ސްކޫލް ނިންމާ ހުރިހާ ކުދިންނަށް ރައީސްގެ އިލްތިމާސެއް!
ސްކޫލް ނިންމާ ކުދިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުދިން ކުރިއަށް ދާން ބޭނުންވާ ދާއިރާ ނޭނގުން ކަމަށާއި، އެހެންކަމުން އަމިއްލަ ނަފްސުގެ ބޭނުންވަނީ ކޮން ކަމެއްތޯ ބަލައި އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފި އެވެ. މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ނިންމައި އެންމެ ރަނގަޅު ނަތީޖާ ހާސިލު ކުރި ކުދިންނަށް އިނާމު ދިނުމަށް ދަރުބާރު ގޭގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ރައީސް ޔާމީން ވިދާޅުވީ މަތީ ރަން ވަނަ ހާސިލު ކުރާ ކުދިންނާ ދޭތެރޭގައި އެހެން މީހުން ކުރާ އުންމީދާއި އިންތިޒާރުތައް އިތުރުވެގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ ތައުލީމަކީ ކަމެއްގެ ފެށުން ނުވަތަ ނިމުން ނޫން ކަމަށާއި ތައުލީމަކީ އޭގެ ޒާތުގައި ކަމަކަށް ބޭނުން ވެގެން، ކަމެއް ފުއްދައިދޭނެ ވަސީލަތެއް ކަމަށެވެ. އެހެންކަމުން ތައުލީމީ ދާއިރާ އިން ވަނަ ހާސިލް ކުރާ ހިސާބުން، ޒިންމާތައް ފެށުނީ ކަމަށް ރައީސް ވިދާޅުވި އެވެ. "ތައުލީމަކީ އޭގެ ޒާތުގައި ކަމެއްގެ ފެށުމެއް ވެސް ނޫން. ކަމެއްގެ ނިމުމެއް ވެސް ނޫން. ތައުލީމަކީ އޭގެ ޒާތުގައި ކަމަކަށް ބޭނުން ވެގެން، ކަމެއް ފުއްދައިދޭނެ ވަސީލަތެއް. އެހެންވީމަ ތައުލީމު އުނގެނިގެން، އެޕްޓިޓިއުޑް ރަނގަޅަށް އެނގުމަކީ އެންމެ ބޮޑު ގޮންޖެހުން،" ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް ދާން ބޭނުންވާ ދާއިރާ ކަނޑައަޅާ އިރު، މައިންބަފައިންނާއި ޓީޗަރުންނާއި މުޖުތަމައުގެ ފަރާތުން ވެސް ވަރަށް ބޮޑެތި ފިއްތުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި، އެ ފިއްތުންތަކުގައި ނުޖެހި އެކުއްޖަކު ބޭނުންވާ ދާއިރާ އަކުން ކުރިއަށް ދެވޭނީ، ކުރަން ބޭނުންވާ ކަމެއް ޔަގީންވެ، އެކަން ކުރުމުގެ ވަރުގަދަ އަޒުމެއް އޮވެގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދަށް ނަތީޖާއަކާ އެކު ނުކުންނަ ކުދިންނަށް ލިބޭ ފުރުސަތުތައް މަދުވުމަކީ ކަން ހިނގާ އުސޫލު ކަމަށްވުމުން އެކަމާ މެދު ހުރިހާ ކުދިން ވެސް ފަރުވާ ބަހައްޓައިގެން ކުރިއަށް ދާން ޖެހޭ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ރަނގަޅު ނަތީޖާއެއް ހޯދުމުން އަދި ނިމުނީ ނޫން ކަމަށާއި، އަމިއްލަ ގައުމާއި މެދު ވިސްނައި، މުޖުތަމައުގައި ހިނގާ ކަންކަމާ މެދު ވިސްނައި ފިކުރުކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. "މައިންބަފައިން އަހަރެމެން ސްކޫލަށް ފޮނުވަނީ ހަމައެކަނި ފޮތް ކިޔައިގެން އަންނާކަށް ނޫން. މުޖުތަމައުގައި ހިނގާ ކަންކަމާމެދު ވިސްނައި ފިކުރުކުރަން ޖެހެނީ އެހެންވީމަ،" ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ރައީސް ވަނީ ސްކޫލު ނިންމައި ނުކުންނަ އިރު، ކޮންމެ ކުއްޖަކީވެސް އަމިއްލަ ދިރިއުޅުން ބައްޓަން ކުރަން އިނގޭ، އަމިއްލަ ނަފްސަށް އިތުބާރު ކުރާ ބަޔަކަށް ވުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ