އިހުމާލުގެ މައްޗަށް އިހުމާލު: އިސްނެގުމާއި، ޒިންމާދާރުކަން އަދި ލީޑާޝިޕް
ލީޑާޝިޕަކީ ހަމައެކަނި ފޮތްތަކުން ނުވަތަ ތަމުރީނުތަކުން ދަސްކުރެވޭ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް އެންމެ ވަރުގަދަ ފިލާވަޅުތައް ލިބެނީ ވަރަށް އާދައިގެ ކަންކަމުގެ ތެރެއިންނެވެ. އެއީ ކުރެވޭ ތަޖުރިބާތަކާއި، ދެކެވޭ ވާހަކަތަކުގެ ތެރެއިން، ނުވަތަ ޒިންމާ އުފުލުމުގެ މާނަ އަލުން ބައްޓަންކޮށްދޭ ދަނޑިވަޅުތަކުގެ ތެރެއިންނެވެ. މީގެ އަހަރުތަކެއް ކުރިން އަޅުގަނޑަށް ލިބުނު މިފަދަ ފިލާވަޅެއް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އަޅުގަނޑުގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ ހާޒިރީބަލަން މެޝިނަކަށް އެކަނި ބަރޯސާވުމަކީ ބޭކާރު ކަމެކެވެ. އެއީ އެ ޓީމެއްގެ ލީޑަރަށް ޓީމުގެ ހާލަތު އަމިއްލައަށް ނޭނގޭނެތީއެވެ. ލީޑަރެއްގެ ޒިންމާއަކީ ހަމައެކަނި ރިޕޯޓެއް ބަލާލުމެއް ނޫނެވެ. ލީޑަރެއްގެ ޒިންމާއަކީ އެ މީހުންގެ ތެރޭގައި ހުރެ، މަސައްކަތަށް އަންނަނީ ކޮންބައެއްކަމާއި، ދަތިތައް ކުރިމަތިވަނީ ކޮންބަޔަކަށް ކަމާއި، އެހީތެރިކަން ބޭނުންވަނީ ކާކަށްކަން ދެނެގަތުމެވެ. މި ދެންނެވި ތަޖުރިބާއަކީ ލީޑާޝިޕާ މެދު އަޅުގަނޑު ދެކޭގޮތް ބަދަލުކޮށްލި ކަމެކެވެ. ލީޑާޝިޕަކީ ހަމައެކަނި ހަރުދަނާ ނިޒާމުތަކެއްގެ މައްޗަށް ބިނާވާ އެއްޗެއް ނޫންކަމާއި، އެއީ މަސައްކަތުގެ މާހައުލުގައި އަމަލީ ގޮތުން ބައިވެރިވެ، ކަންކަން ގާތުން ބެލުމުގެ މައްޗަށް ބިނާވާ ކަމެއްކަމުގެ އިހުސާސް އަޅުގަނޑަށް ކުރެވުނެއެވެ. އެހެންކަމުން ލީޑަރެއްގެ ގޮތުން އަޅުގަނޑު ވިސްނާގޮތާއި ކަންކުރާގޮތަށް ވެސް ބަދަލުއައެވެ. އެއްކަމަކަށް، ކޮންމެ މުވައްޒަފަކަށް އޮފީހަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާމީހަކަށްވުމަށް އަޅުގަނޑު އާދަކުރީމެވެ. ލީޑާޝިޕަކީ ގާތުން ބެލުން މިއަދު ގިނަ މުއައްސަސާތަކުގައި ތަފާތު ޑޭޝްބޯޑުތަކާއި، ރިޕޯޓުތަކާއި، އޮޓޮމޭޓެޑް ނިޒާމުތައް ބޭނުންކުރެއެވެ. މިއީ ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދޭ ވަސީލަތްތަކެއް ނަމަވެސް، ކަންކަމުގެ އަސްލު ތަސްވީރު މިއިން ހާމައެއް ނުވެއެވެ. ކަމެއްގެ ހަގީގަތް ދެނެގަނެވޭނީ ކުރެވޭ މަސައްކަތާއި އެ މަސައްކަތްކުރާ މީހުންނާ ވީހާވެސް ގާތުން އުޅެގެންނެވެ. https://sun.mv/220086 އަމަލީ މައިދާނަށް ނުކުމެ، ކަންކަން ހިނގާގޮތް ބަލައި، މުވައްޒަފުންގެ ހާލު އޮޅުންފިލުވާ ލީޑަރަކަށް، އެއްވެސް ރިޕޯޓަކުން ނުފެންނަ ކަންކަން ފެންނަން ފަށާނެއެވެ. ގަވާއިދުން ގަޑިޖެހެނީ ކޮންބައެއްކަމާއި، މަސައްކަތުގެ ބުރަ ބޮޑުވެފައިވަނީ ކާކަށްކަމާއި، މަސައްކަތަށް ފަރުވާކުޑަކުރަނީ ކާކުކަން އެފަދަ ލީޑަރުންނަށް ފާހަގަވާނެއެވެ. އަޅުގަނޑު ދަންނަ ސީއީއޯއެއް ވިދާޅުވި ގޮތުގައި، އޭނާގެ މުއައްސަސާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފެއްގެ ހާލު ބަލާނުލާ އެންމެ ދުވަހެއް ވެސް އޭނާ ދޫކޮށްނުލައްވައެވެ. އޮފީސް ތެރެއިންވިޔަސް ނުވަތަ ބޭރުންވިޔަސް، މުވައްޒަފުންނާ ގުޅުން ބޭއްވުމަކީ އޭނާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެއީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތަކަށްވެގެން ކުރައްވާ ކަމެއް ނޫނެވެ. އެއީ ލީޑަރެއްގެ ގޮތުގައި އޭނާގެ ކިބައިގައި ހުރި އިންސާނިއްޔަތުކަމުގެ ސިފައެކެވެ. "ތިކަމެއް ނޭނގެ" ބުނުމުގެ މައްސަލަ ޒިންމާދާރުކުރުވުމަކީ ހަމައެކަނި ގަވާއިދުތަކެއް ހަދައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އިންސާނީ ގުޅުންތަކުގެ ތެރެއިން އުފެދިގެން އަންނަ ކަމެކެވެ. ކަމެއް ގޯސްވުމުން ލީޑަރުންގެ ފަރާތުން ބައެއް ފަހަރު ލިބޭ ޖަވާބަކީ "ތިކަން އަހަރެންނަކަށް ނޭނގެ" ކަމަށާއި ކަންވީގޮތް ބަލާނެކަމުގެ ޖަވާބެވެ. ނަމަވެސް، މިއީ ބަލައިގަނެވޭނެ އުޒުރެއް ނޫނެވެ. މިއީ އެ ލީޑަރަކާއި ޓީމާ ދެމެދު އޮންނަންޖެހޭ ގުޅުން ކެނޑިފައިވާކަމުގެ ހެއްކެކެވެ. މިއިން ދޭހަވަނީ އެ ލީޑަރާ މުވައްޒަފުންނާ ގާތްގުޅުމެމެއް ނެތްކަމެވެ. އަދި، މައުލޫމާތު ދައުރުވާ ނިޒާމުގެ ތެރޭގައި ލީޑަރުގެ ބައިވެރިވުން ނެތްކަމެވެ. މިއަދުގެ ހަލުވި ދުނިޔޭގައި، މައުލޫމާތު ވަގުތުން ލިބެން ހުންނައިރު، "ނޭނގުމަކީ" އިހުމާލެކެވެ. ލީޑާޝިޕަކީ މައުލޫމާތެއް ލިބެންދެން މަޑުކުރުމެއް ނޫނެވެ. އެއީ މައުލޫމާތު ފަސޭހައިން ދައުރުވާނެ ނިޒާމުތަކާއި ސަގާފަތެއް ގާއިމުކުރުމެވެ. ހަމައެއާއެކު، މުވައްޒަފުން ފަސްޖެހުމެއްނެތި ވާހަކަދެއްކޭނެ މާހައުލެއް އުފެއްދުމެވެ. ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތައް ފޮރުވުމުގެ ބަދަލުގައި، އެކަންކަން ކުރިއާލާ ހިއްސާކުރެވޭނެފަދަ އިތުބާރުގެ ތެރެއިންނެވެ. https://sun.mv/219194 މުވައްޒަފުން ތެދު ބަހުން ވާހަކަދައްކަން ޖެހިލުންވާ ނަމަ، އެއީ އެ މީހުންގެ މައްސަލައެއް ނޫނެވެ. އެއީ ލީޑާޝިޕުން އުފައްދާފައިވާ މާހައުލުގެ މައްސަލައެކެވެ. ޒިންމާއަކީ އެހެން މީހެއްގެ ބޮލުގައި އެޅުވޭނެ އެއްޗެއް ނޫން ބައެއް މުއައްސަސާތަކުގައި ފެންނަ އެންމެ ނުރައްކާތެރި އާދައަކީ ކަމެއް ގޯސްވުމުން، އެކަމުގެ ޒިންމާ މެދު ފަންތީގެ މުވައްޒަފުންގެ ބޮލުގައި އެޅުވުމެވެ. ލީޑަރުން ޒިންމާއިން ރެކި، އާދައިގެ މުވައްޒަފުން ކުށްވެރި ކުރުމަކީ ފެންނަ ހިތާމަވެރި މަންޒަރެކެވެ. ނަމަވެސް، ޒިންމާދާރުކަމަކީ މިފަދަ ގޮތަކަށް ރެކެވޭނެ އެއްޗެއް ނޫނެވެ. މަސައްކަތްތައް ހަވާލުކުރެވިދާނެއެވެ. މަސްއޫލިއްޔަތުތައް ބަހާލެވިދާނެއެވެ. ނަމަވެސް، އެންމެ ފަހުގެ ޒިންމާ އޮންނާނީ ލީޑަރުގެ ބޮލުގައެވެ. ހަގީގީ ލީޑަރަކީ އަމިއްލަ އަބުރު ސަލާމަތްކުރުމަށްޓަކައި މުވައްޒަފުން ގުރުބާންކުރާ މީހެއް ނޫނެވެ. ހަގީގީ ލީޑަރަކީ، އަމިއްލައަށް އިސްވެ "މިއީ އަހަރެންގެ ބެލުމުގެ ދަށުން ހިނގި ކަމެއް، މީގެ ޒިންމާ އަހަރެން އުފުލަން" ކަމަށް ބުނަން ކެރޭ މީހާއެވެ. މިއީ ހަމައެކަނި އަމިއްލަ ކުށަށް އިއުތިރާފުވުމެއް ނޫނެވެ. އެއީ ޒިންމާ ނެގުމެވެ. ނިޒާމުތަކުގެ ދައުރު: ތައުލީމީ ދާއިރާގެ ތަޖުރިބާއެއް އެޑިއުކޭޝަން މިނިސްޓްރީގެ ރާއްޖެތެރޭގެ ސްކޫލްތައް ހިންގުމުގެ ބައިގައި އަޅުގަނޑު މަސައްކަތްކުރިއިރު، ރާއްޖޭގެ 200 އަށްވުރެ ގިނަ ސްކޫލު އަޅުގަނޑުމެން ބަލަހައްޓަމެވެ. ސްކޫލުތަކުގެ ވެރިން ކަންކަން ރިޕޯޓުކުރުމުގެ ހަރުދަނާ ނިޒާމުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ގާއިމުކޮށްފައި އޮވެއެވެ. ހާޒިރީއާއި، ބަޖެޓާއި، އަދި ކިޔަވައިދިނުމުގެ ފެންވަރު އަންގައިދޭ ރިޕޯޓުތައް ގަވާއިދުން ލިބެމުންދެއެވެ. ނަމަވެސް، އެ ނިޒާމުގެ ހަގީގީ ބާރުވެރިކަމަކީ ހަމައެކަނި އެ ރިޕޯޓުތަކެއް ނޫނެވެ. އެއީ ސްކޫލްތަކުގެ ވެރިންނާއެކު ބޭއްވުނު ގާތް ގުޅުމެވެ. ކޮންމެ ހަފުތާއަކު އެ ބޭފުޅުންނާ ގުޅައިގެން ވާހަކަދައްކައި، އިރުޝާދު ދީ، ކުރިމަތިވާ މައްސަލަތައް ކުރިއާލާ ދެނެގަނެ ތައްޔާރުތައް ވެވެއެވެ. އެހެންކަމުން، ކަމެއް ދިމާވާއިރު އެއީ ކުއްލިއަކަށް ކުރިމަތިވާ ހައިރާންކަމަކަށް ނުވެއެވެ. އަދި، މީހުން ކުށްވެރިކޮށް އަދަބު ދޭކަށް ނުޖެހެއެވެ. އެ ނިޒާމުގެ ތެރެއިން ކަންކަން ދެނެގަނެވި، އެހީތެރިކަން ފޯރުކޮށްދީ، ވަގުތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބެއެވެ. މި ތަޖުރިބާއިން ދަސްވި އެއް ކަމަކީ، ނިޒާމުތައް ކާމިޔާބުކަމާއެކު ހިނގަނީ ލީޑަރުން ބާއްވާ ގާތްގުޅުމާއި ބައިވެރިވުމާ އެކުވުމުންކަމެވެ. ލީޑަރުންގެ ބައިވެރިވުން ނެތް ނަމަ، ނިޒާމުތަކަކީ ފުރާނައެއް ނެތް އެއްޗެކެވެ. ނަމަވެސް ލީޑަރުންގެ ބައިވެރިވުމާއެކު، އެއީ ޒިންމާދާރުކުރުވާ ވަރުގަދަ ވަސީލަތްތަކަކަށް ބަދަލުވެއެވެ. ލީޑަރުން ބައްޓަންކުރާ ސަގާފަތް ލީޑާޝިޕަކީ މުއައްސަސާއެއްގެ ސަގާފަތް ބައްޓަންކުރާ އެއްޗެވެ. ލީޑަރުން ދުރުގައި ތިބޭނަމަ، މުވާސަލާތީ ގުޅުން ކެނޑިގެންދެއެވެ. މައުލޫމާތު ދައުރުވުން ހުއްޓެއެވެ. ކުށްތައް ފޮރުވެއެވެ. އަދި މުޅި ތަނުގައި އޮންނަނީ ނުތަނަވަސްކަމެކެވެ. ނަމަވެސް ލީޑަރުން މުވައްޒަފުންނާ ގާތްގުޅުމެއް ބާއްވާ ނަމަ، ފެންނަނީ ތަފާތު މަންޒަރެކެވެ. މީހުން ހުޅުވިފައިވާ މާހައުލެއްގައި ވާހަކަދައްކައެވެ. މައްސަލަތައް ކުރިއާލާ ފެންމަތިވެއެވެ. އިތުބާރު އުފެދެއެވެ. އަދި، ޒިންމާ އުފުލުމަކީ މަޖުބޫރުކަމެއްގެ ބަދަލުގައި، އެންމެން ގުޅިގެން ކުރާ ކަމަކަށް ބަދަލުވެއެވެ. މިއަދު އަޅުގަނޑުމެންގެ މުއައްސަސާތަކަށް ބޭނުންވަނީ ހަމައެކަނި ރަސްމީ ޖަލްސާތަކުން ފެންނަ ނުވަތަ ރިޕޯޓުތަކަށް އެކަނި ބަރޯސާވާ ލީޑަރުންނެއް ނޫނެވެ. ބޭނުންވަނީ މުވައްޒަފުންނާ ގާތުން ބައްދަލުވާ، ފަސޭހައިން ވާހަކަދެއްކޭ، އަދި އަމަލީ މައިދާނުގައި ހިނގާ ކަންކަން ދެނެގަތުމަށް އިސްކަންދޭ ލީޑަރުންނެވެ. ފުންކޮށް ވިސްނާލުމަށް ލީޑަރެއްގެ ގޮތުގައި ތިޔައީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ މައުލޫމާތެއް ލިބެންދެން މަޑުކުރަނީ ހެއްޔެވެ؟ ނުވަތަ ކަންކަން އަމިއްލައަށް ދެނެގަންނަން މަސައްކަތް ކުރަން ހެއްޔެވެ؟ ތިބާ މަސައްކަތް ކުރަނީ އަމިއްލަ މަގާމު ސަލާމަތްކުރަން ހެއްޔެވެ؟ ނުވަތަ މުވައްޒަފުންގެ ހިމާޔަތުގައި ހެއްޔެވެ؟ ތިޔައީ މުވައްޒަފުންނާ ދުރު މީހެއް ހެއްޔެވެ؟ ނުވަތަ އެމީހުންނާ އެކުގައި އުޅޭ މީހެއް ހެއްޔެވެ؟ ލީޑަރެއްގެ ފެންވަރު ހަގީގަތުގައި ވަޒަންކުރެވެނީ ހުރިހާ ކަމެއް ރަނގަޅަށް ދާ ވަގުތަކު ނޫނެވެ. އެއީ ކަންކަން ގޯސްވެ، ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ވަގުތުގައެވެ. އެފަދަ ދަނޑިވަޅުތަކުގައި، އެއްވެސް ނިޒާމަކަށް، ރިޕޯޓަކަށް ނުވަތަ އުޒުރަކަށް ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ. އެ ހަގީގަތަކީ، ހުރިހާ ކަމެއްގެ އެންމެ ފަހުގެ ޒިންމާ އޮތީ ލީޑަރުގެ އަތްމަތީގައި ކަމެވެ. ލީޑާޝިޕަކީ ކަންކަން ކޮންޓްރޯލް ކުރުމެއް ނޫނެވެ. ލީޑާޝިޕަކީ އަޅާލުމެވެ. އެއީ މުވައްޒަފުންނާ އެކުގައިވުމެވެ. ކަންކަން އޮޅުންފިލުވައިގެން ހުރުމެވެ. އަދި ކިތަންމެ އުނދަގޫވިޔަސް، ޒިންމާ އުފުލުމެވެ. ސަބަބަކީ، އިތުބާރު ބިނާވަނީ މި އަސާސްގެ މައްޗަށް ކަމަށްވާތީއެވެ. އަދި އިތުބާރާ ނުލައި، އެއްވެސް ކަމެއް ދެމިއެއް ނޯންނާނެއެވެ. މުވައްޒަފު ގެއަށްފޮނުވާލުމަކީ އިހުމާލުގެ މައްޗަށް ވެވޭ ބޮޑު އިހުމާލެކެވެ. އެއީ ޒިންމާއިން ރެކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ