ތައިލެންޑުގެ މަޝްހޫރު 'ހާބަލް އިންހޭލާ' 'ހޮންގް ތައި ފޯމިއުލާ 2'ގެ ބެޗެއް ވިއްކުން މަނާކޮށްފި

ފަރުވާއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ 'ހޮންގް ތައި ފޯމިއުލާ 2 ހާބަލް އިންހޭލާ'ގެ ބެޗެއް ތަގައްޔަރުވެފައިވާތީ އެ ބޭސްފުޅިތައް ފިހާރަތަކުން ނަގަން ތައިލެންޑުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފި އެވެ. ފެހި ކުލައިގެ ފުޅިއެއްގައި ހުންނަ މި ބޭސް ދިވެހިންގެ ތެރޭގައި ވެސް މަގުބޫލެވެ.
ތައިލެންޑުގެ އެފްޑީއޭ އިން ބުނީ ހޮންގް ތައި ހާބަލްގެ ފޯމިއުލާ 2 ހާބަލް އިންހޭލާ ޓެސްޓްކުރި އިރު ރައްކާތެރި މިންވަރަށް ވުރެ ބޮޑަށް 'މައިކްރޯބިއަލް ކޮންޓެމިނޭޝަން' ހުރި ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އެ ބެޗުގެ ބޭސް ބޭނުންނުކުރުމަށް އެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޮންގް ތައި ހާބަލް އިން ބުނިގޮތުގައި، އެފްޑީއޭގެ އެންގުމާ އެއްގޮތަށް، 9 ޑިސެމްބަރު 2024ގައި އުފައްދާފައިވާ ޕްރޮޑަކްޝަން ނަމްބަރު 000332ގެ ބެޗް ފިހާރަތަކުން ނަގަން ވަނީ ފަށައިފަ އެވެ. އެ ކުންފުނިން ބުނީ މި ބެޗުގައި 200،000 ފުޅި ހުރި ކަމަށާއި އެއީ ހަމައެކަނި ތައިލެންޑުގައި ވިއްކާފައިވާ ބެޗެއްކަން ޔަގީންނުވާ ކަމަށެވެ.
ހޮންގް ތައި ހާބަލް އިން ނެރުނު ބަޔާނެއްގައި ބުނީ އެފްޑީއޭގެ އިންސްޕެކްޝަންގެ ނަތީޖާ އެ ކުންފުނިން ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ.
ހޮންގް ތައި ހާބަލް އިން ބުނީ އެ ކުންފުނީގެ ބާވަތްތައް އުފެއްދުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާކޮށް އަޕްގްރޭޑް ކޮށްފައިވާ ކަމަށާއި 'އަލްޓްރާ ވައިލެޓް (ޔޫވީ) ސްޓެރިލައިޒޭޝަން' ފަދަ އިތުރު ކޮލިޓީ ކޮންޓްރޯލް ފިޔަވަޅުތައް ހިމަނައި، މުސްތަގުބަލުގައި ނެރޭ ހުރިހާ އުފެއްދުންތަކަކީ ރައްކާތެރި، ސާފުތާހިރު، އަދި ސިއްހީ މިންގަނޑުތަކަށް ފެތޭ ޕްރޮޑަކްޓްތަކެއްކަން ކަށަވަރު ކުރާނެ ކަމަށެވެ. 
ތައިލެންޑުގައި ކޮލިޓީ ދަށް ހާބަލް ޕްރޮޑަކްޓެއް އުފައްދައިފި ނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 200،000 ބާތު (ގާތްގަނޑަކަށް 6،170 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ އެވެ.
މި ބޭސް މަގުބޫލު ގައުމުތަކުގެ ތެރެއިން ސިންގަޕޫރުން ވަނީ އާއްމުން ސަމާލުވުމަށާއި ތަގައްޔަރުވެފައިވާ ބެޗުގެ ބޭސް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ