ލުބުނާނުގެ ކޮންމެ ފަސް މީހަކުން އެކަކު ގެދޮރުދޫކޮށް ހިނގައްޖެ!

ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ބޮޑެތި ތަދުތަކެއް ކުރިމަތިވަމުންދާކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ބުނާގޮތުން ލުބުނާނުގެ ކޮންމެ ފަސް މީހަކުން އެކަކު މިހާރު އުޅެނީ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކުގައެވެ. 
އިސްރާއީލާއި ހިޒްބުއްލާ އާ ދެމެދު ލުބުނާނުގައި ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުން އިންތިހާއަށް ތަހައްމަލު ކުރަމުންދާ ދަތިތައް އދ. އިން ވަރަށް ގާތުން ދަނީ ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވި ގޮތުގައި، ސިއްހީ ހިދުމަތްތެރިންނާއި، ސިއްހީ މަރުކަޒުތަކާއި އެމްބިއުލާންސްތަކަށް މެދުނުކެނޑި ދެމުންދާ ހަމަލާތަކާ މެދު އދ. އިން އިންތިހާއަށް ކަންބޮޑުވެއެވެ.
އިޒްރޭޅުގެ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް ވިދާޅުވަމުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ހަވާލާދީ ޑުޖަރިކް ވިދާޅުވީ، 1.2 މިލިއަނަށްވުރެ ގިނަ މީހުން، ނުވަތަ އެ ގައުމުގެ ކޮންމެ ފަސް މީހަކުން އެކަކު، މަޖުބޫރުވެގެން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
46000 ކުޑަކުދިން ހިމެނޭހެން ޖުމްލަ 130000 އަށްވުރެ ގިނަ މީހުން މިހާރު ތިބީ މުޅި ގައުމުގައި ގާއިމުކޮށްފައިވާ 600 އަށްވުރެ ގިނަ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކުގައެވެ. މި ތަންތަނުގެ ތެރެއިން ގިނަ ތަންތަން މިހާރު ވަނީ މީހުން ފުރި ބާރުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ އޭނާ ވިދާޅުވީ، އިއްޔެއާއި ހަމައަށް ސިއްހީ މަރުކަޒުތަކަށް 64 ހަމަލާއެއް ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި 51 މީހުން ޝަހީދުވެ، 91 މީހުން ޒަހަމްވެފައިވާއިރު، މީގެ ސަބަބުން ކުރިންވެސް ބަލިކަށިވެފައިވާ އެ ގައުމުގެ ސިއްހީ ނިޒާމަށް ނުކަތާވަރުގެ ބާރު ބޮޑުވެފައިވާކަން ޑުޖަރިކް ފާހަގަކުރެއްވިއެވެ.
އިސްރާއީލުން "ބްލޫ ލައިން" ސަރަހައްދުގައި އެއްގަމު މަގުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށް އިއުލާނުކޮށްފައިވާތީ، ހަމަލާތައް އިތުރަށް ވަރުގަދަވެ، މި އަދަދުތައް އަދިވެސް މައްޗަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ޑުޖަރިކް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ