ދިވެހިރާއްޖެއިން ދިވެހިންނަށް ހިލޭ ބިން ލިބެންޖެހޭ ހެއްޔެވެ؟ ދިވެހިރާއްޖެއަށް އުފަންވުމަކީ ދިވެހި ބިމުން ޖާގައެއްގެ މިލްކުވެރިޔަކަށް ވުމުގެ ހައްގު އުފެދޭ ކަމެއް ހެއްޔެވެ؟ ގައުމެއްގެ ތަބީއީ ވަސީލަތްތައް ބެހުމުގައި އަދުލުވެރި ގޮތަކީ ކޮބައިހެއްޔެވެ؟ މިއަދު މި ސުވާލުތަކުގެ އަޑު ގަދަވިޔަސް، މިއީ މީގެ ޒަމާންތަކެއް ކުރިން ދިވެހިން އުފެއްދި ސުވާލުތަކެއް ނޫނެވެ. މިހާރު މި ސުވާލުތައް އެކުރަނީ، މި ސުވާލުތަކަށް އެންމެންނަށް އެއްބަސްވެވޭ ޖަވާބެއް ލިބުމަކީ އެތައް މައްސަލައަކަށް ހައްލު ލިބިގެން ހިނގައިދާނޭ ކަމެކޭ ހީވާތީ އެވެ.
ޒަމާނީ ފަސޭހަތަކާއެކު ދިވެހިންނަށް އެނގި ހާމަވަމުން ދިޔައީ ރާއްޖޭގެ ތަބީއީ ވަސީލަތްތައް ބެހުމުގައި އެކި ސަރުކާރުތަކުން ދައުލަތުގެ ނަމުގައި ވެފައި އޮތް ބޮޑު ބޭއިންސާފެވެ. އެންމެ ބޮޑު ބޭއިންސާފެއް ވެފައި އޮތީ ދިރިއުޅުމަށް ބަންޑާރަ ބިން ދޫކުރުމުގަ އެވެ.
ގޯތި ދޫކުރުމުގައި އަންޒަމާނުއްސުރެ އޮތީ އެންމެ ފުރަތަމަ އަންނަ ބަޔަކަށް އިސްކަން ދޭ ކަހަލަ ސިޔާސަތެކެވެ. މީގެ ފަންސާސް އަހަރު ކުރިން ގޯއްޗެއް ހޯދަން އެދުނު މީހުންނަށް ދިހަހާސް އަކަފޫޓާއި ވިހިހާސް އަކަފޫޓެވެ. ސާޅީހަކަށް އަހަރު ކުރިން އެދުނު މީހުންނަށް ފަސްހާސް އަކަފޫޓެވެ. ބިމާބެހޭ ގާނޫނުގެ ފަހުން އެކަމަށް އެދުނު މީހުންނަށް ހަތަރުހާސް އަކަފޫޓެވެ. ދެން ތިންހާހުން ދެހާހުން ފަނަރަސަތޭކައިން ގޮސް މިހާރު ބާރަސަތޭކަ ފަންސާހެވެ. މި އުސޫލުން ދާނަމަ މީގެ ވިއްސަކަށް އަހަރު ފަހުން ގޯތި ހޯދަން ދިޔައިމާ ލިބޭނީ ހަފޫޓު ދެފޫޓެވެ. އެއީ މިހާރު މިއުޅޭ ގޮތަށް އުޅެ މި ބިމުގައި މަރުވިޔަސް ލިބޭނޭ މިންވަރެވެ.
މި ނިޒާމު ހިންގާފައި މިއޮތް ގޮތުން ފާހަގަވެ އެނގޭ ފުރަތަމަ ކަމަކީ، ގޯތި ދޫކުރުމުގައި ދުރު މުސްތަގުބަލަށް އެއްގޮތަކަށް ވެސް ވިސްނާފައި ނެތް ކަމެވެ. ގައިމު ބިމަކީ ތިޔަހެނަކުން ހެދި ބޮޑުވާ އެއްޗެއް ނޫންކަމާއި، ކުރިން އައި ބަޔަކަށް ގިނައިން ދިނީމާ ފަހުން އަންނަ ބަޔަކަށް އެ ނިސްބަތުން ދެވޭނޭ އެއްޗެއް ނޯންނާނޭކަން އެއީ އެނގެން އޮތް ކަމެކެވެ. ފޯދުނު ވަރަކުން ބަހަމުން ގެންދާން މިއީއަކީ އެކި ވަރިވަރިއަށް ގަހެއްގައި އަޅާ މޭވާއެއް ނޫނިއްޔާ އެވެ. އެކަމަކު ވެސް ހެވެވެ. ގޯތި ދޫކުރުމުގައި އަދިވެސް އެ ހިންގަނީ އެ ސިޔާސަތެވެ.
ރަށްވެރިޔާއަށް އިޝާރާތެއް ކޮށްލައި، އޭނާގެ ހުއްދަ ލިބުނީމާ، ރަށުގެ ތަނަވަސްވެގެންވާ ބިމުގައި ހެދިފައި އޮތް ބޯ ޖަންގަލީގެ ތެރެއިން އެމީހަކަށް ފެނުނު މިންވަރެއްގެ ބިން ނޮޅައި ސާފުކޮށް ގެދޮރު ބިނާކޮށްގެން ދިރިއުޅެމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ކާބަފައިންނަށް ފަހިވެފައި އޮތް ނިއުމަތެކެވެ. އަމިއްލައަށް ސާފުކޮށް އިންވަކިކޮށް ވަޅު ބެހެއްޓި ބިމަކީ ގޯއްޗެއް ކަމަށް ބަލައިގެން ފަތް ލިޔެދޭން ފެށީ އަދި މާ ފަހުންނެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް ފެންނާން އެހުރި މާ ސިންގާ ބޮޑެތި މުސްކުޅި ގެވަޅުތަކަކީ މި ބުނި އުސޫލުން މިލްކުކޮށް ވާރުތަކުރަމުން އަންނަ ގެވަޅުތަކެވެ.
ބިން ދޫކުރުމުގައި އެންމެ ދުރަށް ވެސް ކިޔޭން އޮތް އިޖުރާއީ އިންތިޒާމަކީ ރަދުންގެ ފުށުން ވާރުވެރިން ބިން ދޫކުރުމެވެ. ބިމަކީ ރަދުންގެ މިލްކެކެވެ. އެކަން ހާމަވާ ކިތަންމެ ފަތްކޮޅެއް މިހާރުވެސް ފެންނާން އެހުރީ އެވެ. ރަދުންގެ ފުށުން ބާރު ދީފައި ހުރި މީހަކު އިޒުނަ ދިނީމާ މީހުން ދިރިއުޅޭ ރަށްރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަކީ އޭރުގެ އުސޫލީ އާދަ އެވެ.
ބިން ދޫކުރުމާބެހޭ ތަފްސީލު އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ލިޔެވުނީ 2002 ވަނަ އަހަރު އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ 2003 ވަނަ އަހަރު އެވެ. އެ ގާނޫނުން ކުރި މައިގަނޑު ކަމަކީ އޭރު ރާއްޖޭގައި އަމަލުކުރަމުން އައި ބަންޑާރަ ގޯތި ދޫކުރުމުގެ އާދައަކީ ދައުލަތުގެ ރަސްމީ ސިޔާސަތު ކަމަށް އެކަށައެޅުމާއި، އެކަމުގެ ތަފުސީލު އުސޫލުތައް ކަނޑައެޅުމެވެ.
އެ ގާނޫނުން ފާހަގަވާ އެއް ކަމަކީ އެ ގާނޫނުގައި މަނާކުރުމާއި ހުއްޓުވުމުގެ އިބާރާތްތައް ވަރަށް ގިނަ ކަމެވެ. "ނުވިއްކޭނެ އެވެ" "ދީގެން ނުވާނެ އެވެ" "ބިން އިމާރާތާ ވަކިން ރަހުނެއް ނުކުރެވޭނެ އެވެ" މިފަދަ ކިތަންމެ އިބާރާތެކެވެ. އަނެއް ކަމަކީ ބައެއް އުސޫލުތައް ބަޔާންކުރުމަށްފަހު "މި ގާނޫނަށް އަމަލުކުރަން ފެށިއިރު މިގޮތަށް ދީފައި ހުރި ބިންތައް" މިހެން ބަޔާންކޮށް އިސްތިސްނާ ދީފައި އޮތްކަމެވެ. މިކަންކަމުން އެނގެނީ، މި ގާނޫނު އުފަންވީއިރު ވެސް ބިން ދޫކުރުމާއި، ބިމުން މުއާމަލާތު ކުރުމުގެ ސިޔާސަތު ބޮއްސުންލައި ގޮސްފައި އޮތްކަމާއި، މި ގާނޫނު ތައާރަފުކުރެވުނީ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ރަނގަޅުކުރުމުގެ ބޭނުމުގައި ކަމެވެ. އެހެންނަމަވެސް، އެ ގާނޫނު އޮތްގޮތުން އެ މަގުސަދު ހާސިލުވާ ގޮތެއް ނުވި އެވެ.
އެ ގާނޫނުގައި އޮތް ގޮތުން، ބިންވެރިއަކަށް ނުވާނޭ އެއްވެސް ދިވެހި ރައްޔިތަކު ނެތެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ވެސް 4000 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެއް އޭނާ ދިރިއުޅުމަށްޓަކައި ލިބިދިނުމަކީ އެ ގާނޫނުގެ އަސާސީ ވިސްނުމެވެ. އެ ގާނޫނުގައި ބިމާބެހޭ ސިޔާސަތު އެކަށައެޅުމުގައި ވިސްނިފައި އޮތް ދާއިރާ ވެސް ހަންޏެވެ. އިހުގެ ގަވާއިދުތަކާއި، ފަހުން އައި ބިމާބެހޭ ގާނޫނާއި އަދި އެ ގާނޫނަށް އައި އެތައް އިސްލާހަކުންވެސް ކޮށްފައި އޮތް ކަމަކީ، ބިމުގެ ސިޔާސަތަކީ 'ރަށަށް ހާއްސަ ސިޔާސަތަކަށް' ހެދުމެވެ. އެއީ އެއްވެސް އިރެއްގައި ގައުމީ ސިޔާސަތެއް ނޫނެވެ. ދުރު މުސްތަގުބަލަށް ވިސްނުމެއް އަމުދުން ނެތެވެ.
މުޅި ރާއްޖެއަށް ހިނގާނޭ އާންމު އުސޫލުތަކެއް ގާނޫނުގައި ހުއްޓަސް، ބިން ދޫކުރުމުގެ ޝަރުތު ކަނޑައެޅުން އޮތީ ކޮންމެ ރަށެއްގެ ހާލަތަށް ވަކިން ބަލަންޖެހޭ ގޮތަށެވެ. އެއް ރަށެއްގައި ގެވަޅު ދޫކުރަނީ މީހަކާ އިނދެ، ދަރިން ލިބިފައިވާ މީހަކަށް ވެގެންނެވެ. ގިނަ ދަރިން ތިބިނަމަ ލިބޭ މާކްސް ގިނަ އެވެ. މި ޝަރުތަށް ބަލާފައި ދެން އަންނަ ބުރެއްގައި ގެވަޅު ހޯދާންކަމަށް ހިތައި އަހަރުދެކޮޅު ވިހާފައި ބަލާއިރު ވިދިގެން އަންނަ ބުރުގައި އެ ޝަރުތު އޮންނަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ. ދިރިއުޅުމުގެ އެހެން ހުރިހައި ކަމެއް ހުއްޓާލައިފައި ގޯއްޗެއް ލިބޭ ވަރަށް ދަރިން ހަމަ ކުރަން އުޅޭން ކުޅަދާނަ ވާނީ ކާކަށް ހެއްޔެވެ؟ މިކަހަލަ އެތައް ސަބަބުތަކަކާ ހެދި، ގެވަޅު ދޫކުރުމުގެ ސިޔާސަތާއި އެކަމުގެ އިޖުރާއަތާމެދު ހިތްހަމަޖެހިގެން ތިބި ރައްޔިތަކު ތިބި ރަށެއް ނެތޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ.
ރާއްޖޭގެ އާބާދީ ކިތަންމެ ކުޑަޔަސް ރާއްޖޭގައި ބިމުގެ ދަތިކަން އެބައޮތެވެ. މިއީ ރާއްޖެއަކީ ކުދި ޖަޒީރާތަކެއްގެ ރާއްޖެއަކަށްވެފައި، ބިންވެރިކުރުމުގައި ފެށުނީއްސުރެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިމާވި ކަމެކެވެ. ބިންވެރިކުރުމާއި، މަސް ގަންނަ އަގު ކަނޑައެޅުމާއި، ހިދުމަތްތަކަށް ސަބްސިޑީ ދިނުމާއި، ސޯޝަލް ވެލްފެއަރގައި ވެސް ސަރުކާރުތަކުން އަބަދުވެސް ދަމަހައްޓައި ގެންގުޅެފައި ވަނީ 'ރުއްސުމުގެ ސިޔާސަތެކެވެ'. މުޅި ސިޔާސަތު ބިނާވެފައި އޮންނަނީ އެ ހިނދަށް ރައްޔިތުންގެ ރުހުން ހޯދޭނޭ ގޮތެއްގެ މައްޗަށެވެ. މިހެން އެކަށައަޅައި ތަންފީޒުކޮށް ފުޅާކުރާ ސިޔާސަތުތައް އަތަށް ގޮވާއިރު ގޮވާނީ ނިކަން ބާރަށެވެ. އެއް ވިސްނުމުން ބަލާއިރު ރަނގަޅީ ވެސް އެގޮތެވެ. އިތުރު ޕެޗެއް ނާޅައި ބަދަލު ކުރުމުގެ ވިސްނުން އަންނާނީ ވެސް މުޅި އެތި އެކީއެކަށް ހަލާކުވީމާ ތޯއްޗެކެވެ.
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަކީ ބިން ބޮޑެތި ގައުމުތަކުގައި ވެސް މިހާރު ތަރުހީބުދޭ ކަމެއް ނޫނެވެ. އެމެރިކާގެ ރައީސް އަބްރަހަމް ލިންކަންގެ ދުވަސްވަރު އޭނާ ތައާރަފުކުރި ހޯމްސްޓެޑް އެކްޓް 1862 އަކީ އެމެރިކާގައި ހިލޭ ބިން ދޫކުރުމަށް އެކުލަވާލެވުނު ފުރަތަމަ ގާނޫނެވެ. 'ފްރީ ސޮއިލް މޫވްމަންޓް' އަށް ދީލާލައި އެމެރިކާއިން މި ތައާރަފުކުރި ގާނޫނުގައި އޮތްގޮތުން، ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށް ހުޅަނގުގެ ސްޓޭޓްތަކުން 160 އޭކަރުގެ ބިން އަމިއްލަ ކުރެވޭނެ އެވެ. 1934 ވަނަ އަހަރާ ހަމައަށް އައިއިރު، އެ ގާނޫނުގެ ދަށުން ބިންވެރި ކުރެވުނީ 1.6 މިލިއަން މީހުންނެވެ. މާނައަކީ 1.6 މިލިއަން އާއިލާ އެވެ. އެކަމަށް އެމެރިކާގެ ހުޅަނގުގެ ސްޓޭޓްތަކުން ދުއިސައްތަ ހަތްދިހަ މިލިއަން އޭކަރުގެ ބިން އެކަށައަޅަންޖެހުނެވެ. އެ ހިސާބުން، އެ ގާނޫނަށް އަމަލުކުރުން ސަރުކާރުން މަޑުޖައްސާލި އެވެ. އަދި 1976 ވަނަ އަހަރު، އަލަސްކާ ފިޔަވައި އެހެން ހުރިހައި ސްޓޭޓްތަކުގައި އެ ގާނޫނަށް އަމަލުކުރުން އެކީއެކަށް ހުއްޓާލި އެވެ. މި ސިޔާސަތުތަކާ ދެކޮޅަށް ކުރެވުނު އެތައް ވަކާލާތަކަށް ފަހު، މިހާރު ސަރުކާރުން ހިލޭ ބިން ދޫކުރުމަކީ އެމެރިކާގައި ސިޔާސަތެއް ނޫނެވެ. އެއީ އެކަން ކުރަންޖެހޭ ގޮތްކަމަށް ބަޔަކު ވަކާލާތެއް ވެސް ނުކުރެ އެވެ.
އިނގިރޭސި ވިލާތުގައި ވެސް މިކަން އޮތީ މިހެންނެވެ. ލޯކަލް ގަވަމަންޓް، ޕްލޭނިންގ އެންޑް ލޭންޑް އެކްޓް 1980 ގެ ދަށުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަކީ ގާނޫނު ދަންނަ ސިޔާސަތެއް ނޫނެވެ. އެހެންނަމަވެސް، ގެދޮރު ބިނާކޮށްގެން ވިއްކުމަށްޓަކައި ސަރުކާރުގެ ފަރާތުން އަމިއްލަ މީހަކަށް ނުވަތަ ކުންފުންޏަކަށް ބިން ވިއްކިދާނެ އެވެ. އެ ބިމުގެ އަގު ކަނޑައަޅާނީ އެ ކުންފުނިން އެ ބިމުގައި ބިނާކުރާ އިމާރާތްތަކުގެ ފަންތިއަށް ބަލައިގެންނެވެ. އެއީ މެދު ފަންތިއަށް ހާއްސަ ގެދޮރު ބިނާކުރުމުގެ ހުށަހެޅުމެއްނަމަ ބިމުގެ އަގު ހެޔޮވާނެ އެވެ. އަދި ވަކި އަގެއްގައި އެ ބިނާތައް ވިއްކުމަށް ވެސް ސަރުކާރުން ޝަރުތުކުރާނެ އެވެ.
އެމެރިކާއެއް އިނގިރޭސި ވިލާތެއް ކިޔާނެ ކަމެއް ނެތެވެ. ދުނިޔޭގައި ކަންކަމާ ވިސްނައި އުޅޭ، ތަހުޒީބު ބަޔަކު އުޅޭނަމަ އުޅޭހައި ތަނެއްގައި އޮތީ މިކަހަލަ ގަވާއިދު ތަކެކެވެ. މިހާރު ގައުމުގައި ލިބެންހުރި ވަސީލަތްތައް އަޅުގަނޑުމެން ކައި ހުސްކޮށްލީމާ މީގެ ފަންސާސް އަހަރު ފަހުން ނުކުމެދާނޭ މައްސަލަތަކާމެދު ވިސްނަންޖެހޭނީ މިއަދުކަން އެ ގައުމުތަކުން ދަނެ އެވެ. ބިމަކީ އެންމެ އަގު ބޮޑު މުދަލެވެ. މުޖުތަމައުގައި މިހާރު އުޅޭ ބަޔަކަށް ބިންތައް ބަހައި ހުސްކޮށްލައިފިނަމަ، އަންނާން އޮތް ޖީލުތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ބިމެއް ނުހުންނާނެ އެވެ. އެ ޖީލުތަކަށް އަޅުގަނޑުމެން ދޭނީ ކޮން ޖަވާބެއްތޯ އެވެ؟ ކަލޭމެން ދުނިޔެއަށް އައިލެއް ލަހީއޭ ބުނުމަކުން އެއީ ހުއްޖަތެއް ކަމަކަށް ނުވާނެ އެވެ. އެޔަކީ އެވެރިން ކުރި ކަމަކުން ވީ ގޮތެއް ނޫންތާ އެވެ.
ދުނިޔޭގައި މީހުން އަމަލުކުރަމުން ގެންދާ ގޮތަށް ބަލައިގެން، ލިބޭން އޮތް ފިލާވަޅެއް ލިބިގަނެގެން އަޅުގަނޑުމެންގެ އުސޫލުތައް ވެސް މުރާޖައާކޮށް ކަނޑައަޅަންވީ އެވެ. ރައްޔިތުން ބޭނުންވެގެން އުޅެނީ ބިމެއް ނޫނެވެ. ބޯހިޔާވަހި ކަމެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބަލައި، ދިރިއުޅުމަށްޓަކައި ބަންޑާރަ ބިން ދޫކުރުމުގެ ސިޔާސަތަކީ އެއްކޮށް ހުއްޓާލަންވެއްޖެ ސިޔާސަތެއް ކަމަށް އަޅުގަނޑަށް ފެނެ އެވެ. އޭގެ ބަދަލުގައި، ބިން ދޫކުރުމާއި، ގެދޮރުވެރި ކުރުވުމަކީ ދައުލަތަށް ބުރައަކަށް ވުމުގެ ބަދަލުގައި މަންފާއަކަށްވާ ސިޔާސަތަކަށް ބަދަލުކުރެވޭތޯ އުޅޭންވީ އެވެ. މާލެއިން ވިޔަސް، ތުރާކުނުން ވިޔަސް ބިމެއް އަމިއްލަ ކުރަން ބޭނުންވާ މީހަކު ޖެހޭނީ އެ ބިމުގެ ހަމައަގު ދައްކާފައި ބިން ގަންނާށެވެ. މިގޮތަށް ބިމެއް ވިއްކާނީ ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ބިން ނެގުމަށްފަހު ވިއްކާނޭ ބިން ހުރިނަމަ އެވެ.
ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ބިމަކީ އެ ބިމުގައި އިމާރާތްކޮށްގެން ކުއްޔަށްދެވޭ، ނުވަތަ ގެސްޓްހައުސް ހިންގަން ލިބޭ މުދަލަކަށް ވެގެން ވެސް ނުވާނެ އެވެ. އެ އުސޫލުން ހިންގާ ބިންތަކަކީ ވިޔަފާރިކުރުމަށް ދޫކުރެވިފައިވާ ބިމެއް ކަމަށް ގިންތި ކުރަންޖެހެ އެވެ. އޭގެ ނަތީޖާއަކަށްވާނީ، ވިޔަފާރިކުރަން ދައުލަތުން ދޫކުރާ ބިންތަކަށް ދައްކަންޖެހޭކަމަށް ކަނޑައަޅާ ފީ އެއް އެ ބިމަށް ވެސް ދައްކަންޖެހުމެވެ.
މިހެން ވިޔަސް، މީހުން ދިރިއުޅުމަށްޓަކައި އިމާރާތް ކުރުމަށް ބިން ލިބޭނޭ ގޮތެއް ވެސް ފަހިވެފައި އޮންނަންވާނެތާ އެވެ. އެ މަގުސަދު ހާސިލުކުރުމަށްޓަކައި ދައުލަތުގެ ބިން ދޫކުރާނީ ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ހިންގުމަށް ހުށަހަޅާ އަމިއްލަ ކުންފުންޏަށެވެ. ކުންފުނިން ބިމުގައި އިމާރާތްކުރާނީ ގިނަ ފުލެޓުތައް ހިމެނޭ އެއްމެދު އިމާރާތެވެ. ނުވަތަ މަތީ ފަންތީގެ ރޯހައުސް އެވެ. އިމާރާތް ކުރާނީ އެ ކުންފުނީގެ އަމިއްލަ ހަރަދުގަ އެވެ. އެ ކުންފުންޏަށް ބިން ދޫކުރާނޭ އަގު ކަނޑައަޅާނީ، އެ ބިމުގައި އެ ކުންފުނިން އިމާރާތްކުރާނޭ ފްލެޓު ނުވަތަ ރޯހައުސްގެ އަދަދާއި، ފަންތިިއާއި، ބިން އޮތް ލޮކޭޝަނާއި، ނިންމާނޭ މުއްދަތަށާއި، އެ ބިމުން ގެދޮރުވެރިކުރެވޭނޭ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އެކަން ހިންގުމަށް އެ ކުންފުންޏަށް ދޭނޭ އިންސެންޓިވްއަކީ އިމާރާތްކުރުމަށްޓަކައި ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނޭ ގޮތް ހަމަޖެއްސުމެވެ. އިމާރާތްކުރުމުގެ ބަދަލުގައި، އިމާރާތް ކުރާ ރަށާ ޖެހިގެން އޮންނަ ފަޅުރަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، އިގްތިސާދީ ބޭނުމަކަށް އެ ކުންފުންޏަށް ދޫކުރުމަކީ ވެސް ކުރެވިދާނޭ ކަމަކެވެ. ގައިމު ގުދުރަތުން މިހައި ގިނަ ފަޅުރަށްތައް ލައްވާފައި މިހުރީ ދޫންޏާއި ވެލާ އަރައި ބިސް އަޅަން އެކަނި ކަމަކަށް ނުވާނެތާ އެވެ. ގުދުރަތީ ވެށްޓަށް ފަރުވާ ބަހައްޓައިގެން، މި ރާއްޖޭގައި ދިރިއުޅޭ ބައެއްގެ ދިރިއުޅުން ތަނަވަސް ކުރުމަށް އެ ރަށްތައް ބޭނުން ކުރުމުގައި ގޯހެއް ނެތެވެ.
ފުލެޓު ނުވަތަ ރޯހައުސް އިމާރާތްކުރާ ކުންފުންޏަށް މި ދޭ ލުއިތަކުގެ ބަދަލުގައި ފުލެޓު ވިއްކާ އަގު ކެޕް ކުރުމަށް ސަރުކާރަށް ޝަރުތު ކުރެވިދާނެ އެވެ. މިކަހަލަ ސްކީމެއް ތައާރަފު ކުރެވިއްޖެނަމަ މުޖުތަމައުގެ މެދު ފަންތީގެ އާއިލާތަކަށް ގެދޮރުވެރިކަން ހޯދައި ދިނުމުގެ މާލީ ބުރަ ދައުލަތުން އުފުލާކަށް ނުޖެހޭނެ އެވެ. ފުލެޓު އިމާރާތްކުރާ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދައްކާނީ މެދު ފަންތީގެ އާމްދަނީ ލިބޭ މީހާ އެމީހާގެ ފެންވަރުންނެވެ. ސަރުކާރުން ކަނޑައެޅި އަގުހެޔޮ ރޭޓުގަ އެވެ. އޭނާއަށް އެކަމުގައި އެހީތެރިވުމަށް ލޯނު ދޫކުރާނީ ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުންނެވެ.
މިހާރުވެސް ހުޅުމާލޭގައި ބައެއް ބިންތަކުގައި އިމާރާތްކޮށް އެ ވިއްކަނީ މި އުސޫލުންނެވެ. މިއީ މުޅި ރާއްޖެއަށް ފުޅާކުރެވޭނޭ މަޝްރޫއެކެވެ. މާލެއާއި ހުޅުމާލޭގައި ނަމަ ފުލެޓު އަޅާފައި، ރާއްޖޭގެ އެހެން ރަށްރަށުން ބޯހިޔާވަހިކަން ދޭނަމަ ގޯތި ދޫކުރުމަކީ ސިޔާސަތަކަށް ވާންޖެހޭ ސަބަބެއް ނެތެވެ. މާލޭގައި ޖާގައިގެ ދަތިކަން އޮތް ފަދައިން ދޮންފަނުގައި ވެސް އޮތީ އެ ދަތިކަމެވެ. އެހެން ރަށްރަށުގެ ހާލަކީ ވެސް އެއީ އެވެ. އެހެންނަމަވެސް ރާއްޖޭގެ ރަށެއްގައި ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ހިންގާނަމަ އަޅަންޖެހޭކަމަށް ވަނީ ރޯހައުސް އެވެ. ވިހި އަހަރުން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް، ދައުލަތުގެ ހަރަދުގައި އެ މަޝްރޫއު ހިންގަންޖެހެނީ އެމްޓީސީސީންނެވެ. އެކަމަށްޓަކައި ކުރާ ހުރިހައި ހޭދައެއް ކުރަންޖެހެނީ ދައުލަތުންނެވެ. ބިންގާ އެޅުމަށާއި ހުޅުވުމަށް ކުރާ ދަތުރުތަކަށާއި ބާއްވާ ރަސްމިއްޔާތުތަކަށް ވެސް އެތައް ހޭދަ އެކެވެ. ސިޔާސީ މުނާފިގުކަމުގައި ބަޔަކު ކުޅަޔަސް، މިއީ ދައުލަތަކަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫނެވެ.
ވަކިވަކި ފަރުދުންނަށް ބިން ދޫކުރުމުގެ ސިޔާސަތު އެކީއެކަށް ހުއްޓާލާކަށް ސިޔާސީ މީހަކު ތާއީދެއް ނުކުރާނެ ކަން އަޅުގަނޑަށް ގައިމެވެ. އެވެރިން ގޮވައި ނަގަނީ ދިވެހިރާއްޖޭގައި ދިވެއްސަކު ގަންނަންޖެހޭ އެއްވެސް އެއްޗެއް އޮވެގެން ނުވާނޭ ކަމަށެވެ. އަށާރަ އަހަރު ފުރޭ ކޮންމެ ދިވެއްސަކަށް -- އޭނާ ދިވެހިރާއްޖޭގައި އަށާރަ އަހަރުވަންދެން ދިރިއުޅުނު ކަމަށްޓަކައި-- ބޯހިޔާވަހިކަން ދޭނޭ ވާހަކަ މިހާރު ވެސް އެ އިއުލާނު ކުރަނީ އެވެ. ސިޔާސީ މީހާ ދައްކާ އެ ވާހަކަ އަޑުއަހައި އަޅުގަނޑުމެން ތިބެ ކޮނޑުހުޅުން އަތް ލުހެންދެން އަތް ޖަހާއިރު، ދައުލަތުން ހިއްކާ ބިމަށާއި، ހިލޭ ދޭ ގޯއްޗަށާއި، ދައުލަތުން ހަރަދުކޮށްގެން ހަދާ ފުލެޓަށް ފައިސާ ދައްކަނީ އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ފައިސާއިން ކަން އަޅުގަނޑުމެންގެ އެކަކު ވެސް ހަނދާނެއް ނުހުރެ އެވެ.
ދިވެހިރާއްޖެއަށް އުފަންވެ، މިވަގުތު ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހަކީ ދައުލަތުގެ ތަބީއީ ވަސީލަތްތައް ލިބިގަތުމުގައި އެހެން އެއްވެސް މީހެއްގެ މައްޗަށް ހާއްސަވެގެންވާ މީހެއް ނޫނެވެ. ރާއްޖޭގެ ތަބީއީ ވަސީލަތްތަކުގެ މައްޗަށް އަޅުގަނޑުމެން އެންމެންގެ ހައްގު ހަމަހަމަ އެވެ. ދައުލަތެއްގެ ސަރުކާރުން މަސައްކަތް ކުރަންވާނީ އެ ވަސީލަތްތަކުން މަންފާ ލިބިގަތުމުގެ ހަމަހަމަ ފުރުސަތު ފަހިވެފައި އޮންނަކަން ކަށަވަރުކުރުމަށެވެ. ދިރިއުޅުން ބިނާކުރާން މަސައްކަތް ކުރާ މީހާއަށް ކުރިއަރައި ދެވޭނޭ މަގު ފަހިވެފައި އޮތްކަން ކަށަވަރުކުރުމަށެވެ. ކޮންމެ މީހަކީ ވެސް އޭނާގެ ދިރިއުޅުން ބިނާކުރުމަށް ޒިންމާވާ މީހަކަށް ވާންޖެހެ އެވެ. ތަބީއީ ވަސީލަތްތަކުން ބޭނުންކުރުމުގައި ދެމެހެއްޓިނިވި އަދި ހަމަހަމަ ސިޔާސަތެއް އެކަށައެޅޭނީ މި އުސޫލު އިސްކޮށްގެންނެވެ.
މިއީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ސިޔާސަތު އެކަށައެޅުމަށް އަޅުގަނޑަށް ފެންނަ ގޮތެވެ. މި ހިޔާލު ލިޔެލީ އަޅުގަނޑު ކަހަލަ ކުޑަ މީހަކު މިހެން ހާލީގައި އޮވެ ކިތަންމެ ހަޅޭކެއް ލެވިޔަސް އަލި ވިލޭނީ ހާ ގޮވީމައި ކަން ނޭނގޭތީކީ ނޫނެވެ. މި ކުކުރުމަށް ދޭ ރައްދަކަށް ވިޔަސް ހާލެއްގެ ސިޔާސީ ކައްކަކާކޯ އެއްގެ އަޑު އިވިއްޖެނަމަ މި މައުލޫއަށް ރަނގަޅު ބަހުސެއް ފެށި، އެ ބަހުސްގެ ތެރެއިން އިސާހިތަކު ގޮތެއް ފެނިދާނޭ ތޯއްޗެކެވެ.
ގެވަޅު ދޫކުރުން ހުއްޓާލައި، ބޯހިޔާވަހިކަމަށް ފަހި ސިޔާސަތެއް އެކުލަވާލުން ގެވަޅު ދޫކުރުން ހުއްޓާލައި، ބޯހިޔާވަހިކަމަށް ފަހި ސިޔާސަތެއް އެކުލަވާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ