ޔާމީން ވަކީލުންނާ ދިމާއެއް ނުކުރޭ، ސަމާސާކޮށްލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާކޮށްލެއްވި ކަމަށް ބުނެ ދައްކާ ވާހަކަތައް އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދޮގުކުރައްވައިފި އެވެ.
މީޑިޔާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާކޮށްލެއްވީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގެ ތެރެއިންނެވެ. ހައިކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލި ވަގުތު ޔާމީން ދައުލަތުގެ ވަކީލުން ތިބި ތަނަށް ވަޑައިގެން ވަކީލުން ދައްކާ ވާހަކަ "ސެންސް މޭކެއް ނުކުރޭ" ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ނުކުރައްވާ ކަމަށާއި ހަމައެކަނި ސަމާސާ އަކަށް ސުވާލެއް ކުރެއްވީ ކަމަށެވެ.
"މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތަސް ރައީސް ސޯލިހު ރޭވުމެއްގެ ދަށުން ރައީސް ޔާމީނަށާ ރައީސް ނަޝީދުއަށް އަނިޔާކުރާކަން ސިއްރެއް ނުކުރެވޭނެ. ދަޢުވާތަކަކީ ޖަހާ ސަކަރާތެއް." ޖަމީލު ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގަނެފައިވަނީ އޭޕްރިލް މަހުގެ ކުރީކޮޅު އެވެ.
މި ހުކުމް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރުވެސް އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ