ދަރުމަވަންތަ ސްކޫލަށް ބޭނުންވާ ވަސީލަތްތަށް ފުރިހަމަކުރުމަށް، ސްކޫލް ބަދަލު ކުރާ ތާރީހު ފަސްކޮށްފި

ދަރުމަވަންތަ ސްކޫލް ބަދަލު ކުރާ ތާރީހު އެޑިއެކޭޝަން މިނިސްޓްރީން ފަސްކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މީގެ ކުރިން މި މަހުގެ 23 ވަނަ ދުވަހު އާ އިމާރާތައް ދަރިވަރުން ބަދަލު ކުރުމަށް ނިންމާފައިވީ ނަމަވެސް ދަރިވަރުން ބަދަލު ކުރާނީ ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްފައި ކަމަށެވެ. އެހެންކަމުން ބަދަލު ކުރެވޭނެ ވަކި ތާރީހެއް ފަހުން ހިއްސާ ކުރާނެ ކަމަށް ބުންޏެވެ.
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނުނިންމާ ދަރިވަރުން ބަދަލު ކުރަން އުޅޭތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް މިއަދު އިހުތިޖާޖުވެސް ކޮށްފައެވެ. ކަރުދާސް ބޯޑުގައި ޝުއޫރުތައް ލިޔެ، އިހްތިޖާޖްގެ ބައިވެރިން ހަރަކާތްތެރި ވެފައިވަނީ މިހާރު ދަރުމަވަންތަ ސްކޫލް ހިންގާ ވަގުތީ އިމާރާތް ކައިރީގައެވެ. ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ބޯޑުތަކުގައި ލިޔެފައިވަނީ، ކޮމްޕައުންޑެއް އަދި ހޯލެއްވެސް އިމާރާތުގައި ނެތް ކަމަށާއި ވަގުތީ ސްކޫލަކުން ކޮންސްޓްރަކްޝަން ސައިޓަކަށް ބަދަލު ނުވާނެ ކަމަށެވެ.
ބެލެނިވެރިން ބުނީ އެޑިއުކޭޝަން މިނިސްޓްރީން، ދަރިވަރުން މިހާރު ކިޔަވަމުންދާ ވަގުތީ ސްކޫލަށް ބަދަލުކުރީ 18 މަސް ދުވަހުން އާ އިމާރާތް ނިންމާ އެ އިމާރާތަށް ދަރިވަރުން ބަދަލުކުރާނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް ބުނެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުންވެސް މޮޑެލް ސްކޫލުގެ ނަމުގައި ތަރައްގީ ކުރާ ސްކޫލަކީ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރަމުންދާ ސްކޫލެއް ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ނުކޮށް އަވަސް އަރުވާލައިގެން ސްކޫލަށް ކުދިން ބަދަލުކުރުމަށް ދީފައިވާ ކުރު ނޯޓިސް އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު 02:15 ގައި ދަރުމަވަންތަ ސްކޫލުގެ އެކްސްކޯ ޓީމުގައި ހިމެނޭ ބެލެނިވެރިންނާއެކު އެޑިއުކޭޝަން މިނިސްޓްރީއިން ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވެއެވެ.
ކޮމްޕައުންޑެއް އަދި ހޯލެއް ވެސް އެ އިމާރާތުގައި ނެތްއިރު އެތަންތަން ހަދަން ނިންމާފައި ވަނީ އެ އިމާރާތުގެ ކައިރީގައި ހުރި މާލެ ޖަލު ހުރިތަނުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމަސައްކަތް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި ނަމަވެސް އެ މަސައްކަތް މަޑުޖެހިގެން ދިޔައީ އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަކާއި ރީޑިޒައިނިން ދިގުލައިގެން ދިއުމާއި ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެއެވެ.
މީގެ އިތުރުން، އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތުގެ މަސައްކަތް ނިމި، އެ އިމާރާތަށް އެ ސްކޫލު ހިންގުން ބަދަލުކުރެވެންދެން ދަރުމަވަންތަ ސްކޫލު މިހާރު ހިންގަމުން އަންނަ ވަގުތީ އިމާރާތަށް އަރަބިއްޔާ ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ