ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަނބިކަނބަލުން އައިޝަތު ރައިހާނާ، ތުރުކީވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މަތީ މަގާމަކަށް އައްޔަންކޮށްފި އެވެ.
“ދިޔަވަރު” ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ރައިހާނާ އައްޔަންކުރީ އެ އެމްބަސީގެ ތާޑު ސެކްރެޓަރީގެ މަގާމަށެވެ. ނަމަވެސް އެކަން ސަރުކާރުން އިއުލާނެއް ނުކުރެ އެވެ.
އެ މަގާމަށް ރައިހާނާ އައްޔަންކުރުމުގެ ކުރިން ހުންނެވީ ރައީސްގެ ރަސްމީގެ، މުލީއާގޭގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގަ އެވެ.
ތުރުކީގައި އެމްބަސީއެއް ގާއިމުކުރީ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްބަސީގެ ވަޒީފާ އަދާކުރައްވަން ރައިހާނާ ފުރައިވަޑައިގަތީ މިދިޔަ މަހު އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އެމްބަސީތަކަށް އައްޔަންކުރާ ފަރާތްތަކުގެ މުސާރަ މިހާތަނަށް ހާމަކޮށްފައި ނުވުމާއި، ތުރުކީ އެމްބަސީއަކީ މި ސަރުކާރުން ގާއިމުކުރި އެމްބަސީއެއް ކަމުން ރައިހާނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ ވަރު ކަށަވަރު ކުރެވިފައި ނުވިނަމަވެސް, އެމްބަސީތަކުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަޑަށް ބަލާއިރު އޭނާއަށް މަހަކު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެކަމަށް ބެލެވެއެވެ.
ރައީސް މުއިއްޒު އެންމެ އިތުބާރުކުރާ ފަރާތުގެ ގޮތުގައި ކުރިންހުރި އާދަމް ރަމީޒު، ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ދުރުކޮށްލުމަށް ފަހު އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެން ދަނީ ނާސިރެވެ. އެ ދެ ބޭފުޅުން ގުޅުން ބަދަހިވީ ސިޓީ ކައުންސިލްގެ ތެރެއިންނެވެ. މޭޔަރަކަށް މުއިއްޒު ހުންނެވިއިރު، ނާސިރަކީ ކައުންސިލްގެ މެންބަރެކެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައި ވި ނަމަވެސް, މި ސަރުކާރުން ދަނީ ބޮޑު މުސާރަލިބޭ ސިޔާސީ މަގާމްތަކަށް އެކްޓިވިސްޓުންނާއި ސިޔާސީ އިސް ފަރާތްތަކުގެ އަނބިންނާއި ފިރިންނާއި ދަރިން އައްޔަން ކުރަމުންނެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު މިހާރުވަނީ 2,000 އިން މައްޗަށް ގޮސްފައެވެ.
ގައުމުގެ އިގްތިސާދު ވަޅުޖެހިފައި ވަނިކޮށް, އަނެއްކާވެސް ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަނބިކަނބަލުން އައިޝަތު ރައިހާނާ އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ