ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ 'އަދަދު' ނޫހުން އާންމު ކުރި ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބައެއް ތަކެތި ގެންދިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތީ އެއީ މަޖިލީހުގެ ގަވައިދަށް ފެތޭ މައްސަލައެއް ކަމަށް ނުވާތީ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި އެވެ.
ތަފްސީލް - މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމުގެ މައްސަލަަަތައް ބެލުމަށް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުުލޭޝަން ގާނޫނުން ހާއްސަ މެކޭނިޒަމެއް ކަނޑައަޅާފައިވަ ކަމަށާއި، އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން މިނިވަން މީޑިއާއެއްގެ އޮފީހަށް ވަދެ ބަލައި ފާސްކޮށް މުދާ ހިފެހެއްޓުމަކީ އާންމު ގޮތެއްގައި މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
އެއީ އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ފުލުހުން ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ލިބޭ ކަމަށް ވެސް މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެ މައްސަލަ ބަަލައިނުގަންނަކަން އިއުލާނު ކުރައްވައި ރިޔާސަތުން އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށާއި، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައިވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ކަން ފުލުހުން ކަށަވަރުކޮށްދޭ ކަމަށެވެ.
މީގެ އިތުރުން، ކުއްލި މައްސަލައަކީ ރައްޔިތުން ނުވަތަ ގައުމުގެ އާންމު މަސްލަހަތަށް ސީދާ ގޮތުން އަސަރުކޮށް، ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުނާޅާ ނަމަ އެކަމަށް ފާޑުކިޔުމަށް ހުށަހަޅާ މައްސަލައެއް ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިނުގަންނަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ށ)، (ކ) އަދި (ދ)ގައި ބަޔާންކޮށްފައިވާ ޝަތުރުތައް ހަމަނުވާތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ގުލުން ހުރި - ރައީސް މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އުފައްދާފައިވާ 'އައިޝާ" ވީޑިއޯ ޑޮކުމެންޓްރީއަކާ ގުޅިގެން 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
ފަސް މަންޒަރު - 'އައިޝާ'ގެ ނަމުގައި އެ ނޫހުން މީގެ މަހެއްހައި ދުވަސްކުރިން ގެނެސްދިން ޑޮކުމެންޓްރީގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:
ޑޮކުމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ، އެއީ "ކަނޑައެޅިގެން ދޮގު ކަމަށް"
"ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާއެކު ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި
'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކުރުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ