ރިދިމާ ފިލްމީ ދާއިރާއަށް ތައާރަފްވާ 'ދާދީ ކީ ޝާދީ'ގެ ޓްރެއިލާ ދައްކާލައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ ދައްތަ ރިދިމާ ކަޕޫރް ސާނީގެ ފުރަތަމަ ފީޗާ ފިލްމު "ދާދީ ކީ ޝާދީ"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ. މި އަންނަ މެއި މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނަ މި ފެމިލީ ކޮމެޑީ ޑްރާމާގައި ރިދިމާގެ މަންމަ ނީތޫ ސިންގްގެ އިތުރުން ކަޕިލް ޝަރުމާ އަދި އަރަމުން އަންނަ ޒުވާން ބަތަލާ ސާދިއާ ޚަތީބު މުހިއްމު ރޯލްތަކުން ފެންނާނެއެވެ. މުޅި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ބޮޑު އާއިލާއަކަށް ނިސްބަތްވާ މާމާ އަކު ކުއްލިގޮތަކަށް ކައިވެންޏަށް ތައްޔާރުވެފައިވާކަން އިއުލާނުކުރުމާ ގުޅިގެން އާއިލާގެތެރޭ ހިނގާ ހަމަނުޖެހުންތަކުގެ މައްޗަށެވެ. މި ހަމަނުޖެހުންތަކުގެތެރޭ ހިނގާ ހެއްވާ މަޖާ ގިނަ ހާދިސާތަކެއް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ. މި ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އާޝިޝް އާރް މޯހަން އެވެ. ފިލްމު "ދާދީ ކީ ޝާދީ"ގެ ސެޓުގައި ކަޕިލް ޝަރުމާ، ނީތޫ ސިންގް އަދި ރިދިމާ ސާނީ--ފޮޓޯ/ފިލްމުފެއަ މީގެކުރިން އެއްވެސް ގޮތަކަށް ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިނުވާ ރިދިމާގެ ފުރަތަމަ ފީޗާ ފިލްމާ އެކު މިއީ އޭނާއަށް މުޅިން އާ ތަޖުރިބާއެއް ކަމަށް ވަނީ ބުނެފައެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ރިދިމާ ބުނެފައި ވަނީ އެ ޚާންދާނަށް ނިސްބަތްވާ ގިނަ އަންހެނުން މިހާތަނަށް ފިލްމީ ކެރިއަރުފެށީ ޒުވާން އުމުރުގައި ކަމަށާއި ނަމަވެސް އޭނާގެ ފިލްމީ ކެރިއަރު ފެށުނީ ކައިވެންޏެއްކޮށް އަމިއްލަ ދިރިއުޅުން ފަށައި މަންމައަކަށް ވުމަށްފަހު ކަމަށް ރިދިމާ ވަނީ ބުނެފައެވެ. ރިދިމާ އަލަށް ފީޗާ ފިލްމެއް ކުޅުނު އިރު، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން ރިއަލިޓީ ސީރީޒް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ތިން ވަނަ ސީޒަންގައި ރިދިމާ ވަނީ ބައިވެރިވެފައެވެ. ފިލްމީ ދާއިރާއަށް ނުކުތުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ މަންމަ ނީތޫ އާއި ކޮއްކޮ ރަންބީރު ކަޕޫރުގެ ފަރާތުން ކަމަށް ރިދިމާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ