ރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމަވާފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުކަމަށް ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްދު ދެއްވައިފިއެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލު ބަދަލުކޮށް، މިހާރު އޮތް ވިހިވަނަ މަޖިލީހުގެ އުމުރުން 5 ވަރަކަށްް މަސް އުނިކުރުމަށް ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކުރި ބިލު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމާ ގުޅިގެން ސުއޫދު މިއަދު ވަނީ ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެފައި އެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމާ ގުޅިގެން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރިކަމަކީ އަޑުއެހުމެއް ނުބާއްވައި ނިޔާކަނޑައެެޅުން ކަމަށެވެ. އަދި ދައުވާކުރާ މީހެއްގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ ސުވާލު އުފައްދަވާފައިވެއެވެ.
ސުއޫދުގެ ފާޑުވިދާޅުވުމަށް ރައްދުދެއްވައި މުހުތާޒު ވިދާޅުވީ ސުއޫދު އެވިދާޅުވާ ގޮތަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން މައްސަލަތައް ނިންމެވީ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރު ކަމަށެވެ. އަދިރަޖިސްޓްރާއަށް އެބާރު ދިނީވެސް އޭރުގެ ސުޕްރީމް ކޯޓުންކަމަށާއި، އަދި އެގޮތަށް ރަޖިސްޓްރާ ނިންމަވާފައިވާ ނިންމެވުންތައް ސައްހަކަށް ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި ސުއޫދުވެސް އެއިރު ހިމެނިވަޑައިގެންނެވި ކަމުގައި މުހުތާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލު ބަދަލުކޮށް، މިހާރު އޮތް ވިހިވަނަ މަޖިލީހުގެ އުމުރުން 5 ވަރަކަށްް މަސް އުނިކުރުމަށް ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކުރި ބިލު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެކަމުގައި ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާ ހިލާފު ސުވާލެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ. އަދި ރައީސް ބިލު ތަސްދީގުކުރައްވަން ނުނިންމަވާނަމަ މަޖިލީހަށް އެ ބިލު އަނބުރާ ފޮނުއްވަންނުޖެހޭނެތީއެވެ.
ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމެވީ ހުސްނުއްސުއޫދު - މުހުތާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ