'ފާސްޓް އެންޑް ފިއުރިއަސް'ގެ 11 ވަނަ ފިލްމުގެ ކާސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ
ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިސް ފިލްމު "ފާސްޓް އެންޑް ފިއުރިއަސް"ގެ 11 ވަނަ ބައި "ފާސްޓް 11"ގެ ކާސްޓުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭނެކަން އިއުލާނުކޮށްފިއެވެ. އެކަން މިދިޔަ ހަފުތާގެތެރޭ އިއުލާނުކޮށްފައިވާއިރު އެ ފްރެންޗައިސްގެ ފިލްމުތަކުގެ އެންމެ މުހިއްމު ރޯލް ކުޅޭ ހޮލީވުޑް އެކްޓަރު ވިން ޑީސަލް ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކުރަމުން ވިން ޑީސަލް ބުނެފައި ވަނީ، ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯއަށް ޚާއްސަ ރޯލެއް ލިޔެފައިވާނެ ކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ހަގީގަތުގައި ވެސް "ފާސްޓް 11"ގެ ކާސްޓުން ފެންނާނެ ކަމަށް ވިން ޑީސަލް ވަނީ ބުނެފައެވެ. ރޮނާލްޑޯ "ފާސްޓް އެންޑް ފިއުރިއަސް"ގެ ޓީމާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ ރޮނާލްޑޯ "ފާސްޓް އެންޑް ފިއުރިއަސް"ގެ ޓީމާ ގުޅުނުކަން އިއުލާނުކުރުމާ އެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ކުޅުންތެރިޔާއަށް މަރުހަބާ ކިޔާފައެވެ. އަދި ރޮނާލްޑޯ އެ ފިލްމާ ގުޅުމަކީ މުޅި ފްރެންޗައިސްގެ ގޭމް ބަދަލުކޮށްލާނެ ކަމެއް ކަމަށާއި "ފާސްޓް 11"އަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. ރޮނާލްޑޯ "ފާސްޓް 11"ގެ ސެޓުގައި އެ ފިލްމުގެ ބައެއް ތަރިންނާ އެކު ނަގާފައިވާ ފޮޓޯއެއް އެކްޓަރު ޓައިރެސް އިންސްޓަގްރާމްގައި ހިއްސާ ކުރުމާ އެކުވެސް ގިނަ ބަޔަކު ވަނީ ކުޅުންތެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ފޮޓޯއިން ރޮނާލްޑޯއާއެކު ވިން ޑީސަލް، ޑްވޭން ޖޯންސަން، ޖޭސަން ސްޓެތަމް، ލުޑާކްރިސް އަދި މިޝޭލް ރޮޑްރިގޭޒް ފަދަ ތަރިން ފެނެއެވެ. މި ފިލްމުގެ ކާސްޓުގައި ހިމެނުނު ކުރީގެ އެކްޓަރު ޕޯލް ވޯކާގެ ކެރެކްޓާ ވެސް އަލުން ފިލްމަށް ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމުގެ އިޝާރާތެއް ވިން ދީފައިވާއިރު، ރޮނާލްޑޯ ކުޅޭ ކެރެކްޓާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. ޕޯލް ވަނީ 2013 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. މި ފްރެންޗައިސްގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ 2023 ވަނަ އަހަރެވެ. "ފާސްޓް އެންޑް ފިއުރިއަސް"ގެ 11 ވަނަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ