"އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ކުރިއަށްގެންދަވާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލައްވާފައި މިވަނީ ރޭ ބޭއްވުނު އެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސީ.އެމް.އީ.ސީ. ގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު ހޯއްދަވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި މި މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އިސްވެރިންގެ އިތުރުން ސީ.އެމް.އީ.ސީ. ގެ އިސްވެރިންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ