ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އަލަށް އިންތިހާބުވާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ގޮތް ބެލުމަށްފަހު ކަންތައްތައް ބަދަލުކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ނުބެލުމަށާއި، އެ ދެ އިންތިހާބު ދޭތެރޭ އޮންނަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ”ޕާފޯމަންސެއް“ ނުބެލޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އެކުލަވާލާފައިވާއިރު އިންތިހާބުތައް ބާއްވާނެ ތާރިހުތައް ވެސް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ އިންތިގާލީ ކަންތައްތަކާބެހޭ ބާބުގައި ބަޔާންކޮށްފައިވަނީ 11 ނޮވެންބަރު 2008 ގައި ރިޔާސީ އިންތިހާބު ނިންމަންވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބުކޮށް ފެބްރުވަރީގައި ހުވާކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އޮތް ގޮތަށް އެކަން ކުރިނަމަ ދެ އިންތިހާބުގެ ދޭތެރޭގައި އޮންނާނީ ތިން މަސް ދުވަސް ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މިކަމާ އިދިކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ދައްކާ ވާހަކައަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޕާފޯމަންސް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގައި ރައްޔިތުންނަށް އިތުރު ފުރުސަތެއް ލިބިގެންދާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގެ މުއްދަތުތައް ކަނޑައަޅާފައި އޮތް ގޮތުން އެގޮތަށް މާނަކުރެވޭ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި، ތިން މަސް ދުވަސް ނުވަތަ ހަ މަސް ދުވަހެއްގެ ތެރޭގައި ސަރުކާރެއްގެ ޕާފޯމަންސް ވަޒަން ނުކުރެވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ސަރުކާރުގެ ކަންކަން ރަނގަޅަށް ހިނގައިގަންނަން އަށްވަރަކަށް މަސް ދުވަސް ނުވަތަ އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
”ދެން އެހެންވީމާ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ކަމެއް ނުވި ކަމަށް ބަލާފައި، ރައްޔިތުން އެޔަށް ގޮތެއް ކަނޑައަޅަން އޮތް ފުރުސަތެކޭ މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެ ވިދާޅުވާ ވާހަކައަކީ އެހާ ރަނގަޅު ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން ގާނޫނު އަސާސީގެ މުއްދަތުތައް ކަނޑައެޅިފައި ހުރި ގޮތަށް ބަލާއިރުވެސް.“ އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ރިޔާސީ ނިޒާމު ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ދެ އިންތިހާބު ހަމަ ބާއްވަނީ އެއް ދުވަހެއްގައި ކަމަށެވެ.
އަދި އެކަމުގައި ވަރަށް ފުރިހަމަ ނަތީޖާތައްވެސް ފެނިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެކުއެވެ.
ހަ މަސް ދުވަސް ތެރޭ ސަރުކާރުގެ ”ޕާފޯމަންސެއް“ ނުބެލޭނެ: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ