ހަމަ އެކަނި މާލެ ސަރަހައްދު އާބާދުކުރާނަމަ ރާއްޖެ ބެލެހެއްޓުމަށް އުނދަގޫވާނެ: މެމްބަރު ވަހީދު

ހަމައެކަނި މާލެ ސަރަހައްދު އާބާދުކުރާނަމަ ރާއްޖެ ބެލެހެއްޓުމަށް އުނދަގޫވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެމްބަރު ވަހީދު މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިމިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްގީކުރަން ނިންމާފައިވާ މާލެއަތޮޅު ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެއްނުއްވުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
މެމްބަރު ވިދާޅުވީ ހުޅުމާލެ އަށްފަހު، ގުޅިފަޅު، ގިރާވަރު ފަޅު، ތިލަފަޅު އަދި ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރަން ފެށުމުން، މާލޭ ސަރަހައްދު ފިޔަވައި މުޅި ރާއްޖޭގެ އެހެން ސަރަހައްދުތައް ފަޅު ވެދާނެ ކަމުގެ ބިރު އުފެދޭކަމަށެވެ. އަދި އެހެން ވެއްޖެނަމަ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ ސަލާމަތަށްވެސް ނުރައްކާ ވާނެކަމުގެ ކަންބޮޑުވުން މެމްބަރު ވަހީދުވަނީ ފަޅުކުރައްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިިނިސްޓްރީން އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ހިމަނާފައިވާ ގޮތުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އުމްރާނީ އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް އޮތް ތިން އަހަރަށް 1.4 ބިލިއަން ރުފިޔާ ސީދާ ބަޖެޓުން ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިންގުމަށް ރާވާފައިވާ އެ މަޝްރޫއުގެ ދަށުން ފައިސާ ހަރަދުކުރަން ބަޖެޓްކޮށްފައިވާ ގޮތަކީ، އަންނަ 2024 ވަނަ އަހަރަށް 400 މިލިއަން ރުފިޔާ، 2025 ވަނަ އަހަރަށް 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރަށް 350 މިލިއަން ރުފިޔާއެވެ.
ޑރ. މުއިއްޒު އިއުލާންކުރައްވާފައިވާ މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،280 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިއީ ހުޅުމާލެ ދެވަނަ ފިޔަވައްސަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ.
ފުށިދިއްގަރުފަޅު މަޝްރޫއާއި މި ސަރުކާރުން ފަށާފައިވާ ގިރާވަރު އަދި ގުޅީފަޅު މަޝްރޫއު ހިމަނައިގެން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ