ކައުންސިލުތައް ބިނާކުރަން ބަޖެޓުކޮށްފައި ހުރީ އެކަށީގެންވާ އަދަދުތަކެއް ނޫން: ސްޓޭޓް މިނިސްޓަރު އަހުމަދު

މި އަހަރުގެ ބަޖެޓުގައި ކައުންސިލު އިމާރާތްތަކެއް ބިނާކުރަން ހިމަނާފައިހުރިނަމަވެސް އެކަމަށް ޖަހާފައިވާ އަދަދުތަކަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކަށީގެން ނުވާ ވަރަށް ކުޑަ އަދަދުތަކެއްކަމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވަނީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަހުމަދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިކަމަށެވެ. އަދި ހުވާކުރެއްވުމަށްފަހުވެސް އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކުރެއްވުންކަން ފާހަގަކުރެއްވިއެވެ.
އަހުމަދު ވިދާޅުވީ، އެ ދަތުރުފުޅުތަކުގެ ތެރެއިން 168 ކައުންސިލާއި އެމަނިކުފާނު ބައްދަލުކުރެއްވިކަމަށާއި އޮންނަނީ ޖުމުލަ 173 ކައުންސިލުކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ބައްދަލުވުންތަކުގެ ތެރެއިން ކައުންސިލުތަކުން އެމަނިކުފާނާއި ހިއްސާކުރި ދަތިތަކުގެ ތެރެއިން އޮފީސް އިމާރާތްތަކުގެ ދަތިކަން ހާއްސަ ގޮތެއްގައި ފާހަގަކުރެވުނުކަމަށާއި ސަބަބަކީ މީގެ އެތަކެއް އަހަރުކުރިން އެޓޯލްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހެދިފައިވާ ތަންތަނަށްވުންކަމަށެވެ.
އޭނާ ވިދާޅުވީ، އޭރު ބިނާކުރި އޮފީސްތައް ހުރީ އާނުކުރެވިކަމަށާއި އެ ސަބަބުތަކާއި ގުޅިގެން ކައުންސިލުތަކުގެ މުއައްޒަފުންނާއި ކައުންސިލަރުންނަށްވެސް މަސައްކަތްކުރާނެ ޖާގަ ނެތްކަމަށެވެ. އެހެންކަމުން ދަތުރުފުޅުތަކަށްފަހު ރައީސްވަނީ 50 ކައުންސިލު އިމާރާތްކޮށްދެއްވާނެކަން އިއުލާނުކުރައްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، މިއަހަރަށް އެކުލަވާލި ބަޖެޓުގައި އެކި އެކި ކައުންސިލުތައް އިމާރާތްކުރުމަށް ބަޖެޓުކޮށްފައިހުރިކަމަށެވެ. ނަމަވެސް ފާއިތުވެގެންމިދާ އަހަރުގައި އެއްވެސް ކައުންސިލެއް އިމާރާތްކުރުމަށް ހަގީގަތުގައި ފައިސާ ނެތްކަމަށެވެ.
އަހުމަދު ވިދާޅުވީ، އިސްވެ ފާހަގަކުރެއްވި ގޮތަށް ދެންނެވެނީ ކައުންސިލުތައް އިމާރާތްކުރުމަށް ހިމަނާފައިހުރި އަދަދުތަކުގެ ސަބަބުންކަމަށާއި، 2 ލައްކައިން ފެށިގެން 6 ލައްކަ ރުފިޔާގެ އަދަދުތައްވެސް ހިމަނާފައިހުރިކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ކައުންސިލު އިމާރާތެއް ބިނާކޮށް ނިންމޭނެ ވަރުގެ އަދަދުތަކެއް ނޫންކަމަށާއި އާންމުކޮށް ކައުންސިލުތައް ބިނާކުރުމުގެ މަސައްކަތްތައް އަގުކޮށްފައިވަނީ 9 މިލިއަން ނުވަތަ 27 މިލިއަން ރުފިޔާގައިކަމަށެވެ. އެހެންކަމުން 6 ލައްކަ ރުފިޔާއަަކީ އެކަން ކުރެވޭނެ އަދަދެއް ނޫންކަން ސާފުވާކަމަށެވެ.
މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވުމާއިއެކު ރައީސްވަނީ ކޮންޓްރެކްޓާރ ފައިނޭންސިންގް އުސޫލުންނާއި ބޭރުގެ އެހީތެރިކަމާއިއެކު 50 ކައުންސިލުގެ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. އަދި މިހާރު ޗައިނާގެ ސަރުކާރުންވަނީ ރާއްޖެއަށް ގްރާންޓު އެހީގެ ދަށުން އެކަން ކޮށްދިނުމަށް ނިންމާފައިކަމަށާއި، އެ މަސައްކަތްތައް ހަވާލުކުރާނެ ކުންުފުންޏެއް ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުއިއްޒުވަނީ މި ކުރިއެރުންތައް ނޮވެމްބަރު މަހުގެ ތެރޭގައި ހިއްސާކުރައްވާފައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ