ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލުމުން ބަދަލުގެ ގޮތުގައި 250،000 ރުފިޔާ ދޭން އަމުރުކޮށްފި

ފުލުހުން ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލުމުން، ކާރުގެ ވެރިފަރާތަށް 250،000 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ކާރުގެ ވެރިފަރާތް ކަމަށްވާ މުހައްމަދު ނާޒިމް ވަނިކޮށް، ފުލުހުން ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަަނަ ދުވަހު އޭނާގެ ކާރު ޓޯކޮށްފައެވެ. ފުލުހުން ވަނީ ކާރު ޓޯކުރުމަށްފަހު ނާޒިމަށް ނާންގައި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ކާރު ނައްތާލައިފައެވެ. ފުލުހުން އެ ކާރު ޓޯކުރީ ވައިދެރިޔާ ހިނގުމުގެ ޒޯންގައި ޕާކު ކޮށްފައި ވަނިކޮށެވެ.
އެހެންވެ ނާޒިމް ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ އެދި ފުލުހުންގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ ދައުވާގައި އޭނާ ބުނީ އޭނާ ކަރެކްޝަންގެ ބަންދުގައި ހުރި ދުވަސްވަރު ފުލުހުން ކާރު ޓޯކޮށްފައިވާކަން އެއްވެސް އިއުލާނަކުން ފެންނަން ނެތް ކަމަށެވެ. އަދި ބަންދުން ދޫވުމުން، ފުލުހަށް ދިޔަ ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން ކާރު ޓޯކުރި ކަމުގެ އިއުލާން ލިބިފައިނުވާ ކަމަށެވެ.
އެ މައުލޫމާތު ހޯދުމަށް އެދި ރަސްމީކޮށް ފުލުހުންނަށް ސިޓީ ފޮނުވުމުން، ޖަވާބުގައި ކާރު ނައްތާލާފައިވާ ކަމަށް ފުލުހުން ބަޔާންކޮށްފައިވާ ކަމަށް ނާޒިމް ބުންޏެވެ. ފުލުހުން ކާރު ޓޯކުރިކަމުގެ އިއުލާން ލިބުނީ ސިޓީ ހުށަހެޅިތާ ހަތް ދުވަސް ފަހުން ކަމަށާއި އެ އިއުލާން ޝާއިއު ކޮށްފައިވަނީ ކާރު ނައްތާލި ފަހުން ކަމަށް ނާޒިމް ބުންޏެވެ.
ޖަލު ބަންދުގައި ތިބޭ މީހުންނަކީ އިންޓަނެޓް އަދި ސޯޝަލް މީޑިއާއަށް އެކްސެސް ލިބޭ ބަޔަކަށް ނުވާތީ "އެއްގަމު ދަތުރުފަތުރުގެ" ގާނޫނުގެ ދެވަން އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް 24 ގަޑިއިރުގެ ތެރޭގައި ޓޯކުރި އުޅަނދުތަކުގެ މައުލޫމާތު ހާމަކުރަންވާނެ ކަމަށް ނާޒިމް ބުންޏެވެ. އެކަން އެގޮތަށް ކުރުމަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކާރު ނައްތާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ ފަރާތުން ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ފުލުހުން ބުނީ، ކާރު ނައްތާލާފައިވާ ކަމަށާއި އެގޮތަށް އަމަލުކުރީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނޫ"ގެ ދަށުން ގާނޫނާ އެއްގޮތަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ކާރު ނައްތާލާފައިވަނީ ވައިދެރިޔާހިނގުން މަގު ޒޯންގައި (ގިޔާސުއްދީން ސްކޫލް ކައިރި) ކާރު އެއްގޮތަކަށް ވެސް ނުނަގާ މެދުކެނޑުމެއްނެތި ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބޭއްވުމުގެ ސަބަބުން ކާރު ޓޯކުރުމަށްފަހު، އެކަމުގެ އިއުލާން ޝާއިއުކުރުމަށްފަހު ކަމަށެވެ.
"އެއްގަމު ދަތުރުފަތުރުގެ ގާނޫނޫ" ގައިވާ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ވެސް ދުއްވާ އުޅަނދެއް މެދުކެނޑުމެއްނެތި ބޭއްވޭނީ ހަތް ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ. ހަތް ދުވަސް ހަމަވުމުން އުޅަނދުތައް ނަގައި ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހުތިޔާރު އެ ގާނޫނުގެ ދަށުން ލިބިގެންވާ ކަމަށެވެ. ކާރު ނައްތާލާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ މުހުލަތެއް ދިނުމުށްފަހު ކަމަށެވެ.
އެ މައްސަލައިގައި ރައުޔުގައި ގާޒީ ވިދާޅުވީ ޓޯކުރާ އުޅަނދެއް ނައްތާލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެ އިއުލާން އާންމު ކޮށްފައިވަނީ ކާރު ނައްތާލުމަށްފަހު ކަމަށެވެ. އެހެންކަމުން ކާރާ ހަވާލުވުމަށް ކާރުގެ ވެރިފަރާތަށް ފުރުސަތު ލިބިފައި ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ އެ މައްސަލައިގައި އަމުރުގައި ގާޒީ ވިދާޅުވީ ފުލުހުން ކާރު ނައްތާލާފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ. އެހެންވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކާރުގެ ވެރިފަރާތަށް އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފުލުހުން 250،000 ރުފިޔާ ދިނުމަށް ކަނޑައަޅައި، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ޖަމާކުރަން އަމުރުކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ރިޒްމީނާ އިދްރީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ