ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކްގެ ތާއީދު، މޫސާ އަލީ ޖަލީލަށް

މާލެ ސިޓީގެ އެންމެ ފުރަތަމަ މޭޔަރުކަން ކުރެއްވި ސަރަނގު އާދަމް މަނިކް، ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން ސަރަނގު އާދަމް މަނިކް ވަނީ, އޭނާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރެއްވުމަށް ނިންމެވި ސަބަބު ބަޔާންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މޭޔަރ ކެނޑިޑޭޓަށް ތާއީދޔު ކުރެއްވުމަށް ނިންމެވީ ވަރަށް ވިސްނަވާފައިކަމަށެވެ. އެގޮތުން މިކަމުގައި ވެރިކަންކުރާ ޕާޓީއާ އިދިކީލަވެގެން މޭޔަރަކު ހޮވުމަކުން ލިބޭނޭ މޮޅުތަކެއް ނޯންނާނެކަން ފާހަގަކުރައްވަމުން ސަރަނގު އާދަމް މަނިކް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ ކެނޑިޑޭޓް ހިޔާރުކުރުން ކަމަށެވެ.
އާދަމް މަނިކް ވިދާޅުވީ މާލެއަށް ގެންނަން ޖެހޭ ތަރައްޤީ ގެނެވޭނީ ސަރުކާރާ ގުޅިގެން ކަމަށާއި، ފާއިތުވެދިޔަ ތަނުގައި ލިބުނު ތަޖުރިބާއަކީ ސަރުކާރާ އިދިކޮޅުވެގެން ލިބުނު މޮޅެއް އަދި ކުރެވުނު ކަމެއް ފެންނަން ނެތްކަމަށެވެ. އާދަމް މަނިކް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު، މާލެ ތަރައްޤީކުރުމަށް ޕްލޭނެއް އޮތްކަމަށާއި، މޫސާ އަލީ ޖަލީލް ހޮވިވަޑައިގެން އެކަންކަން ކުރިއަށް ގެންދިއުމުގެ އުއްމީދު ކުރާކަމަށެވެ. 
މޫސާ އަލީ ޖަލީލަކީ ނިކަން ރަނގަޅަށް ދަންނަ ބޭފުޅެއްކަން ފާހަގަކުރައްވަމުން އާދަމް މަނިކް ވިދާޅުވީ، ސަރުކާރުގެ ކެނޑިޑޭޓަށް ބަޔަތު ހިއްޕަވަން ނިންމެވީ ހުރިހާ ކަމަކަށްވެސް ވިސްނަވާފައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ