އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒުރޭލުން ކުރާ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު އަންނަ މަހު ކުރީކޮޅަށް ފަސްކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން އެދުނީ އެއް މަސްދުވަސް ފަސްކޮށްދިނުމަށް،" ރޭ ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެ ހުށައެޅުމާ ގުޅިގެން އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މި މަހު 31 އިން އަންނަ މަހު 2އަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ޓްރަމްޕް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ފަސްކުރެއްވުމުން އެނގިގެން ދަނީ އީރާނު ހަނގުރާމާގައި އެމެރިކާގެ ހާރިޖީ ސިޔާސަތު ބުރޫއަރާފައިވާ ކަމެވެ. އެއާ އެކު އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމުގެ ބިރު ވެސް ވަނީ އުފެދިފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ކުރިއަށް އެބަދެ އެވެ. ރައްދެއްގެ ގޮތުން އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފަ އެވެ. ނަމަވެސް އީރާނާ ގުޅުން އޮންނަ ގައުމުތަކުގެ ބޯޓުތަކަށް ހުރަހެއް ނެތެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އުޅަނދުތައް ރައްކާތެރިކަމާ އެކު ދަތުރު ކުރުމަށް ޗައިނާ ފަދަ ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
ދުނިޔޭގެ ތެލުގެ ފަސް ބައިކުޅަ އެއްބައި ތެޔޮ ރޯލް ކުރަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށެވެ.
ޓްރަމްޕް އެހީއަށް އެދި ވަަޑައިގަތް ނަމަވެސް އެކަމަށް އެއްވެސް ގައުމަކުން އަދި އެއްބަސްވެފައެއް ނުވެ އެވެ. މި އަހަރުގެ އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ޗައިނާ އިން ދުވާލަކު 12 މިލިއަން ފީފާގެ ތެޔޮ އެތެރެކޮށްފައިވެ އެވެ.
"ރައީސް ޗައިނާއަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަރުޖަމާން ކެރޮލިން ލެވިޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރަމްޕްގެ ދަތުރުގެ ތާރީހުތައް ބަދަލުކުރެވިދާނެ ކަމަށާއި ނަމަވެސް ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އޭނާ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މި އޮޕަރޭޝަން ކާމިޔާބު ކުރުމަށް ކަމަށެވެ.
ޓްރަމްޕް ފައިނޭންޝަލް ޓައިމްސްއަށް މިދިޔަ އާދީއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޗައިނާ އިން އެހީ ނުދީފި ނަމަ ބައްދަލުވުން ފަސްކޮށްފާނެ ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމާ ގުޅިގެން މެދުއިރުމަތިން ބޭރުކުރާ ތެލުގެ %60 ދަށްވެފަ އެވެ.
ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ ޗައިނާ ދަތުރު މަހެއް ފަސް ކުރަން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ