މުނާފިގުންގެ ދަރުބާރުން ވާހަކައެއް؛ ވޯޓު އޮޅުވާލުމުގެ ހުކުމަކީ ކޮބާތޯއެވެ؟ މުނާފިގުންގެ ދަރުބާރުން ވާހަކައެއް؛ ވޯޓު އޮޅުވާލުމުގެ ހުކުމަކީ ކޮބާތޯއެވެ؟

އެއްފަހަރަކު އެއްސަހަރެއްގައި އުޅުނު މާ އަދުލުވެރި ރަސްކަލެކެވެ. ވާރުތަވަމުން އައި ރަސްކަން އިންތިހާބީ ރަސްކަމަކަށް މިރަސްގެފާނުން ބަދަލުކޮށްލައްވައިފިއެވެ. އެޔާއެކު ވެސް ނުވަދިހަ ނުވަ ޕަސެންޓުން ކޮންމެ ފަސް އަހަރަކުން އިންތިހާބު ކާމިޔާބުކުރައްވަމުން މިރަސްގެފާނުން ދުނިޔެ އުމުރަށް ވެރިކަން ކުރެއްވިއެވެ. އޭގެ ފަހަށް މިރަސްގެފާނުންގެ ދަރިކަލުންވެސް ނިކަން މަތީ އަގުލަބިއްޔަތުން ރައްޔިތުން އިންތިހާބުކޮށްފިއެވެ.
އެކަމަކު ރަސްގެފާނުންގެ ދަރިކަލުންވީ މާ ބޮޑު ކައްޒާބެއްކަމުގައެވެ. އެހެންކަމާއެކު ވެރިކަމަށް ދެ އަހަރާއި ބައިވީއިރު، ހުރިހާ ރައްޔިތުން މި ރަސްގެފާނުން މަތީން އެކީއެކަށް ފޫހިވެއްޖެއެވެ. ދެން ވިދިގެން އަންނާނޭ އިންތިހާބު ކާމިޔާބު ނުވާނެކަމުގެ އިހުސާސްފުޅެއް ރަސްގެފާނުގެ ހިނގައިފިއެވެ. މިރަސްގެފާނަކީ ދައުލަތުގެ ކަންކަން ދީނުގެ މަގުން ހިންގަވާކަމަށް ދައުވާކުރައްވާ އުޅުއްވާ ރަސްގެއެއްކަމުން ދެން ހެއްދެވި ވަޑާމަކީ، ރަސްގެފާނުގެ އެޑްވައިޒަރަށް އަމުރުކުރެއްވީ އެންމެ ބޮޑު ތިން ޝޭޚުންކަމަށް މަޝްހޫރު ތިން ބޭކަލުން ރަސްގެފާނުގެ އަރިހަށް ހާޒިރުކުރުމަށެވެ.
ތިން ޝޭޚުން ހާޒިރުވުމުން ރަސްގެފާނު ސުވާލުކުރެއްވިއެވެ. އިންތިހާބެއްގައި ވޯޓު އޮޅުވާލުމުގެ ހުކުމަކީ ކޮބާތޯއެވެ؟ ފުރަތަމައަށް ހުރި ޝޭޚް ދެންނެވިއެވެ. އިއްޒަތްތެރި ރަސްގެފާނެވެ. އެޔަކީ ހަގީގަތުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހުންނަނީ ވަރަށް ބޮޑެތި މަނާ ކަންތަކެވެ. އެފަދަ ކަންކަން ހުއްދަވެގެންވަނީ ވަރަށްވެސް ނާދިރު ހާލަތްތަކުގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ތަހުޒީބު ގައުމުތަކުގައިވެސް އެކަންކަމަކީ ވަރަށް އިސްތިސްނާއީ ގޮތެއްގައި މެނުވީ ހުއްދަކުރެވޭ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް އިއްޒަތްތެރި މަނިކުފާނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން އެގޮތަށް އެކަން ކުރުމަށް އެދޭކަމަށްވާނަމަ އެކަމަކީ ހުއްދަ ކަމެކެވެ. އެހެނީ އެހާލަތަކީ އިންތިހާބެއް އޮޅުވާލުން ހުއްދަކުރެވިގެންވާ ހާލަތެއްކަމުގައި ނިކަމެތި އަޅާއަށް ފެނެއެވެ. އަދި އެހާލަތުގައި އިންތިހާބެއް އޮޅުވާލަނީ ހެޔޮ ނިޔަތުގައި ކަމަށްވާނަމަ، އެކަމުގައި މަނިކުފާނުގެ މައްޗަކަށް އެއްވެސް ފާފައެއް ނެތެވެ.
ދެވަނައަށް ހުރި ޝޭޚް ދެންނެވިއެވެ. ރަސްގެފާނު ފަދަ އަދުލުވެރި ވެރިޔަކުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ހަމަ ކޮންމެ ކަމެއް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މެ އެންމެ އިސް ވާޖިބެވެ. އެހެނީ އެކަން އެމަގަށް ނުހިނގައިފިނަމަ ދެން ވެރިކަން ލިބިގެންދާނީ ކާކަށް ކަމެއް ނޭނގޭނެއެވެ. އާންމު ރައްޔިތުންނަކީ މިބާވަތުގެ ކަންކަމުގައި ވިސްނުމެއް ފިކުރެއް ހުންނަ ބަޔެއް ނޫނެވެ. އެބައިމީހުން ވޯޓުލައިގެން ކޮންމެ ފަދަ މީހަކު ވެސް އަހަރެމެންގެ ވެރިޔެއްކަމުގައި ހަދާފާނެއެވެ. އެހެންކަމާއެކު ނިކަމެތި އަޅާ ދެކެނީ ނުބައި މީހަކު ވެރިކަމަށް އައުން ހުއްޓުވުމަށްޓަކައި ވޯޓު ފޮއްޓާ ކުޅުމަކީ މަތިވެރިވެގެންވާ ވާޖިބެއްކަމުގައެވެ. އަދި އެކަން އެހެން ނުކޮށްފިނަމަ މަނިކުފާނުން ފާފަވެރިވެގެންދާނެކަމުގައިވެސް ނިކަމެތި އަޅާއަށް ފެނެއެވެ.
ތިންވަނައަށްހުރި ޝޭޚް ދެންނެވިއެވެ. ވޯޓުފޮއްޓާކުޅުމަކީ އެއްގޮތަކަށް ވެސް އެއްވެސް ހާލަތެއްގައި ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއީ ހަރާންވެގެންވާ މަކަރާއި ހީލަތެވެ. މަކަރާއި ހީލަތުގެ މައްޗަށް ބިނާކުރެވޭ އެއްވެސް ކަމަކުން އަދުލެއް އިންސާފެއް ފަހަކުންވެސް ވަކި ނުނުކުންނާނެއެވެ. އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ރިޕޯޓަކަށް ބިނާކޮށް އިސްތިސްނާ ގޮތެއްގައި އިންތިހާބާ ކުޅެން ނިންމައިގެން ފަށާ ވެރިކަމުގައި އޮންނާނީ އެބާވަތުގެ ހުސް އިސްތިސްނާއެވެ. މުޅި އެވެރިކަންވެސް އެއީ އެހެން ހުރިހާ ވެރިކަންތަކުން އިސްތިސްނާވެގެންވާ ވެރިކަމެއްކަމުގައި ވެގެންދާނެއެވެ.
އަދި ދަންނަވަމެވެ. ނުބައި މީހަކު ވެރިއަކަށް އަޔަސް ހަމަ ރައްޔިތުން އަލުން ވޯޓުލާނީއެވެ. ރައްޔިތުންގެ ގަމާރުކަމުން ދިހަ ބާރަ ފަހަރު ގޯސް މީހަކު ހޮވިޔަސް ވޯޓު ފޮއްޓާމެދު އިތުބާރު އޮތްހާ ދުވަހަކު އެއް ކަންތައް ރަނގަޅަށް ހިނގާކަމުގެ ޔަގީންކަން އޮންނާނެއެވެ. އެއީ ވެރިޔެއްކަމުގައި ހުވާކުރުވަނީ ރައްޔިތުންގެ ގިނަ ބަޔަކު އެފަހަރަކު ބޭނުންވި މީހާކަމުގެ ޔަގީންކަމެވެ. ގޯސްވީމާ އަނެއްކާވެސް ވޯޓު ފޮށިން ބަދަލުކުރާނީއެވެ. ރައްޔިތުންގެ ގަމާރުކަން ފިލި ދުވަހަކުން ހަމަ ގައިމު ރަނގަޅު މީހަކަށް ނޫނީ ވެރިކަމުގެ ފުރުސަތު ނުލިބޭނެކަމުގެ ކުޑަ ނަމަވެސް އުންމީދެއް ވެސް އޮންނާނީ މި ވޯޓުފޮށީގެ ނަޒާހަތްތެރިކަން ދެމެހެއްޓިގެންނެވެ.
ދެން މަޖިލިސް ނިންމަވާފައި، ރަސްގެފާނުން އެޑްވައިޒަރަށް ވިދާޅުވިއެވެ. ލިޔާށެވެ! ފުރަތަމައަށް ޖަވާބު ދިން ޝޭޚް އެއީ އުއްތަމަ ފަނޑިޔާރުކަމުގައި އަހަރެން އައްޔަންކޮށްފީމެވެ. އެހެނީ އޭނާއަކީ ދޮގުވެރިއެކެވެ. އޭނާއަކީ ދޮގުވެރިއެއްކަން އޭނާއަށް ވެސް އެނގެއެވެ. މިވައްތަރަކީ އެންމެ ބޭނުންތެރި ވައްތަރެވެ. ދެވަނައަށް ހުރި ޝޭޚް އެއީ އިންތިހާބުތަކާ ގުޅޭ ޑިޕާޓްމަންޓްގެ ވެރިޔާކަމުގައި ކަނޑައަޅަމެވެ. އެހެނީ އޭނާއަކީ މަކަރުވެރިއެކެވެ. އޭނާއަކީ މަކަރުވެރިއެއްކަން އޭނާއަށް ވެސް އެނގެއެވެ. މިވައްތަރު މިއީ އެންމެ އެދެވިގެންވާ ވައްތަރެވެ.
ތިންވަނައަށް ހުރި ޝޭޚް ކޮންމެވެސް މިސްކިތެއްގެ އިމާމަކަށް އައްޔަންކުރާށެވެ! އެހެނީ އޭނާއަކީ ތެދުވެރިއެކެވެ. އޭނާއަކީ ތެދުވެރިއެއްކަން އޭނާއަށްވެސް އެނގެއެވެ. މިވައްތަރު މީހުންގެ ބޭނުން ހިފޭނީ އެމީހުންނަށް ލިބި އޮތް ރެޕިއުޓޭޝަނުން ފައިދާ ލިބިގަނެގެންނެވެ. ނަމަވެސް ކަމެއް ތަންފީޒުކުރުމުގެ ބާރެއް ނަމަނަމަ މިވައްތަރު މީހަކަށް ދީގެން ނުވާނެއެވެ. އެކަމަކު އަދި ލިޔާށެވެ! އެއްވެސް އިމާމަކު ސަރުކާރުގެ އިދާރާއަކުން ފާސްކޮށްފައިވާ ހުތުބާއެއް މެނުވީ ކިޔައިގެން ނުވާނެއެވެ.
ދެން އެޔަށްފަހު ރަސްގެފާނުން އެޑްވައިޒަރަށް ވިދާޅުވިއެވެ. އޭ މަގޭ އެޑްވައިޒަރެވެ! އިންތިހާބުތައް އޮޅުވާލުން ހުއްދަވުމާމެދު ކަލޭގެ ރައުޔަކީ ކޮބާތޯއެވެ؟ އެޑްވައިޒަރު ދެންނެވިއެވެ. އަހަރެން ފަދަ މީހަކަށް އަހަރެން ފަތުވާދޭންވީތޯއެވެ؟ އެހިނދު ރަސްގެފާނުން ހިނިވަރުނަކުރައްވާ ވިދާޅުވިއެވެ. ތިބާއީ މުނާފިގެކެވެ. ތިޔައީ އެންމެ ލޮބުވެތިކަން ބޮޑު ވައްތަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ