ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުތައް ލިމިޓިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަދަދަުތައް އިތުރުވަމުންދާ ގޮތަށް އޮތް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އަދަދު ހިފެހެއްޓުމަަށްޓަކައި 19 ވަނަ މަޖިލީހަށް ހުށައެޅުއްވިކަމަށާއި އޭރު އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއިން އެ ބިލު ބަލައި ނުގަނެ ބޭރުކޮށްލިކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ގާސިމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ހުށައަޅާފައިވާއިރު މައުޟޫއާއިމެދު ބަހުސްކުރެއްވުމަށާއި ހިޔާލު ހުށައެޅުއްވުމަށްވެސް ޖާގަ އޮތްކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެ ދައުރު އޮތުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫންކަމަށާއި މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތައްވެސް ކުޑަކުރަން ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުން މެމްބަރުން ހޮވިވަޑައިގެން މާލެއަށް އައިސް މަސައްކަތްކުރައްވަމުންދާއިރު ވިހި ހާސް ރުފިޔާގެ އެލޮވެންސަކުން ހަމަނުޖެއްސޭނެކަން އެންމެނަށްވެސް އެނގޭނެކަމަށެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގައި މަޖިލީހުގެ މެމްބަރުންގެ މުސާރަ ކަނޑައެޅުން އޮންނަނީ ޔުނިޓަރީ ދައުލަތެއްގައި އެކަން އޮންނަ އެންމެ ރަނގަޅު ގޮތަށްކަމަށާއި އެމެރިކާ ފަދަ ފެޑަރަލް ގައުމުތަކުގެ ވާހަކަ ދެއްކިއަސް އެތަންތަނާއި ރާއްޖެއާއި ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަމަށް ހިއްސާކުރެއްވިއެވެ.
ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތެއްގައި ފައިސާތަކެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫންކަމަށާއި ދައުލަތުގެ ވުޒާރަތަކާއި ރާއްޖޭގެ އެހެނިހެން ކުންފުނިތަކުގައި ތިބި ވެރިންނަށް ފައިސާ ލިބޭނެ ފަދަ ގޮތަކަށް ލިބޭނެ ބައެއް ނޫންކަމަށެވެ.
އެހެންކަމުން އެއްގޮތަށްވެސް ފަސް އަހަރު އަޔަސް ހަ ދައުރު އަޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިމިޓެއް އޮތްކަމެއް އެނގިފައިނުވާކަމަށްވެސް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، ކުރިމަތިވެފައިވާ މައްސަލައަށް ހައްލުތަކެއް ގެނައުން މުހިންމުކަމަށާއި އޭނާ ވިދާޅުވީ މެމްބަރުންގެ އަދަދު ކަނޑައެޅުމުން އެ އަދަދު ހަމަވުމުން އަނެއްކާވެސް ބަދަލުތައް ގެންނަން ޖެހޭނެކަމަށެވެ. އެހެންކަނުން އެ އުސޫލު ދޫކޮށްލުމަށްފަހު ދާއިރާތަކަށް މެމްބަރުންގެ އަދަދު ކަނޑައެޅައިގެން ކުރިއަށް ދިއުމުން ނިމުނީކަމަށާއި އެއީ 93 ނުވަތަ ކޮންމެ އަދަދެއް ނަމަވެސް އެ އަދަދެއްގެ މައްޗަށް ބަރޯސާވެ ކުރިއަށް ދިއުމުން ހުންނާނީ ރަނގަޅަށްކަމަށެވެ.
މެމްބަރުންގެ އިނާޔަތްތަކާއި މުސާރަ ކުޑަކުރާކަށް ނުފެނޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ