ބާސެލޯނާ (އޮކްޓޫބަރު 25) - ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަށް ދީފައިވާ ސަސްޕެންޝަނަށް ލުޔެއް ހޯދަން ތިން ފަހަރު އެޕީލްކޮށްގެން ވެސް ކާމިޔާބުނުވެ، އެ އަދަބު ތަންފީޒުކުރަން ޖެހިއްޖެ އެވެ.
ސްޕެނިޝް ލީގުގައި މިދިޔަ ހަފްތާގައި، ބާސެލޯނާ އިން ފަހަތުން އަރައި، ފަހު ވަގުތު 2-1 އިން ޖިރޯނާ އަތުން މޮޅުވިއިރު، ބާސެލޯނާގެ ކޯޗު ފްލިކަށް ދެއްކި ރަތް ކާޑުގެ ސަބަބުން، މި ހަފްތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ކްލަސިކޯ މެޗުގައި އޭނާ އަށް ބެންޗަށް ނާދެވޭނެ އެވެ.
އެ ސަސްޕެންޝަނާ ދެކޮޅަށް ބާސެލޯނާ އިން ފުރަތަމަ ދެ އެޕީލްކުރީ، ސްޕެނިޝް ލީގުގެ ޑިސިޕްލިނަރީ ބޯޑަށެވެ. އެކަމަކު، އެ ބޯޑުން އެޕީލް ބަލައިނުގަނެ، އަނބުރާފޮނުވާލުމުގެ ސަބަބުން، ބާސެލޯނާ އިން އެންމެ ފަހު ފުރުސަތެއްގެ ބޭނުންހިފައި، އެކަން ހުށަހަޅަން ނިންމީ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށެވެ. އެކަމަކު، ކާސް އިން ވެސް ވަނީ ބާސެލޯނާގެ މި އެޕީލް ބަލައިނުގަންނަން ނިންމައި، އެކަން އެ ކްލަބަށް އަންގައިފަ އެވެ.
ފްލިކަށް ދީފައި މި އޮތް ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް ޓީމަށް އިރުޝާދުދޭން ބެންޗަށް ނާދެވުމުގެ އިތުރުުން، ހާފް ޓައިމްގައި ޗޭންޖިން ރޫމަށް ވެސް ނުދެވޭނެ އެވެ. މިއީ، ސީޒަނުގައި ބާސެލޯނާ އިން މުހިންމު ވަގުތެއްގައި ކުޅެން ޖެހުނު މެޗެއްގައި ކުރިމަތިވި ދެރަ ހާލަތެއް ކަމަށް އެ ކްލަބްގެ އޮފިޝަލުން ވަނީ މީޑިއާގައި ބުނެފަ އެވެ.
މެޑްރިޑް ދަނޑުގައި އާދިއްތަ ދުވަހުގެރޭ ކުޅޭ ކްލަސިކޯ މެޗަށް ނުކުންނައިރު، އެ ޓީމުން އެއް ވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ނުވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. މި މެޗުން މޮޅުވެގެން، ބާސެލޯނާ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތްއިރު، ރެއާލް މޮޅުވެއްޖެނަަމަ، އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
ތިން ފަހަރު އެޕީލްކޮށްގެން ވެސް ފްލިކްގެ ސަސްޕެންޝަނަށް ލުޔެއް ނެތް ތިން ފަހަރު އެޕީލްކޮށްގެން ވެސް ފްލިކްގެ ސަސްޕެންޝަނަށް ލުޔެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ