މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ކުޑަކޮށްފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ކުލީގެ އަގު ކުޑަކުރުން އަނެއްކާ ވެސް އެތަނުން ފުލެޓެއްގައި ދިރިއުޅޭ މީހަކު އެދެފި އެވެ.
އެ މީހާ މިފަދައިން އެދިފައިވަނީ ރައީސް މުހައްމަދު މުއިއްޒު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި އެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނި ގޮތުގައި ކުލި އަގުބޮޑުވުމަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އޮތް ބޮޑު އުދާހެކެވެ.
"ނަމަވެސް، މިހާރު އޮތީ ކުޑަކޮށްދީފަ. އަދި، އެއަށްވުރެ ވެސް ކުޑަކޮށްދެވޭތޯ ރައީސަށް އަޅުގަނޑު ހަމަ ވަރަށް ދަންނަވަން،" އޭނާ ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިމާރާތް ކުރަން ފަށައި، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނިންމާ ހަވާލުކުރި ހިޔާ ފުލެޓުތަކުގެ ކުލި މި ސަރުކާރާއި މިދިޔަ ސަރުކާރުން ވެސް ކުޑަކުރި އެވެ.
އެގޮތުން، ހިޔާ ފުލެޓުގެ އެއްބަސްވުން ހެދީ މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކާ ގޮތަށެވެ. ނަމަވެސް، ގިނަ ޝަކުވާތަކަކާއެކު އެމްޑީޕީ ސަރުކާރުގެ ފަހު އަހަރުގެ މެއި މަހު އެ ކުލި 5،300ރ. އަށް ކުޑަކުރި އެވެ.
އޭގެ ފަހުން، ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާގެ ކޮންމެ ފުލެޓެއްގެ ޖުމްލަ ކުލިން 200،000ރ. އުނިކުރި އެވެ. އެއާއެކު އެ ފުލެޓުތަކުގެ ކުލި ވަނީ 3،984ރ. އަށް ކުޑަވެފަ އެވެ.
ހިޔާގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވަހީގައި ހުރި ހުރިހާ ފުލެޓެއްގެ ކުއްޔަށް މިދިޔަ ސަރުކާރާއި މި ސަރުކާރުން ވަނީ ލުއިތަކެއް ދީފަ އެވެ. އެ ލުއިތަކުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ބުރަކަމެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.
ސޯޝަލް ހައުސިންގެ ތެރޭގައި ހިމެނޭ ފުލެޓުތަކުގެ ކުލި ކުޑަކުރުމާއި ދިން އެހެނިހެން ލުއިތަކުގެ ބަދަލުގައި ދައުލަތުގެ ބޮލުގައި 3.9 ބިލިއަން ރުފިޔާގެ ދަރަންޏެއް އުފެދިފައިވާކަން ހާމަވީ މިދިޔަ އޮކްޓޯބަރު މަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރި މާލީ ހިސާބުތަކުންނެވެ.
އެ ލިޔެކިޔުންތަކުން އެނގޭ ގޮތުން ފުލެޓުތަކުގެ ކުލިން އުނިކޮށްފައިވާ ފައިސާގެ ބަދަލުގެ ގޮތުގައި ދައުލަތުން އެޗްޑީސީއަށް ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 3،994،215،915ރ. އެވެ. ކުލި އުނިކޮށްގެން ދައްކަން އޮތް ފައިސާގެ ތެރެއިން މި އަހަރު ތެރޭ ސަރުކާރުން ވަނީ އެޗްޑީސީއަށް 70.6 މިލިއަން ރުފިޔާ ދައްކާފަ އެވެ.
މިހާރު 3،984ރ. ގައި ހުރި ހިޔާ ފުލެޓުތަކުގެ ކުލި އަނެއްކާ ވެސް ކުޑަކޮށްދޭން އެދެފި މިހާރު 3،984ރ. ގައި ހުރި ހިޔާ ފުލެޓުތަކުގެ ކުލި އަނެއްކާ ވެސް ކުޑަކޮށްދޭން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ