހުމާއިންނެވެ. ތަރިއެއް، ހަނދެއް، ހިތެއް، ބޮޅެއް ނުވަތަ މަލެއްގެ ބައްޓަމަށް 'ޕެޗް' ތައްޔާރުކުރި އެވެ. އެޒަމާނުގައި އާއްމުކޮށް 'ޕެޗް' ހުންނަނީ ކަޅު ކުލައިގަ އެވެ. ޔޫރަޕްގެ ރަސްމަތީ އަދި ބޭފުޅު އާއިލާތަކުގެ އަންހެނުންނާއި ފިރިހެނުން ވެސް ބޭނުންކޮށް އުޅުނު އެއްޗެކެވެ. އެމީހުންގެ މަތީ ފަންތީގެ ނިޝާނެއްގެ ގޮތުގައި ހަންގަނޑު ވީހާވެސް ދޮންކޮށް ދެއްކުން މުހިއްމުވެފައި، ކަޅު ބިއުޓީ 'ޕެޗް'އެއް ތަތްކޮށްލުމުން އެމީހުންގެ ދޮން ހަންގަނޑަށް އިތުރު ސަމާލު ކަމެއް ގެެނެސްދެ އެވެ.
އިނގިރޭސިވިލާތުގެ ސިވިލް ސާވަންޓެއް ކަމަށްވާ ސެމިއުލް ޕެޕީސް 1660 އާއި 1669އާ ދެމެދު ލިޔެފައިވާ ޑައިރީއެއްގައި ބުނެފައި ވަނީ އަންހެނުން އެމީހުންގެ ބިއުޓީ ޕެޗް ހަންގަނޑުގައި ތަތްކުރަން ކުޅުކޮޅެއް ލައި ކަމަށެވެ. ބައެއް ދިރާސާތަކުން ބުނާ ގޮތުގައި އޭރު 'ރެޑީ-މޭޑް' ޕެޗް ވެސް ލިބެން ހުއްޓެވެ. އެ ޕެޗްތަކުގެ ފަހަތުގައި 'މާސްޓިކް' ތެރަސް އުނގުޅާފައި ހުރެ އެވެ. އެއީ 'މާސްޓިކް' ކިޔާ ގަހަކުން ނަގާ ތެރަހެކެވެ.
އެކި މީހުން 17 ވަނަ ގަރުނުގެ ފަހުކޮޅު ލިޔުނު ފޮތްތަކުގައި ބުނެފައިވާ ގޮތުގައި 'ޕެޗްތައް' އަޅަން ހާއްސަ، ކުދި އަދި ޒީނަތްތެރި ފޮށި ބައެއް މީހުން ބޭނުންކޮށް އުޅުނެވެ. އެޒަމާނުގައި ފެޝަނަށް ލޯބިކުރާ މީހުން އެމީހުންގެ ވެލްވެޓް ނުވަތަ ސިލްކް ޕެޗްތައް އަޅަން ތައްޔާރުކޮށްފައިވާ ކުޑަ ރިހި ފޮއްޓެއް ހިފައިގެން ތިބޭތަން ފެނުން އާއްމެވެ.
މިއަދެކޭ އެއްފަދައިން ބިއުޓީ ޕެޗްތަކަށް ދެ މަގްސަދެއް އޮވެ އެވެ. އެ ގޮތުން 17 ވަނަ ގަރުނުގެ ޅެންވެރިއެއް ކަމަށްވާ ޖޯން މާސްޓަން ލިއުނު "ޖެކް ޑްރަމްސް އެންޓަޓެއިންމަންޓް" ގައި ބުނެފައި ވަނީ ކަޅު ކުލައިގެ 'ޕެޗް' ތަތްކުރަނީ މުޖުތަމައުގައި މީހެއްގެ އިއްޒަތްތެރިކަން ދެއްކުމަށް، ރީއްޗަކަށް ނޫނީ ހަލާކުވެފައި ހުންނަ ތަނަކުން ދޮސް ފައިބާތީ ހުއްޓުވާށާއި ލަކުނެއް ފޮރުވުމަށެވެ. މީގެ އިތުރުން ސްމޯލްޕޮކްސް ނުވަތަ ސިފިލިސް ފަދަ ބަލިތަކުން އުފެދޭ ނިޝާންތައް ފޮރުވަން ވެސް ޕެޗްތައް ބޭނުންކުރި އެވެ.
އެޒަމާނުގެ ލިޔެކިއުންތަކުގެ އިތުރުން އާޓިސްޓުން ކުރުހާފައިވާ ކުރެހުންތަކުން ވެސް ބިއުޓީ ޕެޗް ފެނެ އެވެ. ރަސްމަތީ އާއިލާތަކުގެ އަންހެނުންނާއި ފިރިހެނުންގެ ޕޯޓްރެއިޓު ކުރެހުމަކީ އޭރު އާއްމު ކަމެކެވެ. އޭގެ ސަބަބުން އެޒަމާނުގައި ލާ އުޅުނު ހެދުމާއި އިސްތަށިގަނޑުގެ ސްޓައިލްގެ އިތުރުން އޭރުގެ ބިއުޓީ ޓްރެންޑުތައް ވެސް ފާހަގަވެ އެވެ.
އެގޮތުން 1753ގައި އިނގިރޭސިވިލާތުގެ އާޓިސްޓު ސާ ޖޯޝުއާ ރެނޯލްޑްސް ކުރެހި ޕޯޓްރެއިޓަކުން، އިނގިރޭސި އަސްކަރިއްޔާގެ އޮފިސަރެއް އަދި ޑިޕްލޮމެޓެއް ކަމަށްވާ ޗާލްސް، 9 ވަނަ ލޯޑް ކެތުކާޓްގެ މޫނުމަތިން ކަޅު ކުލައިގެ ބޮޑު ޕެޗެއް ފެނެ އެވެ. އޭގެ ބައްޓަން މިހާރު އާއްމުކޮށް ބޭނުންކުރާ 'އަންޑާ އައި ޕެޗް' އާ ވައްތަރެވެ. އަދި 1650ގެ ކުރެހުމެއްގައި ދެ ނަސްލުގެ އަންހެނުން ފެންނައިރު އެމީހުންގެ މޫނުމަތީގައި އެކި ވައްތަރުގެ ކަޅު ޕެޗް ހުއްޓެވެ.
މި އެކްސެސަރީގެ މަގްބޫލުކަން އިތުރުވަމުން ދިޔަ އިރު، އެކި ފަންތީގެ 'ސްޓައިލިޝް' އަންހެނުން ވެސް އެ ބޭނުންކުރި އެވެ. ލަންޑަންގެ މައި ޝޮޕިން ސެންޓަރުތަކުން ވިއްކި އެވެ.
މި ޕެޗަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ލިބުނީ 18 ވަނަ ގަރުނުގަ އެވެ. އޭގެ ބައްޓަމާއި ގައިގައި ތަތްކޮށްފައިވާ ތަނުގެ ސަބަބުން އަމީރުންގެ މެދުގައި އޭގެ ނަން ވީ އާންމު އެއްޗަކަށެވެ. ޕެޗްތައް މޫނުމަތީގަ އާއި ގައިގައި ތަރުތީބު ކުރެވިފައިވާ ގޮތުގެ ސަބަބުން އެމީހެއްގެ އިޖުތިމާއީ ފަންތި ނުވަތަ ސިޔާސީ ވަފާތެރިކަން ވެސް އަންގައިދެ އެވެ. ފްރާންސްގެ މަޝްހޫރު ރަސްކަލެއް ކަމަށްވާ ލުއީ XVގެ އެންމެ މަޝްހޫރު އަދި އެންމެ ފަހުގެ ލޯބިވެރިޔާ މެޑަމް ދު ބެރީ ވަނީ ޕެޗްގެ ރަމްޒީ މާނަތައް އަންގައިދޭ ގައިޑެއް ގެންގުޅުނު ކަމަށް ބުނެފަ އެވެ. ފަހަރެއްގައި މިޒަމާނުގެ 'ޕިމްޕަލް ޕެޗް' އިން ވެސް މިކަހަލަ ގޮތަކަށް މުވާސަލާތު ކުރުމަށް ބޭނުންކުރެވޭ ވަސީލަތަކަށް ބަދަލުވުން އެކަށީގެންވެ އެވެ.
ކުރީ ޒަމާނުގައި ފެނުނު ޕެޗްތަކާއި މިހާރުގެ ޕެޗްތަކާ ވަރަށް އެއްގޮތް ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އަދި ތާރީހުން އެނގޭ ގޮތުގައި އޭރު މީހުން ބޭނުންކޮށް އުޅުނީ އުނި ސިފަތައް ފޮރުވައި ރީތިކަން ދެއްކުމަށެވެ. މިއަދުގެ ޓްރެންޑްތަކުގެ އަސްލު ދެނެގަތުމަށް މާޒީއަށް ބަލައިލުން މުހިއްމެވެ.
މި ޒަމާނުގެ މަގުބޫލު ޓްރެންޑް 'ޕިމްޕަލް ޕެޗް'ގެ ދިގު ތާރީހެއް އޮންނަކަން އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ