ފަލާހުގެ މައްޗަށް އައްބާސް އަބުރުގެ ދައުވާ ކުރަނީ

ވެލިދޫ ދާއިރާގެ މެންބަރު އައްބާސްއާ ގުޅޭ ގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެއްކެވި ހުތުރު  ވާހަކަތަކާ ގުޅިގެން، ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ތައްޔާރުވަމުންދާ ކަމަށް އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިކަން ހާމަކުރެއްވީ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އެކްސް އެކްއުންޓުން ދެއްވި ރައްދެއްގަ އެވެ. 
ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންވި ޖަލްސާގައި ފަލާހު ވަނީ އައްބާސްގެ އަމިއްލަ ދިރިއުޅުމާއި، އޭނާގެ އަނބިދަރިންނާ ގުޅުވައިގެން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. 
"ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ އިވޭ ފާޑެއްގެ އައިޝާއެއް ވާހަކަ ކިޔާ އަޑު. މި ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާލަން އެބަ ޖެހޭކަންނޭނެ. އެންމެ ބޮޑަށް މި ވާހަކަ ދައްކާ އެކަކީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އައްބާސް. އަޅުގަނޑު އަޑުއަޑުއެހިން އަހުމަދު އައްބާސް އެއުޅޭ އައިޝާއެއް ގެންގުޅޭތާ އަށް މަސް ދުވަސް ވެގެން ދަނިކޮށް، ތަނެއް ކުއްޔަށް ހިފައިގެން އުޅެނިކޮށް އޭނާގެ ދަރިއަކަށް އެކަން ފަޅާއަރައިގެން އެ މައްސަލަ ޖެހިގެން އަންހެނުން ވެސް ދޫކޮށްލައިފިޔޭ،" މި ޖަލްސާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި އެތައް ޓީވީއަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަ ޖަލްސާގައި ފަލާހު ވިދާޅުވި އެވެ. 
"ދެން މިވާހަކަ އޮއްބާލަން ވެގެން ކީއްކުރަންތޯ އެހެން މީހުންގެ ބޮލުގައި ވާހަކަ އަދި ބަދުނާމު މި އަޅުވަނީ. މިއީ ހަޑިހުތުރު ކަންކަން. އަޅުގަނޑު ވާނީ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ދައްކާފައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި 100 ޕަސެންޓެއް ނޫން، އެ ވިދާޅުވާ ދައްކާ ނުބައި ވާހަކަ ތަކާ ދޭތެރޭގައި 1000 ޕަސެންޓު ޔަގީންކަން އެބަ އޮތް އެމަނިކުފާނު އެފަދަ ހުތުރު އަމަލެއް ނުކުރާނެކަމަށް އަޅުގަނޑަށް ކެރޭ މާތްﷲ ގަންދީ ހުވާކޮށް ހަތިމުގައި އަތްލަން."
ފަލާހުގެ ވާހަކައިގެ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އައްބާސްއޭ ވިދާޅުވިޔަސް އައްބާސްގެ ފުރިހަމަ ނަމަކީ މުހައްމަދު އައްބާސް އެވެ. 
އައްބާސް ވިދާޅުވީ، ފަލާހު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"14 މެއި 2026 ވަނަ ދުވަހުގެ ރޭ އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބުރާހިމް ފަލާހު އަޅުގަނޑުގެ އަބުރަށް ހުތުރުވާ ގޮތަށް އަދި އަޅުގަނޑުގެ އަނބި ދަރިންނާ ބެހޭ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ދޮގު ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބުރާތުން ކުއްވެރި ކުރަން! މީގެ އިތުރުން އަޅުގަނޑާ ބެހޭ ގޮތުން އެވިދާޅުވި ހުރިހާ ވާހަކަ ތަކަކީވެސް ކަނޑައެޅިގެން ދޮގުކަން އަޅުގަނޑުގެ އަނބި ދަރީން އާއިލާ އާ އެކުވެރިން ހެކިވާނެ. އަޅުގަނޑުގެ އަނބި ދަރިންނާ އާއިލާ އަކީ ވަރަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އަޅުގަނޑު ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ. މިކަމިގައި ހޯދަންޖެހޭ ގާނޫނީ ލަފާ ހޯދުމަށް ފަހު އަބުރުގެ ދައުވާ ކުރުމާ މެދު އަޅުގަނޑު ގެ ގާނޫނީ ޓީމުން ކުރަމުންދާ ވާހަކަ އެންމެ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އައްބާސް ވިދާޅުވި އެވެ. 
ފަލާހު މި ގޮތަށް ވާހަކަ މި ދެއްވީ އަދަދު ނޫހުން "އައިޝާ" ނަމުގައި އުފެއްދި ޑޮކިއުމެންޓަރީގައިވާ ވާހަކަތައް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް ނުފެތުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. 
އެ އަމުރުގެ ހަބަރު ލިޔުނު އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން، މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށް ފަހު އެވެ. 
ނަމަވެސް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުންގެ އިތުރުން އެތައް ބަޔަކު ކޯޓުގެ އެ އަމުރާ ހިލާފުވެފައިވާކަން ތުހުމަތު ކުރެވޭއިރު އެފަދަ މައްސަލައެއް ބަލައި އަދި އިތުރު މީހަކު ޖަލަށް ލުމަށް ހުކުމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ