ޕެންޝަން ލިބޭ އުމުރު ހަމަވުމަށްފަހުވެސް ޝަރުއީ ދާއިރާގެ ވަޒީފާގައި ދެމިތިބެވޭނެ އުސޫލު އާންމުކޮށްފި

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޕެންޝަން ލިބޭ އުމުރު ހަމަވުމަށްފަހުވެސް ވަޒީފާގައި ދެމިތިބެވޭނެ އުސޫލުތައް ބަޔާންކުރާ ”ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ޝަރުޢީ ދާއިރާއިން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު“ ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފިއެވެ.
މި ގަވާއިދަކީ ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން، އެ ދާއިރާގެ ތަޖުރިބާކާރު މުވައްޒަފުންގެ ޚިދުމަތް މެދުނުކެނޑި ހޯދުމަށް އެކުލަވައިލާފައިވާ އުސޫލެކެވެ.
މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ޝަރުޢީ ދާއިރާގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ އިޖުރާތުތަކާއި، ބަލާނެ ހަމަތަކުގެ އިތުރުން ވަޒީފާގައި ދެމިތިބޭއިރު ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ ތެރޭގައި އުމުރުން 65 އަހަރުވާއިރު ވަޒީފާގައި ތިބި ފަރާތްތަކުގެ އިތުރުން، 7 ފެބުރުވަރީ 2019 އިން ފެށިގެން ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ޕެންޝަން އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް ވަޒީފާއަށް އެދުމުގެ ފުރުޞަތު އޮންނާނެއެވެ.
ރީ-އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާ ހަމަޖައްސައިދިނުމުގައި ތިން ގޮތަކަށް ޢަމަލުކުރެވިދާނެ ކަމަށް ގަވާއިދުގައިވެއެވެ. އެއީ ކުރިން ހުރި މަގާމުގައި ބެހެއްޓުމާއި، އެހެން މަގާމެއް ދިނުމުގެ އިތުރުން މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސްގެން ވަޒީފާ ހަމަޖެއްސުމެވެ. އަދި މުވައްޒަފުގެ އުމުރާއި ޞިއްޙީ ހާލަތަށް ބަލައި، ޕާޓް-ޓައިމްކޮށް މަސައްކަތްކުރުމާއި، ފްލެކްސިބަލް ގަޑިތަކުގައި މަސައްކަތްކުރުމުގެ އިތުރުން ގޭގައި ހުރެގެން މަސައްކަތްކުރުމުގެ (ރިމޯޓް ވޯކިންގ) ފުރުޞަތުވެސް ދިނުމަށް ވަނީ ނިންމާފައެވެ.
މި އުސޫލުން ވަޒީފާ ހަމަޖައްސާނީ އަހަރުން އަހަރަށް އައުކުރާ 12 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޮންމެ އަހަރަކުވެސް މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އެއްބަސްވުން އައުކުރެވޭނެއެވެ. މުސާރައާއި އިނާޔަތްތައް ދިނުމުގައި ޢަމަލުކުރާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. މީގެ އިތުރުން، މިފަދަ މުވައްޒަފުންނަށް އަހަރަކު 30 ދުވަހުގެ ޗުއްޓީ ލިބިދޭންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެނެވެ. މި އައު އުސޫލުގެ ސަބަބުން ޝަރުޢީ ދާއިރާގެ ތަޖުރިބާކާރު މުވައްޒަފުންގެ ޢިލްމާއި ހުނަރު ދިގު މުއްދަތަކަށް ދައުލަތަށް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ