މުޒާހަރާގައި ބައިވެރިވާ ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ކޯޓު އަމުރެއް ވެސް ނުދައްކާ: މައުރޫފް މުޒާހަރާގައި ބައިވެރިވާ ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ކޯޓު އަމުރެއް ވެސް ނުދައްކާ: މައުރޫފް

ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދާ މުޒާހަރާގައި ބައިވެރިވާ ދޯނިތަކަށް ފުލުހުން އަރައި، އެމީހުންގެ ބާރުގެ ދަށަށް ދޯނިތައް ގެންދަނީ ކޯޓު އަމުރެއް ވެސް ނެތި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ އިންތިޒާމުކުރާ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު އަދަދު އަށް ވިދާޅުވީ މިހައިތަނަށް ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކޯޓު އަމުރެއް ނުދައްކާ، ގާނޫނާ ހިލާފަށް، ސީދާ ގައިރުގާނޫނީކޮށް އެކަން އެ ކުރަނީ، ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކަމެއް ނޫން އިހުތިޖާޖު ކުރުމަކީ،" މައުރޫފް ވިދާޅުވި އެވެ.
މުޒާހަރާގައި ބައިވެރިވާ ބައެއް ދޯނިތަކަށް ފުލުހުން އަރައި އޭގައި މަސައްކަތް ކުރާ ބިދޭސީންތައް ހައްޔަރުކުރަން ފެށުމުން، ބައެއް ދޯނިތައް އޮޕަރޭޓުކުރަން ވެސް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ބައެއް ދޯނިތަކުގައި ތިބި ބިދޭސީންތައް ހައްޔަރުކުރީމާ އެ ދޯނިތައް އޮޕަރޭޓުކުރަން ވެސް ދަތިވެފައި މި ތިބީ، ދެން މި ތަނުން ނުނެގޭނެ ދޯނިތަކެއް، މުޒާހަރާ މި ތަނުގައި ކުރިއަށް ދާނެ،" މައުރޫފް ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީންތަކެއް ކަމަށް ވެސް ބީކޭއެމްޔޫއިން ބުންޏެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި މާލޭ އެއް ނަންބަރު ފާލަން ބޭރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި މިވަގުތު 25 ވަރަކަށް ދޯނި އެބައޮތެވެ.
މަސްއޮޑިފަހަރަށް އިމިގްރޭޝަން އޮފިސަރުންނާއެކު ފުލުހުން އަރަން ފެށީ މުޒާހަރާއަށް ހުރަސް ނާޅަން މަސްވެރިންގެ ޔޫނިއަނާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން މިއަދު ގޮވާލައިިފައި އޮއްވަ އެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ