ޑުރަގުގެ ބޮޑެއް ދޫކޮށްލުމުގެ ތުހުމަތުގައި ގާޒީ ފާއިޒު ވަކިކުރަން ޖުޑިޝަރީ ކޮމިޓީއަށް
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު އެ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ޖޭއެސްސީން ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ގާޒީ ފާއިޒު އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، 60 ދުވަހުގެ ސަސްޕެންޝަނެއްގައި ހުންނެވި ގާޒީ ފާއިޒު ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކޮށް، ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. https://sun.mv/213676 ފާއިޒާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތުކުރެވިފައިވަނިކޮށް ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ދޫކޮށްލި މައްސަލައެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ހައިކޯޓުން މިދިޔަ މަހު ކުރީކޮޅު ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ. އޭނާ ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާއިޒު އޭރު ފާހަގަކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ. އެއީ، އަންވަރު ހައްޔަރުކުރުމުގެ އަމުރަކާއި އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ. ގާޒީ ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އަންވަރާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރީ އޭނާ ހައްޔަރުކުރުމަށް ފަހުގައެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާ ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އޭނާ ބަންދުން ދޫކޮށްލި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް، އަންވަރު ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ އަވައްޓެރި ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ އެތެރެވިޔަ ނުދީ ފޮނުވާލުމުން އޭނާ އަލުން ވަނީ ހައްޔަރުކޮށްފައެވެ. އަންވަރު ދޫކޮށްލީ، އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވެގެން އަލުން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި، ގާޒީ ފާއިޒެވެ. https://sun.mv/214481 މީގެ ކުރިން ވެސް ގާޒީ ފާއިޒް މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ، ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގައެވެ. އެ މައްސަލައިގައި ނޮވެންބަރު ހަތަރެއް، 2021 ގައި ފާއިޒް ސަސްޕެންޑުކުރީ 60 ދިވަހުގެ މުއްދަތަކަށެވެ. އެކަމަކު، އެ އަހަރުގެ ޑިސެންބަރު 26ގައި ޖޭއެސްސީން ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލާފައެވެ. ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްކަމުގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ