އިންތިހާބުގެ ކުރިން މޫސާ އަލީ ޖަލީލު ފެއިލްވެއްޖެ: ޔާމީން އިންތިހާބުގެ ކުރިން މޫސާ އަލީ ޖަލީލު ފެއިލްވެއްޖެ: ޔާމީން

މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަކީ، އިންތިހުބުގެ ކުރިންވެސް ފެއިލްވެފައިވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން މިފަދައިން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މޫސާ ޖަލީލު ހުންނަވާނީ ކުރީގެ މޭޔަރު (ރައީސް މުހައްމަދު މުއިއްޒު) ގެ ފިޔަވަޅުމަތީގައި ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ޔާމީން ވިދާޅުވީ، މިއީ މޫސާ ޖަލީލަށް ކުރިމަތިވި ފުރަތަމަ އިމްތިހާނު ކަމަށާއި، މަގާމަށް އިންތިހާބުވުމުގެ ކުރިން އޭނާ އެވަނީ އެ އިމްތިހާނުން ފެއިލްވެފައި ކަމަށެވެ. މުޅި ރާއްޖޭގައި މުއިއްޒު މޭޔަރަކަށް ހުންނަވައިގެން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަތަކުގެ އަޑުފަށްގަޑު ގަދަވެފައިވާއިރު، އެކަންކަން މޫސާ ޖަލީލަށް ނުފެނުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތު އުފުލޭނެ ފަދަ ގާބިލުކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ.
"ވައްކަންވެއްޖެއްޔާ ވައްކަން، ކޮރަޕްޝަންވެއްޖެއްޔާ ކޮރަޕްޝަން - ހަގީގަތް ގަބޫލުކުރާ މީހަކަށް ވާންޖެހޭނެ. މިހާރު ހުރި ވެރިއަކަށް ސަނާކިޔައި، ސަޖިދަޖަހާ ހިސާބަށް ދިޔައީމާ ދެން ރައްޔިތުންނަށް ގާނޫނުގައި ބުނާގޮތަށް ހިދުމަތެއް ނުކުރެވޭނެ،" ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ ތިން މިނިސްޓްރީގައި އަނދައި ހުލިވި ހާދިސާއަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މާލޭ މީހުންގެ ޝަހުސީ މައުލޫމާތާއި، ގޯތިގެދޮރާ ގުޅޭ ލިޔެކިޔުންތައް ކަނޑައެޅިގެން އަންދާލާފައިވާ ކަމަށެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އެކަންކަމުގެ ތެދުދޮގު ބަލަން ބޭނުންނުވުމަކީ މޫސާ ޖަލީލު އަމިއްލަ ނަފްސަށް އިތުބާރު ނުކުރާކަމުގެ ހެއްކެއް ކަމަށްވެސް ވެސް ޔާމީން ވިދާޅުވިއެވެ.
ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ފަންތީގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި، ފުލުހުންގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުން، ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާ ގުޅިވަޑައިގަތުމަކީ އެ ބޭފުޅުންގެ މާޒީގެ ހިދުމަތުގެ ރެކޯޑަށް ލިބޭ އުނިކަމެއް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
"މިފަދަ ކަންކަމުގެ އަލީގައި، މި ބޭފުޅުންނަށް އަދިވެސް އިހުތިރާމް އޮންނަންޖެހޭނެތޯ؟" ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ، ތެދުވެރިކަން ދެއްކެވުމުގެ ބަދަލުގައި ނަފްރަތު ރައްދުވާ ކަންކަމުގައި ބައިވެރިވުމުން، ރައްޔިތުންގެ އިތުބާރު އެ ބޭފުޅުންނަށް ގެއްލިފައިވާ ކަމަށެވެ.
މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް އޭސީސީގައި ފުނިޖެހިފައިވާއިރު އެ މައްސަލަތައް ބަލައި ފިޔަވަޅެއް އެޅިކަން ހާމައެއް ނުކުރެ އެވެ. މާލޭ މަގުތައް ވިއްކާލައިގެން މުއިއްޒުގެ މޭޔަރުކަމުގައި ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭއިރު، މާލޭގެ އަގުބޮޑެތި ބިިންތައް ނުއަގުގައި ދޫކޮށްލާފައިވާ ކަމަށް ދާދި ފަހުން ވަނީ ހާމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ