ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
އެ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަކަމަށް ޖުޑިޝަރީ ކޮމިޓީން ރުހުން ދިނީ މިއަދު އޮތް ބައްދަލުވުމުގަ އެވެ.
އެގޮތަށް ނަން ފާސްކޮށްފައި ވަނީ މަޖިލީހުން ގޮތެއް ނިންމައިދޭން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވުމުންނެވެ.
މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވާލުމާއެކު ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޖޭއެސްސީން އިންޓަވިއު ކުރުމަށްފަހު ނިންމާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުއްވުމަށް ރައީސަށް ލަފާ ދެއްވުމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. އެގޮތުން ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިތުރު ގ. އަންމޯލް އިބްރާހިމް އަލީ އަދި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވަނީ ކުރިމަތިލައްވާފައެވެ.
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ