އަގުހެޔޮކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން މަޝްވަރާކޮށްފި

އަގުހެޔޮ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާއި ދެމެދު މަޝްވަރާކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމާއި، ގައުމީ ވިއުގައަށް އިއާދަކުރަނިވި ހަކަތަ އިތުރަށް ތަޢާރަފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެމެހެއްޓެނިވި، އަގުހެޔޮ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި މިކަމަށްޓަކައި ސްޓެލްކޯއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިނިސްޓްރީގެ އެހީތެރިކަމާއެކު މި މަސައްކަތްތައް އިތުރަށް ހަލުވިކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ