ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް އީގަލްސް އިން ލީގަށް ވާދަކުރަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަަ ޖެހުމެއް ލިބޭނީ ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. އެއީ، މާޒިޔާ އަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބޭނެތީ އެވެ. މާޒިޔާ އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، އޮޑި އަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ލީގުގައި އޮޑި ބަލިވެފައިވަނީ، އީގަލްސް އާއި މާޒިޔާ އަތުންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އީގަލްސް އާއި އޮޑީގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އީގަލްސްގެ ކުރިއަށް ކުޅޭ، ސާބިއާގެ ފޯވާޑް، ޑްރަގޯ މެކްސިމޯވިޗަށް ލިބުނު ހުސް ފުރުސަތެއްގައި ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވިގެން ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
އީގަލްސް އިން ލީޑުނެގީ އޮޑީގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. އެ ގޮތުން، މެޗުގެ 31 ވަނަ މިނިޓްގައި އޮޑީގެ މުހައްމަދު ސާމިރު ފަހަތަށް ދިން ބޯޅައެއް ހޯދައި، އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޒައިން ޒަފަރު ވަނީ އީގަލްސް އަށް ލީޑުނަގައިދީފަ އެވެ.
އޮޑީގެ މިކްޔާލް (ކ) ކައިރިން އީގަލްސްގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
އޮޑި އަށް އެއްވަރުކޮށްދޭން އެ ކްލަބުން ފޮނުވާލި ހަމަލާތައް އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ. އަދި، އޮޑީގެ ލިތުއޭނިއާ ފޯވާޑް، ކަރޮލިސް ލައުކްޒެމިސް ފޮނުވާލި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ދެ ވަަނަ ހާފުގައި އީގަލްސް އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ކައުންޓަ އެޓޭކުގައި ހޯދަމުންދިޔައިރު، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި، ސިއެރަ ލިއޯންގެ މިޑްފީލްޑަރު އިބްރާހިމް ލެބީ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ލެބީ މި ލަނޑު ޖެހީ އޭރިއާތެރެއިން ޒައިން ދިން ބޯޅައަކުންނެވެ. މި ލަނޑު ޖެހުމުގެ ކުރިން ލެބީ އަތުން ރަނގަޅު ދެ ފުރުސަތެއް ވަނީ ގެއްލިފަ އެވެ.
މެޗުގައި އޮޑިން ލަނޑު ޖެހޭތޯ ފޮނުވާލި ގިނަ ބޯޅައެއް އީގަލްސްގެ ކީޕަަރު އަޝްވާން ވަނީ މަަތަކޮށްފަ އެވެ. އޭގެ ތެރޭގައި، އޮޑީގެ ނައިޖީރިއާ ޑިފެންޑަރު، ގަނިއޫ އަޓަންޑާ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ހިމެނެ އެވެ.
ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި އީގަލްސް އިން ދެ ވަނަ ބުރުގައި ހޯދި ފުރަތަމަ މޮޅާ އެކު، 12 މެޗުން 16 ޕޮއިންޓް ހަމަކޮށް، މި ވަގުތު އޮތީ ލީގުގެ ހަ ވަނައިގަ އެވެ.
އީގަލްސް އިން އޮޑި ބަލިކޮށްފި އީގަލްސް އިން އޮޑި ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ