ނުފޫޒުތަކާ ދެކޮޅަށް ނުކުމެ މަމްދާނީ ނިއު ޔޯކުގެ މޭޔަރުކަން ކާމިޔާބުކޮށްފި

ޝިއައީ މުސްލިމެއް ކަމަށްވާ ޒަހްރާމް މަމްދާނީ، އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމު ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދައިފި އެވެ.ޑިމޮކްރެޓިކް ޕާޓީގެ އެސެމްބްލީމެންބަރެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯ އެވެ.މަމްދާނީގެ ކެމްޕެއިން ހާއްސަކުރެއްވީ ނިއު ޔޯކް ސިޓީގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ. ހިލޭ ޔުނިވާސަލް ޗައިލްޑް ކެއާ ދިނުމާއި، ސިޓީގެ ފަރާތުން ހިންގާ ގްރޯސަރީ ފިހާރަތައް ހުޅުވުމާއި، ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތް ހެދުމާއި، ކުލި ކޮންޓްރޯލްކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.މީގެ އިތުރުން، މަމްދާނީ ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފާޅުގައި ބަސްބުނެ، ފަލަސްތީނާއި އެއްކޮޅު ހަރަކާތްތަކުގައި ވެސް ބައިވެރިވެފަ އެވެ. މި ސިޔާސަތުތަކާއެކު ޒުވާނުންގެ މެދުގައި މަމްދާނީ ވަނީ މަގުބޫލުވެފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ސޯޝަލް މީޑިއާގައި ވެސް އޭނާ ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.މަމްދާނީގެ މަގުބޫލުކަމާއި ފާޅުކަން ބޮޑު ކެމްޕޭނުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ފާޅުގައި އޭނާއާއި ދެކޮޅަށް ކެމްޕޭން ކުރައްވާފަ އެވެ. އަދި، މަމްދާނީ ހޮވިއްޖެނަމަ ނިއު ޔޯކަށް މާލީ ގޮތުން ދަތިކުރާނެ ކަމުގެ އިންޒާރުތައް ޓްރަމްޕު ދީފައިވެ އެވެ.އަދި، އިމިގްރެންޓުންނާއި ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން މަމްދާނީ ހިންގާ ނިއު ޔޯކަކަށް އެމެރިކާގެ ސިފައިން ފޮނުވައިގެން އިމިގްރެންޓުން ހައްޔަރުކޮށް ޑީޕޯޓުކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕު ދީފައިވެ އެވެ.މި އިންޒާރުތަކަށް މަމްދާނީ ވަނީ އޭނާގެ ކާމިޔާބީ ފާހަގަކޮށް ދެއްކެވި ވާހަކައިގައި ރައްދު ދެއްވާފަ އެވެ. އެގޮތުން ނިއު ޔޯކަކީ އިމިގްރެންޓުންގެ ސިޓީއެއް ކަމަށާއި އެ ސިޓީގައި ދެން ވެރިކަން ކުރާނީ ވެސް އިމިގްރެންޓެއް ކަމަށް މަމްދާނީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ