އީޕީއޭއިން ޕްލޭނިން މިނިސްޓްރީ، 120،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

އައްޑޫ ސިޓީ މަރަދޫ ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއު ގަވައިދާ ހިލާފަށް، ކުރިއަށް ގެންގޮސްފައިވާތީ، އެންވަޔަރަމަންޓަލް ޕްރޮޓްކްޝް އެޖެންސީ (އީޕީއޭ) އިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ. އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 10 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގައި އީޕީއޭއިން އައްޑޫ ސިޓީ މަރަދޫ ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ 'ތިމާވެށީގެ ގޮތުން ނިންމި ލިޔުމާއި' ހިލާފަށް އީޕީއޭގެ ހުއްދަ ނެތި އެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ގަވައިދާ ހިލާފުވެފައިވާތީ އާއި އެ މަސައްކަތްކުރުމުގައި ކުށް ތަކުރާރުކުރި ތިން ވަނަ ފަހަރުކަމަށް ވާތީ، ޕްލޭނިން މިނިސްޓްރީ، 120،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އީޕީއޭއިން ބުނެފައިވަނީ އިއްޔެ އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އަންގާ ކަމަށެވެ. މީގެ އިތުރުން އީފީއޭގެ ހުއްދައަކާއި ނުލައި ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށް ފަހު 60 ދުވަހުގެ ތެރޭގައި އެންވައިރަމެންޓު އޮޑިޓު ރިޕޯޓް ހުށައެޅުމަށް ވެސް ވަނީ އީޕީއޭއިން މިނިސްޓްރީއަށް އަންގާފައެވެ. ހަމައެއާއެކު އީއައިއޭ މޮނިޓަރިން ޕްލޭންގައި ހިމަނައި، މޮނިޓަރިން ޕްލޭން އިސްލާހުކޮށް އާ މޮނިޓަރިން ޕްލޭނެއް ހުށައަޅާނެކަމުގެ ލިޔުމެއް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ހަތް ދުވަހުގެ ތެރޭގައި އީޕީއޭއަށް ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ