ދައުލަތަށް ނުލިބިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ޢަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއްގެނެސް ޝާއިޢުކޮށްފިއެވެ.
މިގޮތުން، ބަދަލުތައް ގެނެސްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލުގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށެވެ.
ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށް ގެނެވުނު މައިގަނޑު ބަދަލަކީ ސުންގަޑީގެ ފަހުން ފޮނުވަމުންދާ ފުރަތަމަ ނޯޓިސް އަދި 2 ވަނަ ނޯޓިސްގެ މުއްދަތު 15 ދުވަހަށް ބަދަލު ކުރުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.
އަދި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނެވުނު މައިގަނޑު ބަދަލު ތަކަކީ  ނަންހާމަކުރާއިރު ޓެކްސްދައްކާފަރާތުން ނުދައްކައިވާ އަދަދާއެކު ހާމަކުރެވިގެންދާނެކަމަށް ބަޔާންކުރުމާއި، ނަން ހާމަކުރުމުގައި މީރާއިން ބަލާ މިންގަނޑުތައް ތަފާތު ކޮށް، ނަން ހާމަ ކުރުމަށްފަހު، އެއް މަރުޙަލާއިން އަނެއް މަރުޙަލާއަށް ދިއުމުގެ މުއްދަތު 5 (ފަހެއް) ދުވަހުގެ މުއްދަތަކަށް ބަދަލުކުރުން ކަމުގައިވެސް މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނެވުނު ބަދަލަކީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށް ގެނެވުނު ބަދަލާ އެއްގޮތް ކުރުމުގެ ގޮތުން ނޯޓިސް ދެވޭ މުއްދަތު ކުރުކޮށް އިސްލާޙުކުރުން ކަމުގައި މީރާއިން ހާމަ ކުރެއެވެ.
މި އުސޫލުތަކަށް ތަކަށް ގެނެވުނު ބަދަލުތައް މިހާރު މި ވަނީ ގެޒެޓްކޮށް މީރާގެ ވެބްސައިޓުގައި ޝާއިއުކޮށް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ