ބިދޭސީން ގެންނަ މަސައްކަތު ސައިޓުތައް މުއްދަތު ހަމަވެފައިވާނަމަ ހުއްދަ އާކުރަން އަންގައިފި
ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަންތަނުގެ ހުއްދަތައް އާކުރުމަށް، ހޯމް މިނިސްޓްރީން މިއަދު އަންގައިފިއެވެ. މިއަދު ނެރުނު އިއުލާނެއްގައި ހޯމް މިނިސްޓްރީން ބުނީ، ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓު އުސޫލުން ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ ވޯކްސައިޓްތައް މާދަމާއިން ފެށިގެން "ޕެންޑިން ސައިޓް ކްލިއަރެންސް"އަށް ބަދަލުކުރެވޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ. https://x.com/HomeMinistrymv/status/2013229498188054845 އަދި ރަޖިސްޓްރީކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން ކޯޓާއެއް ނުނަގައި އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސައިޓުތައް އަންނަ ހަފުތާއިން ފެށިގެން "އިންއެކްޓިވް"އަށް ބަދަލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އެހެންކަމުން މުއްދަތު ހަމަވެފައިވާ ސައިޓުތައް އަލުން އާ ކުރުމަށް، މުއްދަތު ހަމަވެފައިވާ ލިޔެކިއުންތައް އާ ކުރުމަށްފަހު، އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށް އަދާހަމަކުރުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ނުގަވައިދުން އުޅޭ ބިދޭސީންނާއި, ހުއްދަ ނެތި ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެފަދަ ގިނަ ވިޔަފާރިތަކެއް މިހާތަނަށް ވަނީ ބަންދު ކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފާހަގަކުރެވޭ ގޮތުގައި، މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ވަޒީފާގެ ހުއްދަ ހަމަވެފައިވާ، ނުވަތަ ސައްހަ ލިޔެކިއުމެއްނެތި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން، މި މަހުން ފެށިގެން ތިން މަސް ދޭން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ