ގަތަރުގެ ރައުސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑު ގުދުރަތީ ގޭސް ޕްރޮސެސްކުރާ މަރުކަޒު ކަމަށްވާ ބަރުޒާން ގޭސް ފެސިލިޓީގައި މިދިޔަ އާދިއްތަ ދުވަހު އެއްޗެއް ގޮވައި މަދުވެގެން 13 މީހުން މަރުވެ، 66 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ގަތަރުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މި ހާދިސާއަކީ އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި "ޓެކްނިކަލް އެކްސިޑެންޓް" އެކެވެ. މި ހާދިސާ ހިނގާފައިވަނީ ގިނަ މަސްތަކެއް ވަންދެން މަރާމާތުކުރުމަށް ފަހު އަލުން އޮޕަރޭޝަންތައް ފެށުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ގޮވުމުގެ ސަބަބުން މުޅި ސަރަހައްދު އަލިވެގެން ދިޔައިރު، 70 ކިލޯމީޓަރު ދުރުގައި އޮންނަ ދޯހާގެ ބައެއް ހިސާބުތަކަށް ވެސް މި ގޮވުމުގެ ލޮޅުން އިހުސާސް ކުރެވުނެވެ.
ގަތަރުގެ އެނާޖީ މިނިސްޓަރު ސާދު ޝެރީދާ އަލް-ކާބީ ވިދާޅުވި ގޮތުގައި، މިއީ ގަސްތުގައި ބަޔަކު ދިން ހަމަލާއެއް ނުވަތަ އެފަދަ ނުރައްކާތެރި އަމަލެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތެވެ. މިއީ ހަމައެކަނި ހިނގި އެކްސިޑެންޓެއް ކަމަށާއި މީގެ ސަބަބުން ގަތަރުން ބޭރުކުރާ އެލްއެންޖީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ތިމާވެއްޓަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ފެސިލިޓީއަކީ ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކަކަށް މިދިޔަ ޑިސެމްބަރުން ފެށިގެން ބަންދުކޮށްފައި އޮތް ތަނެކެވެ. އޮޕަރޭޝަންތައް އަލުން ފެށީ ހާދިސާ ހިނގުމުގެ އެންމެ ދެ ދުވަސް ކުރިންނެވެ. މި ފެސިލިޓީގެ މަސައްކަތްތައް ފުރިހަމައަށް އަލުން ފެށޭނެ ތާރީހެއް ބުނަން އަދި މާ އަވަސް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ގޮވުން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ. މި ހާދިސާގައި މަރުވި އެންމެންނަކީ އިންޑިއާ އަދި ޕާކިސްތާނުގެ ރައްޔިތުންކަން މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ދޯހާގައި ހުންނަ އިންޑިއާގެ އެމްބަސީން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފަ އެވެ. އަދި އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަތަރުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުލަތުގެ ހަކަތައާ ބެހޭ ކުންފުނި، ގަތަރު އެނާޖީން ބުނި ގޮތުގައި، ހާދިސާ ހިނގުމާ އެކު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން މަސައްކަތް ފަށައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.
މި ހާދިސާ ހިނގި ފެސިލިޓީއަކީ މިއަހަރުގެ ކުރީކޮޅު ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި ގެއްލުންތަކެއް ލިބިފައިވާ ތަނެކެވެ. ގަތަރު އެނާޖީން އަންދާޒާ ކުރާ ގޮތުގައި، މި ގެއްލުންތައް މަރާމާތު ކުރުމަށް ކުރިއަށް އޮތް ތިނެއް ނުވަތަ ފަސް އަހަރުގެ ތެރޭގައި އެލްއެންޖީ އުފައްދާ މިންވަރު 12.8 މިލިއަން ޓަނަށް ދަށްވެދާނެ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން މީގެ ކުރިން ގަތަރުން ގޭސް އުފެއްދުން މެދުކަނޑާލުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ގޭހުގެ ފަސްބައިކުޅަ އެއްބަޔަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.
ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީގައި އެއްޗެއް ގޮވައި 13 މީހުން މަރުވެ، 66 މީހުން ޒަހަމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ